ޕީއެންސީގެ ރައީސް އަދި އެ ޕާޓީގެ ކެންޑިޑޭޓް: އެ ޕާޓީގެ ކެންޑިޑޭޓަކީ ޕްލޭން ސީ
05 އޯގަސްޓް 2023 - 01:02
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ހާޅަތެއްގައި އެހެން ކެންޑިޑޭޓެއް ނެރެން ފުރުސަތު ލިބިއްޖެ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމާ ނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން އެދިފަ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.
އެގޮތަށް އެދުނު އިރު، އެކުގައި މަސައްކަތްކުރާ ޕީއެންސީން ވަނީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފަ އެވެ. އެއީ އިއްޔެއާ ހަމައަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ޕީއެންސީއަށް ސޮއިކުރުމަށް ފަހު ހަމަ އެ ދުވަހުން ދުވަހަށް ނިންމި ނިންމުމެކެވެ.
އެކަމަކު، ޕީޕީއެމްއިން މިހާރު ބުނަނީ އެއީ "ޕްލޭން ސީ" ކަމަށެވެ. ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި އެ މަނިކުފާނު ބޭނުންފުޅު ވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ހުންނަން ކަމަށެވެ. އެއީ ބޮޑު ޕާޓީއަކަށްވެފައި އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ހުންނަން ޖެހޭނެތީ ކަމަށް ވިދާޅުވި އެވެ.
"އެއީ އަބަދުވެސް ޕްލޭން ބީ އަކީ، އެކަން ހާމަނުކޮށް މިއޮތީ މައްސަލަ ކޯޓުގައި ކުރިއަށްދާންދެން، ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ވެސް އެ މަނިކުފާނު ވެސް ބޭނުންފުޅު ވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ޕްލޭން ސީ އަށް ތައްޔާރުވީ ސުޕްރީމް ކޯޓުން ޕީޕީއެމްއަށް އެ ފުރުސަތު ނުލިބިދާނެ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ބަލާފައި ކަމަށެވެ. އިންތިހާބަށް ވާދަކުރަން ހުށަހެޅުމަށް ދެން ބާކީ އޮތީ ދެ ދުވަހެވެ.
ޝިޔާމް: އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް ޕްލޭން ބީއަކަށް އޮތީ ޕީޕީއެމްއިން ކެންޑިޑޭޓެއް ނެރުން
"ޕްލޭން ބީ އެކްޓިވޭޓް ކުރެވޭނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް، ޕްލޭން ބީ އެކްޓިވޭޓް ކުރާނެ އެ ފުރުސަތު ސުޕްރީމް ކޯޓުން ލިބިއްޖެ ނަމަ. ނޫން ނަމަ އަޅުގަނޑުމެންގެ ޕްލޭނަކަށް އޮންނާނީ ޕްލޭން ސީ،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ ޕްލޭން ސީގެ ދަށުން މުއިއްޒު ކެންޑިޑެންސީ ހޯއްދަވާފައިވާއިރު ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުންކަން މުއިއްޒަށް ވެސް ކުރިން ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް، މުއިއްޒު ބޭނުންވީ ޕްލޭން ސީގެ ދަށުން ޕީއެންސީގެ ޓިކެޓަށް ވާދަކޮށް އެ ފުރުސަތު ހޯއްދަވަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މުއިއްޒު ހިސާބު ޖައްސަވާފައި އެކަމަށް އެ ކުރިމަތިލެއްވީ، މިއީ އަލަށް ނެރެގެން މުއިއްޒަށް އެނގިވަޑައިނުގެން ގެންގުޅޭ އެއްޗެއް ނޫނޭ، މުއިއްޒު ބޭނުންފުޅުވީ ޕްލޭން ސީއަށް ވާދަކުރަން،" ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫކުރައްވައި ޕީއެންސީއަށް މުއިއްޒު ސޮއިކުރެއްވީ ޓިކެޓަށް ހުޅުވާލި ދުވަހު އެވެ. މުއިއްޒަށް އެ ފުރުސަތު ފަހިކުރުމަށް އެ ޕާޓީގެ އަސާސީ ގަވައިދަށް ވެސް ބަދަލު ގެނަ އެވެ.
ޕްލޭން ސީގެ ބަދަލުގައި ޕްލޭން ބީގެ ދަށުން ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭ ނަމަ، އަނެއްކާވެސް ޕާޓީ ބަދަލުކޮށް އެ ޓިކެޓް ވާދަކުރުމުގެ މުއިއްޒަށް އޮންނާނެކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"ޕީޕީއެމްގެ އަސާސީ ގަވައިދު ބަދަލުކޮށްލަން ޖެހޭނީ އެ ހާލަތުގައި، ހަމަ ޕީއެންސީގެ އަސާސީ ގަވައިދު ވެސް ބަދަލުކުރި ގޮތަށް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާއިރު އެ ޕާޓީގެ ކެންޑިޑޭޓެއް ނެތި، އިންތިހާބު މިނިވަން، އިންސާފުވެރި ނުވާނެ ކަމަށެވެ. އެ ޕާޓީން އަދިވެސް އުއްމީދު ކުރަނީ ޕާޓީގެ ޓިކެޓްގައި ޔާމީނަށް ވާދަކުރެވޭނެ ކަމަށް ކަމަށާއި އެފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމަވާނެ ކަމަށެވެ.
ޕީއެންސީގެ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޔާމީނަށް ސުޕްރީމް ކޯޓުން މަގުފަހިވެއްޖެ ނަމަ، ޕީއެންސީ ކެންޑިޑޭޓް ނަން އަނބުރާ ގެންދާނެ ކަމަށެވެ. މުއިއްޒު ވެސް ވިދާޅުވެފައިވަނީ، އޭނާގެ އެންމެ ބޮޑަށް އެދެނީ ޔާމީނަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބުން ކަމަށެވެ.
ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ މައްސަލާގެ އަޑުއެހުންތައް މިއަދު ހަވީރުން ފެށިގެން ރޭގަނޑު ވެސް ކުރިއަށް ގެންގޮސް ވަނީ ނިންމާލައިފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހިދު މުހައްމަދު
06 August 2023
މުއިއްޒުދެން ސޯލިހު ކައިރިއަށްދޭ. އޭރުން ޕީޕީއެމް ކުދިންކޮޅު ލަދުންތިބެ ސޯލިހަށް ތާއީދު ކުރާނެ. އެއްވެސް މީހެއްގެ ސިޔާސަތެއްނެތް. ބޭނުންވަނީ 5 އަހަރު ވެރިކަން ކޮށްލުން. އޭގެފަހުން އަނެއްކާވެސް އަނެއް 5 އަހަރު. ގައުމުގެ ރައްޔިތުންނަށް ހެޔޮމަގު ދައްކަވާށިއެވެ. އެއްރައްޔިތެއް ގޮތުގައި މިގައުމު ފެންނާނީ ކޮންޒަމާނަކުންބާ.
އެމީލިއޯ
05 August 2023
މުއިއްޒު މިނިވަން ކެންޑިޑޭޓަކައް ނުކުންން ނަންވީ.....ފައިޓެއް ދެވޭނެ
ޕްލޭން ޗީ ޗީ
05 August 2023
އައްޗީޑި
ރާއްޖެތެރޭމީހާ
05 August 2023
ޕީޕީއެމްއަތަށްގޮވަންތައްޔާރުވަނީ
ޢަރުތަ
05 August 2023
ސިޔާމޫ، ކަލޭ ތިއުޅެނީ 28 ރުފިޔާ އަށް ޑީސަލް ލީޓަރެއް ނުވިއްކިގެން އެކަމާ ރުންކުރުވެގެންތަ.
ވަރަބިންދާލި
05 August 2023
ރައިސްޔާމީނަށް ކުރިމަތި ނުލެއްވިއްޖެނަމަ ދެވަނަ އޮޕްޝަނަކަށް ޑރ މުހައްމަދު މުއިއްޒު . ވޯޓް ގިނައިން ލިބިދާނެހެން ހީވާގޮތަކަށް ވޯޓްލާންޖެހެނީ 3 4 ފަހަރަށް ވޯޓް ލަން ޖެހުން އެއީ މިނިކަމެތި ގައުމުގަ ކުރެވޭ ބޮޑު ބޭކާރު ޚަރަދެއް . ޑރ މުއިއްޒު އަށް ވޯޓް ލެވުނަސް ތަރައްޤީއަށް ދެވޭވޯޓެއް ، ބައި ކުރުމަށް ވުރެ ރަގަޅީ ޑރ މުއިއްޒު އާ ޑރ ޖަމީލު . އިތުރު އޮޕްޝަނެއް އޮތުން މުހިއްމެއް ނޫން . ގައުމަށް އަމަލީ ހިދްމަތެއް ކުރެއްވި މީހަކީ ސީއެއްނޫން
ކުރިންބުނިއެތި
05 August 2023
ކުރިން ބުނީ ޕްލޭން އޭ އަކީވެސް ބީ އަކީވެސް ސީ އަކީވެސް އެކަކޭ. ވީއިރު ކުރިން ބުނިއެތި ކެންސަލްތާ.
މުއިއްޒު އުމަރު
05 August 2023
ރައީސް ޔާމީނަށް ކުރިމަތި ނުލެވިއްޖިއްޔާ އެންމެ ގިނަ ވޯޓު ލިބޭނީ މުއިއްޒަށް ނޫނީ އުމަރަށް.
އެނދިމަރިޔަނބު
05 August 2023
5 އަހަރުގެ ޚުލާސާ: ފާހަގަ ވެއްޓުނީ ތިރިޔަށް - ވަޔަކު ނުހިފި އިންޑިއާ އައުޓް - ވަޔަކު ނުހިފި ޕެލޭން އޭބީސީ - ޗޮކުން. އަނެއް ފަސް އަހަރު ޕާޓީ ނީލަމަށްލުން. ކޮސް ބައެއް. ފަސޭހައިން ނެގެން އޮތް އިންތިޚާބެއް ނުނެގޭނެ ހުރިހާ މަގެއް އިޚްތިޔާރުކުރޭ އެބަ.
ވެޔޮދީ މޭން
05 August 2023
މާ ވައްތަރުވައްތަރު ޖައްސާނެކަމެއް ނެތް، ބަނޑިބަނޑިލައްވާނެ ކަމެއް ނެތް. ޔާމީނަކީ އޮޕްޝަނެއް ނޫން. ޣައްސާނަކީ ދަންނަ މީހެއް ނޫން. މުޢިއްޒު ނޫން މީހަކަށް ނޫނީ ކިރިޔާވެސް ވާދަކޮށްލެވޭ ވަރުގެ މީހެއް ނެތް ތިޔަ ތާކު، މިހާރުގެ ރައީސްގެ މަޤްބޫލުކަމާއެއް.