ކުމުންދޫގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ރީރަޖިސްޓާކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވި - ފޮޓޯ: ނިޝާން އަލީ / މިހާރު
17 ސެޕްޓެމްބަރ 2023 - 11:02
މި ސަރުކާރުން ރިޔާސީ އިންތިހާބު "ވަގަށް" ނެގުމުގެ މަސައްކަތް ފަށައިފި ކަމަށާއި ރީރަޖިސްޓަރީ ކުރުމަށް ދެ ދުވަސް ތެރޭ 25،000 ފޯމު ހުށަހަޅާފައިވަނީ އެ އޮޅުވާލުމުގެ ތެރެއިން ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން، މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓަރީ ކުރަން މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން، ކަންބޮޑުވުމާ އެކު ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދެ ދުވަސް ތެރޭގައި 25،000 ފޯމު ހުށަހެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ފޭކް ފޯމްތަކެއް ކަމަށެވެ. އެކަން ކުރަނީ ސަރުކާރުން އިންތިހާބު "ވަގަށް" ނެގުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑު ކަންބޮޑުވުމެއް. އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު އަށް ވެސް އަޅުގަނޑު ގުޅިން މިއަދު. ފުއާދު ވިދާޅުވި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތޭ. ރީރަޖިސްޓާ ކުރާ ގޮތް ބަލައިދޭށޭ،" ހދ. ކުމުންދޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ސަރުކާރުން އެ އުޅެނީ އިންތިހާބު ވަގަށް ނަގަން. އެ ވަގަށް ނެގުމުގެ ފުރުސަތު ދީގެން ނުވާނެ."
އަބްދުއްރަހީމް ވިދާޅުވީ އެ ފޯމުތަކަށް ވަރަށް ބޮޑަށް ފާރަވެރިވާން އެބަޖެހޭ ކަމަށާއި މިހާރުން މިހާރަށް ހުރިހާ ކަމެއް ހުއްޓާލައި އެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އެ ރަށެއްގައި ރީރަޖިސްޓަރީވި މީހުންނަކީ ކޮބައިތޯ ބަލައި، ހަގީގަތުގައި ވެސް އެ މީހަކު ފޯމު ހުށަހެޅިތޯ ޔަގީން ކުރަން އަބްދުއްރަހީމް ޕީޕީއެމްގެ މެންބަރުންނަށް ގޮވާލެއްވި އެވެ.
"މޭޒެއް ކައިރީގައި އިށީނދެ، މި މަސައްކަތް ފަށަން ގޮވާލަން. ރަޖިސްޓްރީ ކުރެވުނު ތަން ސާފުކޮށްދޭން އެބަ ޖެހޭ. ވަރަށް ބޮޑަށް ފަރުވާތެރިވެގެން ނޫނީ މިކަން ނުވާނެ. 48 ގަޑިއިރު މި ލިބެނީ ޝަކުވާ ހުށަހަޅަން، އެ މުއްދަތުގެ ތެރޭ މިކަން އެބަ ޖެހޭ ކުރަން. ދެ ދުވަހުގެ ތެރޭގައި 25،000 މިއީ ކަނޑައެޅިގެން ދޮގެއް. ކިހިނެއް އެކަން ކުރާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރަނގަޅަށް ސާފުކޮށް އޮޅުންފިލުވައިގެން ނޫނީ އިންތިހާބު ބާއްވައިގެން ނުވާނެ."
ވަރަށް ބޮޑު ކަންބޮޑުވުމެއް. އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު އަށް ވެސް އަޅުގަނޑު ގުޅިން މިއަދު. ފުއާދު ވިދާޅުވި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތޭ. ރީރަޖިސްޓާ ކުރާ ގޮތް ބަލައިދޭށޭ،"--- އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ މިއަދު މެންދުރު އެކެއް ޖަހާއިރު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށާއި އެ ތަނުން ނުކުންނާނީ ރީރަޖިސްޓްރޭޝަން މައްސަލަ ކޮޅެއްގައި ޖައްސައި ހައްލުކޮށްފައި ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ހަމައެކަނި ލީޑަޝިޕްގެ ބޭފުޅުންނެއް ނޫން. އާންމު މެންބަރުންނާއި ސެނެޓުން ވެސް [އީސީ އަށް] ވަޑައިގަންނަވާ. އެކެއް ޖަހާއިރު ކޮޅެއްގަ ޖައްސާފައި ނޫނީ ގެއަށް ވަދެގެން ނުވާނެ. ވައްކަން ކުރަން ފުރުސަތު ދީގެން ނުވާނެ. މި ފުރުސަތު ދީގެން ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެން ހުރިހާ ކަމެއް ހުއްޓާފައި މިކަން ހައްލު ކުރަން އުޅެންވީ. ލާހިކެއް ނޫން މި އިންތިހާބު ވަގަށް ނަގާކަށް. ލީޑަރުންނަށް އެކަނި ދޫކޮށްނުލާ. ހުރިހާ މެންބަރުން ވަޑައިގަންނަވާ."
ހދ. ކުމުންދޫގައި ވާހަކަ ދައްކަވަމުން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ވަނީ އިންތިހާބުގައި އެ މީހުންގެ ބަސް ބުނެފައި ކަމަށާއި ނަތީޖާ ވަރަށް ސާފު ކަމަށެވެ. އެ ނަތީޖާ އޮޅުވާލައިގެން ބަދަލުކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ސައްހަ ނޫން އެތައް ހާސް ފޯމެއް ވައްދައިގެން އިންތިހާބު ވަގަށް ނަގަން ފުރުސަތު ދީގެން ނުވާނެ. ފަރުދީ ގައުމީ ޒިންމާ އަދާކުރުމަށް އެދެން. ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ފުރުސަތު ދީގެން ނުވާނެ. މި ފުރުސަތު ދެވިގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާރުކައިޒީން
18 September 2023
ފުއާދު އަށް ވެސް އަޅުގަނޑު ގުޅިން މިއަދު. ފުއާދު ވިދާޅުވި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތޭ. ރީރަޖިސްޓާ ކުރާ ގޮތް ބަލައިދޭށޭ ފުއާދު ކީއްވެ އަދުރޭ ގާތު ބުނަންޖެހެނީ ބަލާދޭށޭ؟ އަދުރޭއަކީ ގޭންގެއްގެ ލީޑަރެއްތަ؟ ފުއާދުގެ އެއްވެސް ބާރެއް ނެތީތަ އީސީގަ
ގުރާބު
17 September 2023
މީނައަށް ދޯ އެެނގެނީ އީސީއިން ހަދަންވާ ގޮތްވެސް.
ކުޑަހުސެން
17 September 2023
މަށަކީވެސް ޕީޕީއެމް މީހެއް. އެކަމަކު މިއަދު އަހަރެމްންގެ ކުޑަކުދީން ތަކުގެ ތެރޭގަ (ހިޔާ ކުޑަކުދީންގެ ޕާކް ތެރޭގަ) ބަޔަކު މީހުން ގޮވި ހަޑިހުތުރު ބަސްތަކުން މުއިއްޒަށް ވޯޓް ދެވޭކަށް ނެތް. ދެވަނަބުރަށް ސަލާމް
ދޯކާ
17 September 2023
ހޫން. ބަލިވެއްޖެ ތާކު ދެދޮރު ދޭތެރޭން ބޯނެރެގެން ގޮވާނެ އެއްޗެއް ހޯދީ.
ބާލައާދަނު
17 September 2023
އަދުރޭމެން އަދިވެސް އުޅެނީ 80ގެ އަހަރުތަކުގައި. މިހާރު ތިޔަގޮތަށް ފޯމެއް ފުރާލާފަ އީސީ އަށް ފޮނުވާލަށް މާގިނައިރެއް ނުވާނެ. 80ގެ އަހަރުތަކުގަހެން ދޯންޏެއްގަ މާލެގެންދަން ނަގާހަވަގުތެއް ނުނަގާނެ. މިރަށުގެ ޕީޕީއެމް ޕީއެންސީ ސަޕޯޓަރުންވެސް 1 ދުވަސްތެރޭ 100 ފޯމް އީސީ އަށް ފޮނުވި. މީ 1000 ހާ މީހުންގެ އާބާދީއެއް. މިގޮތަށް އެމްޑީޕީ ވެސް ފޯމު ފުރާނެ ދޯ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެވަރަށް ކުރަންޏާ މީކީ އެއް ދުވަހުން ނުކުރެވޭނެ ކަމެއްނޫން.
ޅޮންސި
17 September 2023
25000 × 100000 = 250000000 މީ ވަރަށް ވާހަކަ.
ޗެކްކުރަންވީ
17 September 2023
އަހަރެން ޗެކުކޮށްފިން. އަހަރެންގެ ވޯޓުލާތަނެއް ބަދަލެއް ނުވޭ. އެންމެންވެސް ޗެކްކޮށްލާ. އޭރުން އެއްވެސް މައްސަލައެއް ނުޖެހޭނެ. ބޮޑު ޗުއްޓީއެއް ލިބޭއިރު ރަށްރަށަށް ދާންބޭނުންވާ މީހުން ރެޖިސްޓްރީކުރާނެ. އޭގެސަބަބުންވެސް ރެޖިސްޓްރީކުރާ މީހުން އިތުރުވެދާނެ. ހުކުރު ހުޠުބާގައި ބުނިހެން އެނގިތިބެ ދޮގުހަދައި ފިތުނަފަސާދަ ނުއުފައްދާ. އެއީ ބޮޑުވެގެންވާ ފާފައެއް.
ދަތޫ
17 September 2023
އާން އެބަ ރަނގަޅުވޭ. 2ވަނަ ބުރު ގެންދާނަން
މަރީ
17 September 2023
އާން ޕީޕީ މީހުން ލީ ފޯމުގެ އަދަދު އެމީންނައް އިނގޭނެތާ. މަދުކަމުން ތެޅިފޮޅެނީ
ސަނީ
17 September 2023
ހެޔޮކޮށް ތި ބުނީ