އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތު ގެއްލުނަ ނުދޭ ފަދަ ގޮތަކަށް ކޯޓުން އަމުރުކޮށްދިނުމަށް ޕީޕީއެމްއިން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
އެ ޕާޓީން މިގޮތަށް އެދުނީ ޔާމީންގެ ކެންޑިޑެންސީ އިލެކްޝަން ކޮމިޝަން (އީސީ)ން ބަލައިނުގަތުމުން ހުށަހެޅި ދުަސްތޫރީ މައްސަލާގަ އަޑުއެހުމުގަ އެވެ.
މައްސަލައަށް ތަދައްހުލުވި ޕީޕީއެމްގެ ވަކީލް ހުސްނީ މުބާރަކު ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށާއި އިންތިހާބުގައި އެ ޕާޓީ ވާދަކުރަން ބޭނުންވާ ކަމަށެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި، އިންތިހާބު ކާމިޔާބު ކުރެވޭނެ އެންމެ ވާދަވެރި ކެންޑިޑޭޓަކީ ޔާމީނެވެ.
ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޔާމީނަށް ޓިކެޓް ހަވާލުކުރީ ވެސް އެހެންވެ ކަމަށާއި ނަމަވެސް، އެ މަނިކުފާނުގެ ފޯމް ބަލައިނުގަތުމަށް އީސީން ނިންމާފައިވުމަކީ އެ ޕާޓީން ވެސް ގަބޫލުކުރާ ނިންމުމެއް ނޫން ކަމަށެވެ. ޕީޕީއެމްއިން ވެސް ގަބޫލުކުރަނީ އީސީން ނިންމި ނިންމުމާ ގުޅިގެން ޔާމީނާއި ޕާޓީ އަދި އާންމު މެންބަރުންގެ ގިނަ ހައްގުތަކަށް ވެސް އުނިކަން އައިސްފައިވާ ކަމަށް ހުސްނީމުބާރަކު ވިދާޅުވި އެވެ.
މައްސަލާގައި ޕީޕީއެމްއިން އެދިފައިވަނީ ޔާމީނަކީ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެގޮތަށް ކަނޑައެޅެން ނެތް ނަމަ، ވަކީލް ހުސްނީ ވިދާޅުވީ، އިންތިހާބުގައި ވާދަކުރަން ޕީޕީއެމްއަށް އިތުރު ފުރުސަތެއް ދިނުމަށް އަމުރުކޮށްދިނުމަށް އެދޭ ކަމަށެވެ. އެހެން ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ދެއްވުމަށް ޔާމީންގެ ފަރާތުން ވެސް އެދިފައިވެ އެވެ.
ޕީޕީއެމްގެ ވަކީލް އެހެން ވިދާޅުވުމާ އެކު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުވާލެއް އަމާޒެއް ކުރައްވައިފަ އެވެ. އެއީ، މިހާރު ޕީއެންސީން ކެންޑިޑޭޓެއް ކަނޑައަޅާފައިވޭ ނޫންތޯ ކުރެއްވި ސުވާލެވެ.
އެއަށް ޖަވާބު ދެއްވަމުން ހުސްނީ ވިދާޅުވީ ޕީއެންސީއަކީ ތަފާތު، ވަކި ޕާޓީއެއް ކަމަށާއި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްއަށް އެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމްއަކީ ބޮޑު ޕާޓީއަކަށްވާއިރު އިންތިހާބުގައި ވާދަކުރަން ޕާޓީން ބޭނުންވާ ކަމާއި އެއީ ޕާޓީއަށް އޮތް ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވެއްޖެ ނަމަ، ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފަ އެވެ. ޔާމީންގެ އެންގެވުމަށް ޕީއެންސީން ކެންޑިޑޭޓެއް ހޮވާފައި ވާއިރު، އެ ފުރުސަތު ހޯއްދެވީ އިއްޔެއާ ހަމައަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ސުޕްރީމް ކޯޓުން ލިބިއްޖެނަމަ، މުއިއްޒުގެ ނަން އަނބުރާ ގެންދަވާނެ އެވެ. އެ ނޫންނަމަ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރޭ ކެންޑިޑޭޓަކަށް ވާނީ މުއިއްޒެވެ.
ޕީއެންސީގެ ޓިކެޓް މުއިއްޒަށް ދެއްވާފައިވާއިރު މުއިއްޒަކީ ޕީޕީއެމްގެ ތެރެއިން ވެސް ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ތުހުމަތު ކުރެެވެ އެވެ. މުއިއްޒު ނޫނަސް، އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި އެހެން ބައެއް ބޭފުޅުން ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ރިޔާސީ ރޭހަށް ނުކުންނަވަން ޝައުގުވެރިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.