ހިޔާ ފްލެޓެއްގައި ފަސްޓް ލޭޑީ ފަޒްނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހަވީރު ކެމްޕެއިން ކުރައްވާއިރު، އަރިހުގައި ހުޅުމާލެ ދާއިރާގެ މެމްބަރު ނިޔާޒް.---ފޮޓޯ: އެމްޑީޕީ
17 ސެޕްޓެމްބަރ 2023 - 22:01
ފިރިކަލުން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރައްވަން ހިޔާ ފްލެޓް ސަރަހައްދަށް މިއަދު ހަވީރު ވަޑައިގަތުމުން އިދިކޮޅު ބައެއްގެ ފުރައްސާރަ އާއި ގޯނާއާ ކުރިމަތިލައްވަން ޖެހުނަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިރޭ ދެއްވައިފި އެވެ.
އެކަމަނާ އެ ޔަގީންކަން ދެއްވީ ހުޅުމާލެ 2 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓް ސަރަހައްދުގައި ކެމްޕެއިން ކުރެއްވުމަށް ފަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.
ހިޔާ ފްލެޓް ސަރަހައްދަށް ފަޒްނާ ވަޑައިގަތުމުން އިދިކޮޅު މީހުން ނުކުމެ ވަނީ ވަރަށް ހުތުރު ބަހުން އެކަމަނާއާ މުހާތަބުކޮށް، އަޑުގަދަކޮށްފަ އެވެ. އަދި ބައެއް މީހުން ހަޅޭއްލަވަމުން ފަހަތުން ވެސް ދިޔަ އެވެ.
ފަޒްނާ ވިދާޅުވީ، އެކަމަނާގެ ފަހަތްޕުޅުން ފުރައްސާރަ ކުރަމުން ހިނގީ އިދިކޮޅު ހަރަކާތުގެ ދެ ފިރިހެނަކު ކަން އެނގިވޑައިގަންނަވާ ކަމަށާއި އެ ދެ މީހުން އެހެން ނޫޅުނު ނަމަ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވިކަން ވެސް ބަޔަކަށް ނޭނގޭނެ ކަމަށެވެ.
ފަސްޓް ލޭޑީ ފަޒްނާ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ކެމްޕެއިން ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
"މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑަށް ވީ ފައިދާ އެވެ. މީހުން އައިސް ސަލާންކޮށް ގައިގައި ފިރުމައި އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ އެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލް ކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނީ އެވެ،" އެހެން ދާއިރާތަކުގައި ދޮރުންދޮރަށް ހިންގެވުން ނިމުމުން އެ ފްލެޓްތަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ފަޒްނާ ލިޔުއްވާފައި ވެ އެވެ.
ފަޒްނާ ވިދާޅުވީ، ޝެޑިއުލް ކުރައްވާފައި ނެތް ފްލެޓްތަކަށް މިއަދު ވަޑައިނުގެންނެވުނީ މަޣްރިބު ނަމާދު ވަގުތު ޖެހުމާއި އިރުއޮއްސި 6:30 އަށް ބައްދަލުވުމެއް ރާވާފައި އޮތުމުން ކަމަށެވެ.
ފަސްޓް ލޭޑީގެ ލިޔުއްވުމުގައި ވަނީ އެކަމަނާ އަށް ފުރައްސާރަކުރަމުން ހިނގި ދެ ފިރިހެނުންނަކީ އިދިކޮޅަށް ނިސްބަތްވާ މީހުންކަން އެނގޭ ހެއްކަކީ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ފަރާތުން ލިބުނު ޖަވާބެވެ. ވިދާޅުވީ، އެކަމަނާގެ އަރިހުގައި ހުންނެވި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް، ޝުޖާއު އަށް އެ ވަގުތު ގުޅުއްވި ކަމަށެވެ.
ޝުޖާއު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށާއި "މި ބަލަނީ އޭ" ނިޔާޒްގެ އަރިހުގައި ޝުޖާއު ވިދާޅުވި ކަމަށް ފަޒްނާގެ ލިޔުއްވުމުގައި ވެ އެވެ. ޝުޖާއުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ނިޔާޒް ގުޅުއްވައި، މެސެޖް ކުރެއްވި ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އެކަމަކު، ފަޒްނާ ވިދާޅުވި ގޮތުގައި މުއިއްޒު ފޯނެއް ނުނަންގަވަ އެވެ.
"އަދި އަދަށް ވެސް ޖަވާބެއް ނުދެ އެވެ،" ފަޒްނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފަޒްނާ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ކެމްޕެއިން ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
ފަސްޓް ލޭޑީ ވިދާޅުވީ، އާންމުން ނުކުމެ އެކަމަނާ އަށް "ބާގީ" އަށް ގޮވަނީ ކަމަށް ބުނެ، އިދިކޮޅުން އެކަމުން ރެެކެން އުޅުމަކީ ފިނޑި އަމަލެއް ކަމަށެވެ.
"އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެ އެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،" ފަޒްނާ ވިދާޅުވި އެވެ.
މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑަށް ވީ ފައިދާ އެވެ. މީހުން އައިސް ސަލާންކޮށް ގައިގައި ފިރުމައި އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ އެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލް ކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނީ އެވެ.--- ފަޒްނާ
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މި ފުރައްސާރަ އަށް އެކަނާ ޖެހިލުން ނުވިޔަސް އެއީ ސީރިއަސް މައްސަލަ އެކެވެ. ހާލު ބައްލަވަން މެސެޖު ފޮނުވާ މީހުންނަށް ޝުކުރު އަދާކުރައްވަމުން ފަޒްނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅާއި އިރާދަފުޅުން އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް މި އިންތިހާބު ކާމިޔާބުވާނެ އެވެ،" ފަޒްނާގެ ޕޯސްޓްގައި ވެ އެވެ.
ފަސްޓް ލޭޑީ ވަނީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ދޮރުންދޮރަށް ކެމްޕެއިން ހަރަކާތެއް އިއްޔެ ފައްޓަވައިފަ އެވެ. އިއްޔެ ކެމްޕެއިން ކުރެއްވީ ވިލިމާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިމް މުަހަންމަދު
19 September 2023
ކޮންމެ މީހަކު ކުރިޔަސް ގޯހެއްވާނީ ގޯހަކަށް. ތަންކޮޅެއް ހަރުދަނާވެެ އިއްޔެ އިން ނެއްޓި މިއަދަށް ވާސިލް ވާން ވެއްޖެ.
ފުލެޓް 5
18 September 2023
މިމީހުން އެހެން މީހުންނަށް ބާގީއަށް ގޮވާ ތެޅުނު އިރު އެއީ ފުރައްސާރައަކަށް ނުވި؟ ގުދޯ ގުދޯ ތިގޮވަނީ މަންޖޭ
ޞައްކު
18 September 2023
އެމީހަކު ކުރި ކަމެއް އެމީހަކަށް އަންނާނެ. ވަހީދު ފަހަތުން ބާގީ ގޮވަމުން ދުވި ހަނދާން އަދި ނުފިލާ.
ނާޒިމްމުހިަންމަދު
19 September 2023
ގޮވާ ހަޅޭ ލެވުމަކުން ވާނެ ފައިދާ އެއް ނޯންނާނެ. ވަހީދު ކަންތައް ކުރިގޮތާ ފަޒްނާ ގެ ހާލަތާ އަޅައެއްނުކިޔޭނެ.
ހަސަނު
18 September 2023
އެއްވެސް މީހަކަށް ފުރައްސާރަ ކޮށްގެން ނުވާނެ.. ވިސްނަވާ މީ ޕީޕީއެމް ގެ ވެރިކަން އޮތް ޒަމާން ނަމަ އެކަހަލަ ކަމެއް ކުރި ބަޔަކަށް ސަލާމަތެއް ނުވެވޭނެ، ޓެރެރިޒަމްގެ ދައުވާކޮށް އުމުރަށް ޖަލަށްލާ އޭގެން އެކަކު ޖަލުގާ މަރުވެސް ވެދާނެ.. މިއީ މި ސަރުކާރުގެ ތަފާތަކީ.. އެމްޑިޕީގެ ސަރުކާރެއްގަ މި ފެންނަނީ ބިރުވެރިކަމެއް ނެތި އުޅެވޭތަން..
އާދަންކޮއި
18 September 2023
ލަފާކުރެވެނީ ރޭވުމެއްގެ ތެރެއިން ޖެއްސި ސްޓަންޓަކާ. މިހެން މިބުނީ ރައީސް އެޓަވަރުތަކަށް ކޮތަރުކޮށްޓޭ ކިޔައި ތަޅާވާހާކައާ ތިމަން މަނިކުފާނަށް ތެޅޭނެނަމަ ތަޅާލާނަން ކަމަށާ، ސަރުކާރުން ކަންކުރިގޮތުން އެތަނަށް ދިރިއުޅުން ބަދަލުކުރި ރައްޔިތުން އެކިތަންތަނަށް ދަރައި ވިކިފައިވުމާއެކު އެއުދާސްތައް އެމީހުންގެ ހިތުގައި ހުންނާނެކަން އެނގިތިބެ ދިޔައިމާ އެމުހުން ކެކިގަންނާނެކަން އެނގޭނެ. ކެކިގަތީމާ ތަންތަނަށް ފޮނުވާލަން މޮޅު ސްޓޯރީއެއް ހަދަލެވޭނެތާ
Gold
18 September 2023
ފަހަތަށްނުޖެހި ކުރެވޭ މަސައްކަތެއް ކޮންމެމީހަކުވެސް ހަމަކުރަންވީޔޭ!! އަޅުގަނޑިމީ ފަޒުނާނަމަ ތިޔަހެން ނިކުމެ ނޫޅުނީސް، މިހަލަބޮލިކަމުގެތެރޭ ކޮބައިތޯ ބޭނުމަކީ! ސޯލިހަށް ކެންޕޭންކުރާނެމީހުން އެތިބީނުން، 5އަހަރުގެ ދައުރެއް ފުރިހަމަކޮށް ދެވަނަ ދައުރުގެ ޔަގީންކަން ނެތުމަކީ ކަންކަން ކުރެވުނުގޮތް ރަނގަޅުނޫންކަން އަމިއްލަޔަށްވެސް ގަބޫލުކުރަންޖެހޭކަމެއް، މިހާލަތުގައި ޕާޓީގެ ދެންތިބިމީހުނަށް ފުރުސަތުދީ ސޯލިހު ރީތިގޮތުގައި ނިންމާލިނަމަ މާރަނގަޅުވީސް
ހުވޭ
18 September 2023
ދޮރުންދޮރަށް ހިނގަނީ ޝެޑިއުލްކޮށްގެން ހަމަޖެހިފައި ހުރި ގޭގެއަށް ދެން އިތުރަށް ދައުވަތު ލިބުނުގެއަކަށް.
ސިއްރު
18 September 2023
މުއިޒްގެ ހީނުކުރާ ކާމިޔާބީގެ ސިއްރަކީ ހިޔާފްލެޓް
ނާއިންސާފު
18 September 2023
ވަކި ބަޔަކާ ދިމާލަން ކިޔަންވީވާ އޯކޭ. މެޑަމް ފަޒްނާ އާ ދިމާލަށް ބާގީއަށް ގޮވީމާ އޯކޭ އެއް ނޫން، ވަރަށް ހަމަނުޖެހޭ ވާހަކަ.. މައުމޫނު ކަންކުރި ގޮތުން އޭނާގެ އާއިލާ އާއި އޭނާގެ ދަރިންނާ ދިމާ އެމްޑީޕީގެ މެންބަރުންނާއި އެމީހުންނަށް ތާއީދު ކުރާ ރާއްޖެ ޓީވީއިން ގޮވާފައި ހުރި އެއްޗެހި ނިކަން ބަލާބަލާ..
އިލިޔާސް
18 September 2023
އަޅގަނޑަށް ހީވަނީ މީ ރޭވުމެއްގެ ތެރެއިން ކުޅެފަ އޮތް ޑުރާމައެއްހެން އެހީ މިކަމުގައި ހައްޔަރުކުރީ އެމް.ޑީ.ޕީ ގެ ހާޑްކޯރ އެކްޓިވިސްޓެއް ކަމުގައިވާތީ
އެހެންވެގެންތާ
18 September 2023
އެހާ އަވަހަށް ދޫކޮށްލީ އެހެންވެގެންދޯ