ގަބޯންގައި ބޭއްވި ރިއާސީ އިންތިޚާބުގައި ވޯޓު ދިނުމަށް ކިޔު ހަދާފައި.
30 އޯގަސްޓް 2023 - 13:25
މިދިޔަ ހޮނިހިރު ދުވަހު ގަބޯންގައި ބޭއްވި ރިއާސީ އިންތިޚާބުގެ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، އެ ގައުމުގެ ވެރިކަން، ސިފައިންގެ އިސް އޮފިސަރުންތަކެއްގެ ބާރުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
ރޭ ފަތިހުގެ ވަގުތެއްގައި އެ ގައުމުގެ ޓީވީ ޗެނަލެއް ކަމަށްވާ ގަބޯން24 މެދުވެރިކޮށް، ސިފައިންގެ އިސް އޮފިސަރުންތަކެއް އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ސައްހަކަން ގެއްލި ނަތީޖާ ގަބޫލު ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން، އެ އިންތިޚާބު ބާތިލުކޮށް، ދައުލަތުގެ އިދާރާތައް އުވާލައި، ގައުމުގެ ބޯޑަރު ބަންދުކޮށް، ސިފައިންގެ ބާރުގެ ދަށަށް ވެރިކަން ގެނައީ ކަމަށް ވެސް އެ އޮފިސަރުން ބުންޏެވެ.
އެ އޮފިސަރުންތައް ބުނި ގޮތުގައި އެމީހުންނަކީ ގަބޯންގެ ހުރިހާ ސަލާމަތީ ބާރުތަކާއި ދިފާއީ ހުރިހާ ބާރުތައް ތަމްސީލުކުރާ އޮފިސަރުންތަކެކެވެ. ސިފައިން ވެރިކަން އަތުލިކަން އިއުލާން ކުރީ، ހޮނިހިރު ދުވަހުގެ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސް އަލީ ބޮންގޯ އޮންޑިމްބާ ރިއާސީ ތިން ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމަށް، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާ އިން އިއުލާންކުރިތާ ދެތިން ގަޑިއިރު ފަހުންނެވެ.
"ގަބޯންގެ ރައްޔިތުންގެ ނަމުގައި އަހަރެމެން ނިންމާފައި މިވަނީ، މިހާރު އޮތް ވެރިކަން ނިމުމަކަށް ގެނެސް، ގައުމުގެ ސުލްހައާއި ހަމަޖެހުން ދިފާއުކުރުމަށް،" ސިފައިންގެ އޮފިސަރުން ޓީވީގައި ވާހަކަ ދައްކަމުން ބުންޏެވެ.
އިންތިޚާބުތަކާ ބެހޭ އިދާރާ އިން ރޭ އިރާކޮޅު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 64.27 ޕަސެންޓް، ރައީސް އަލީ ބޮންގޯ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ލީޑަރު އަލްބާޓޯ އޮންޑޯ އޮސާ އަށް ލިބިވަޑައިގަތީ 30.77 ޕަސެންޓެވެ.
ހޮނިހިރު ދުވަހުގެ އިންތިޚާބާ ބެހޭ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ، އެ އިންތިޚާބަކީ އަލީ ބޮންގޯ އާއި އޭނާ އަށް ތާއީދުކުރާ ސިޔާސީ ލީޑަރުން ދުރާލައި ރާވައިގެން ހިންގި ބޮޑު އޮޅުވައިލުންގަނޑެއް ކަމަށެވެ. އިންތިޚާބު އޮޅުވައިލި ކަމަށް އިދިކޮޅު ލީޑަރުން ތުހުމަތު ކުރެއްވީ، ވޯޓުލުން ކުރިއަށް ދިޔަ ވަގުތުތަކުގައި އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލައި، ގައުމުގައި ކާފިއު ހިންގައި ބައިނަލްއަގުވާމީ މީޑިއާތަކަށް ފުރުސަތު ނުދިނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިކިލީކްސް
31 August 2023
ތެލުގެ މުއްސަނދިކަން ލިބިފައިވާ ގެބޮން އަކީ ފުރާންސުގެ ބާރުވެރިކަމާ ނުފޫޒުގެ ދަށުގަ އޮތް ގައުމެއް. ސާބަހޭ ދަރީންނޭ.... ކިތަންމެ ތެލެއް ހުއްޓަސް އިންފުލޭޝަން އަތުފަތު ނުޖެހޭ. 1 ޔޫއެސް ޑޮލަރު 600 އަށްވުރެ ގިނަ ގެބޮންގެ ފައިސާއިން ބަލާނަމަ. ވީމާ ތިހެދީ ރަނގަޅަށް.
ޖުހާނާ
30 August 2023
އެފްރިކާ އިއުރަޕް ގެ އިސްތިއުމާރު ގައިމުތަކުގެ ކިބައިން ސަލާމަތްވާތަން ފެނުމުން ވަރަށް އުފާވޭ.
ކިރު ސައި
31 August 2023
ކަލޭމެންގެ ވިސްނުން ކުރަފީގެ އިސްތިއުމާރުން ސަލާމަތް ކޮށްބަލަ.
ދޮންކަނަ.
30 August 2023
ރަނގަޅު އެއްވެސް ގޮތެއް ނެތް. ތިން ދައުރު ހަތަރު ދައުރުވެސް މަދު. ވޯޓުލައިގެން ހޮވިޔަސް ވޯޓު ވެސް ގަބޫލެއް ނުކުރޭ.
ލލކކ
04 September 2023
ޚަބަރު ކިޔާލާފަ ކޮމަންޓްކޮއްބަލަ