ކެމްޕޭން ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ދެވަނަ ބުރަށް ނުކުންނާނީ ހެދުުނު މިސްޓޭކްސް ރަނގަޅުކޮށްގެން ކަމަށް ވިދާޅުވި.
11 ސެޕްޓެމްބަރ 2023 - 10:11
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބުނު އެންމެ ބޮޑު އެއް ސަބަބަކީ ގައުމުގެ މިނިވަންކަމާއި އިސްތިގާލު ގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދިޔަ ދޮގުތަކާއި އޮޅުވާލުންތަކަށް ރައްދުނުދީ ކެމްޕޭން ކުުރިއަށް ގެންދިއުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސްގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވީ ލައްކައަކަށް ވުރެން ގިނަ ވޯޓާ އެކުގަ އެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގެ ތިބި ކަމަށް ވެސް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ފަތުރަމުންދިޔަ ކަމަށެވެ. އެ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރަންޖެހޭ ކަމަށާއި އެކަން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދޮގު ވާހަކަތަކެއް ކިޔައިދީގެން ގަބޫލުކުރެވޭ ވަރަށް ރައްޔިތުންގެ ބޮލަށް ވައްދާފައި އެބަހުރި. އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަޅުގަނޑުމެންނަކަށެއް އެއަކަށް ރައްޔިތުންނަށް އޮޅުންފިލުވައިދޭ ވަރަށް ކެމްޕޭން ތެރެއަކު މަސައްކަތް ކުރެވިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ އިތުރުން ވެސް ވަރަށް ގިނަ "މިސްޓޭކްސް" ހެދިފައި އެބަހުއްޓެވެ. އުއްމީދުކުރި ނަތީޖާ ނުލިބުނީ ވޯޓުލާން ނުކުތް އަދަދާއި އެމްޑީޕީއަށް ނެރެވުނު އަދަދު ވެސް މަދުވެގެން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިދާރީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ދެވަނަ ބުރުގައި ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްގައި ޕްލެޖްވޯޓު ހުރި ވަރާއި، ވޯޓު ދޭން ނިންމައިގެން ތިބި ވަރަށް ގިނަ މީހުން ވޯޓުނުލާ އެބަތިބި. ބައެއް ރަށްރަށުގައި ޕްލެޖުގެ ތެރެއިން 300-400 ވޯޓު ނުލެވި އެބަހުރި،" ރައީސް ވިދާޅުވި އެވެ.
"މީހުން ނެރުމުގައި އަޅުގަނޑުމެންނަށް ކުރިން ކުރާ ވަރަށް މަސައްކަތްނުކުރެވި ހުރި ކަމަށް އެބަފެނޭ. އިރާދަކުރެއްވިއްޔާ މި ކަންތައްތައް ބަދަލުވީމަ އަޅުގަނޑުމެންގެ ޕްލެޖް ވޯޓަށް ބަލާއިރު މިއީ ނުވާނެ ކަމެއް ކަމަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެވަނަ ބުރަށް ކޯލިޝަން ހަދަން ބައެއް ޕާޓީތަކާ ވާހަކަދައްކަމުން އަންނަ ކަމަށެވެ. ބައެއް ޕާޓީތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމީކޮށް އެކަން އިއުލާންކުރެވޭ ހިސާބަށް ނުދެ އެވެ. ދެވަނަ ބުރުގައި އެ ފަރާތްތަކާ އެކު ކޯލިޝަނަކުން ނުކުމެވިއްޖެ ނަމަ ފުދޭވަރެއްގެ ކުރިއެރުމެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އެދިވަޑައިގަތީ މި ގައުމު ވެއްޓޭ އަނދަވަޅުން ސަލާމަތްކުރަން އެންމެން މަސައްކަތްކޮށްދިނުމަށެވެ.
"އަޅުގަނޑުގެ އެދުމަކީ ގައުމު ގޮސް މިވެއްޓޭ އަނދަވަޅުން ސަލާމަތްކުރަން އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރައްވާށޭ. ނޫނިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ވަރަށް ބަނަ. ވަރަށް އަނދިރިކޮށް މި ފެންނަނީ. އަނެއް ކެންޑިޑޭޓުގެ ލިންކްތައް ބަލާއިރުގައި އަޅުގަނޑުމެން ބިރުގަންނަ ކަހަލަ އެތައް ކަމެއް އެބަފެނޭ. ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާނީ އެންމެން އެކީގައި ގޮސް ކާމިޔާބުކުރަން ޖެހެއޭ," ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުން
14 September 2023
ކޮން ރައްދޭން ދޭން.ހަގީގަތް އެއޮތީ ފެންނަން.ރައްދު ދޭ ވަރަކަށް ސޯޓް ބޭލޭނީ..ޗޯރަށް ދެވަނަ ދައުރެއް ދެވޭކަށްނެތް.މުއިއްޒު އާއި ސޯލިހުގެ ތަފާތަކީ ދަބަނރު ޖަހާފަ އޮތް ދަގަނޑު ގަޑަކާއި ޖަވާހިރެއްގެ ތަފާތު.ތައުލީމާއި ގާބިލުކަމާއި ދީންވެރިކަމަށް ބެލިޔަސް.ބޮލުގަ އެއްޗެއް ހުރީއަކީނުން.ކައިރީގަ އުޅޭ އެންމެން ގައުމު ދަވާލާއިރު ވާނުވާވެސް ނޭގެ.
ސުމުއްވުލް
12 September 2023
މާމޮޅު ސޮފްޓުވެއަރއެއް ހަދައިގެން އެޔަށް ބަލަންތިބީ. ވޯޓުލާން ގުޅާވެސްނުލާ މަށަކަށް. މަވެސް މީ އެމްޑޕީއިން ކަނޑާލި ލިސްޓު މީހެއް.
އާރުކާާޓީ
12 September 2023
އައްޑޫގައި އިންޑިޔާ ސަރުކާރުން ހެދި ޕޮލިސް އެކަޑަމީ ހެދި އިރުވެސް އެތަނަކީ އިންޑިޔާ ސިފައިންގެ މަރުކަޒެއްކަމުގައި އިދިކޮޅުން ގޮވަމުންދިޔަ، އެކަމު މިއަދު ބަލާބަ، އެއިމާރާތުގައި ތިބީ ދިވެހި ފުލުހުން ނޫންތޯ. ދިވެހި އެތައް ދަރިންނެއް އިލްމު އުގެނެމުންދާ ދިވެހި ފުލުހުންގެ ޕޮލިސް އެކަޑަމީއެއް އެތަނަކީ، އިންޑިޔާ ކިތައް ސިފައިންތޯ އެތާތިބީ، ކޮން ދިދައެއްތޯ އެތާ މެދުގަ ވިހުރެމުންދަނީ.
މިއޮތީ
11 September 2023
އިންޑިޔާ ސިފައިން ރާއްޖޭގެ މިނިވަންކަން ނަގާލަން އެބަތިބި----ހުސް ދޮގު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވިއްކާލައިފި---ހުސް ދޮގު ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރައްޖޭގެ ބިމުން ބައެއް އިންޑިޔާއަށް ދީފި---ހުސް ދޮގު މިހުރިހާ ދޮގެއް ވިއްކައިގެން މުއިއްޒުއަށް ވޯޓު ލިބުނީ. ކޮބާ ލަދު ހަޔާތް؟؟؟؟
ތިއޮތީ
11 September 2023
ތިއޮތީވެސް ހުސް ދޮގެއްނު ހަދާފަ.
މަދެކޭގޮތް
11 September 2023
އަހަރެން ކަލޯ އަށް ވޯޓުނުލީ ކަލޯގާތުގަ ސޭކް އިމްރާން ހުރީމަ އަހަރެން އެންމެ ދެކެން ބޭނުންވަނީ އޭނަ މަގުމަތީގަ ދޮގުހަދާ ގައުމައްޓަކާ ދީނައްޓަކާ ފެލެން ހުންނަމަންޒަރު ނޫނީ ޖަލުގަ އޮންނަ މަންޒަރު
ސާފުވެއްޖެ
11 September 2023
އިދިކޮޅުންގޮވީ ކަލޭގެ ވެރިކަމުގަ ތަކެތީގެ އަގު މިއިން ދުވަހަކު ނުދާވަރަށް މަތިވެއްޖެޔޭ ޑޮލަރުއަގު މަތިވެއްޖެޔޭ މަހުގެ އަގު ދައްވެއްޖެޔޭ މިދިޔަ 30 އަހަރު ނެގިދަރަނި ކަލޭ 5 އަހަރުން ނަގާފިޔޭ އެތަށް ޓެކްސްއެއް އަލުން ނަގައިފިޔޭ ޔާމީނު އެތައްހާސް މީހުންނަށް ބޯހިޔާވަހިކަން ދޭން ހިއްކާފަ އޮތް ބިމެއް ކަލޭ ވޯޓުހޯދަން ބަޔަކަށް ހިލޭ ބަހާލާފިޔޭ ވެރިކަމަށް އަންނަންވީ ވައުދުގެ 30% ނުފުއްދެޔޭ މިގައުމަށް ދުވަހަކު އަތްގަދަނުކުރާވަށް އިންޑިއާއިންއަތްގަދަކޮށްފިޔޭ
5789
11 September 2023
މިހާރު ފޭކު އެގްރީމެންޓެއްހަދާ ސިފައިންގެ މީހުންލައްވާ ދޮގު އިންޓަރވިއުދީ ނިމުނީތަ؟
ޑީޑީޑީޑީ
11 September 2023
މާރިޔާ ދީދީ އަށް ޑިފެންސް މިނިސްޓަރު ކަން ދިނުމަކީ ރައީސް ޞޯލިހަށް ހެދުނު ޅައެއްޗެއް.
އުދުހޭ
11 September 2023
1. އިންޑީޔާއައުޓް ކިއުން މަނިކުފާނުމެން މަނާކުރި. 2. އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ އުތުރުފިލަފަޅުގެ އެއްބަސްވުން ސިއްރުކުރި. 3. ލައިވް ބަހުސްގައި އެކަމާ މަނިކުފާނާ ސުވާލުކުރެވުމުން އެކަން ދޮގުކުރާކަން ނުކެރުން. ދެން ކޮން އިތުރު ހެއްކެއްތޯ ރައްޔިތުން ބޭނުންވަނީ؟ ރައްޔިތުންނަށް މަންޒަރު ސާފު.
ކަނބިލި
11 September 2023
މިހާރު ދިވެހިން ބޭނުންވަނީ އައު ވެރިއަކު ތަޖުރިބާ ކޮށްލަން. މި ސަރުކާރުގެ ނާގާބިލުކަމުން ހުރިހާ ކަމެއްގެ އަމާޒު ހިފީ ވޯޓު ހޯދަން. ކޮންމެކަމެއްގައިވެސް ވޯޓު. އެއްވެސް ޕްލޭނެއް ދުރުވިސްނުމެއް ނެތް. ކޮރަޕްޝަނާއި ފަސާދަ ހިންތިހާއަށް. ވެރިއަކަށް ހުރީ ބުނާ ކޮންމެ އެއްޗަކަށް ބޯޖަހާލާ ދިއްކޮށްލާ ކޮންމެ އެއްޗެއްގައި ސޮއި ޖަހާ މީހެއް.