ކުޅިވަރު / އޭއެފްސީ ކަޕް

ލީގުގައި މާޒިޔާ އަށް ވާދަވެރި މެޗުތަކެއް ކުޅެން ނުލިބުމުން މިލޯގެ ކަންބޮޑުވެއްޖެ

އޭއެފްސީ ކަޕް ފުރަތަމަ މެޗުގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މާޒިޔާ ނުކުތުމުގެ ކުރިން މިއަދު ބޭއްވި ޕްރެސްގައި މާޒިޔާގެ ކޯޗު މިލޯ،-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

18 ސެޕްޓެމްބަރ 2023 - 15:54

އޭއެފްސީ ކަޕާ ކުރިމަތިލާއިރު ރާއްޖޭގެ ލީގުގައި ވާދަވެރި މެޗުތަކެއް ކުޅެން ނުލިބުމަކީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސލިއާ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާދަމާ ތިނެއް ޖަހާއިރު ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާއިން ނުކުންނާނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

މާޒިޔާ އެންމެ ފަހުން ލީގުގައި މެޗެއް ކުޅުނީ މިދިޔަ މަހުގެ 23 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. އޭގެ ދެ ހަފްތާ ކުރިން ވަނީ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެ އެއްވަރު ވެފަ އެވެ.

ކޯޗު މިލޯ ބުނީ ބަޝުންދަރާގެ މެޗަށް ތައްޔާރުވުމުގެ 21 އަހަރުން ދަށް 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ދެތިން މެޗެއް މާޒިޔާއިން ކުޅެފައިވާނެ ކަމަށެވެ. އެ ޓީމުތަކަކީ ވާދަވެރި ވަރުގަދަ ޓީމުތަކަކަށް ނުވިޔަސް ޓެކްޓިކްސް އާއި ކުޅުން ރާވާލަން އެ މެޗުތައް އެހީއަކަށް ވި ކަމަށް އޭނާ ބުންޏެވެ.

"ޓްރޭނިން އާއި މެޗު އެއީ ވަކި ކަންކަން، އަހަރެމެންނަށް ލީގުގައި ގިނަ މެޗުތަކެއް ކުޅުމުގެ ނަސީބެއް ނުލިބުނު. އެކަމަށް އާދަ ވެފަ ކަންނޭނގޭ ހަގީގަތުގައި އެތިބީ،" ބިދޭސީ ކުޅުންތެރިން ޓީމަށް ހޭނެން ލިބުނު ވަގުތާ ގުޅޭގޮތުން ސުވާލު ކުރުމުން މާޒިޔާގެ ކޯޗު މިލޯ ބުންޏެވެ.

"އަހަރެމެން އިދިކޮޅުން ނުކުންނަ ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު ފިޒިކަލީ ވަރުގަދަ. ބައެއް މަގާމްތަކުގައި އިންޑިވިޖުއަލީ މޮޅު ކުޅުންތެރިން ފާހަގަވޭ. މި ރީޖަންގައި ކުޅޭ އެންމެ މޮޅު ދެތިން ކުޅުންތެރިއެއް އުޅޭ."

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް ވެސް ވާދަކުރީ ބަންގްލަދޭޝްގެ ކްލަބަކާ އެެވެ. ޑާކާ އަބަހާނީއާ ވާދަކޮށް ފުރުސަތު ގެއްލުނީ ފަހު ވަގުތު ބަލިވެގެންނެވެ. އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބަންގްލަދޭޝް ގައުމީ ޓީމު އަތުން ބަލިވެފަ އެވެ.

ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރެސްގައި މާޒިޔާގެ ކޯޗު މިލޯ އާއި ފޯވާޑް ހަމްޕު ބައިވެރި ވަނީ،-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގައުމީ ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ފުރަތަމަ 11 ގައި މުޅިން ވެސް ހިމެނުނީ މާޒިޔާގެ ކުޅުންތެރިންނެވެ. އަމިއްލަ ގައުމުގައި މާދަމާ ބަންގްލަދޭޝްގެ ބަޝުންދަރާ ބަލި ކޮށްގެން މާޒިޔާ އަށް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތަށް ބަދަލެއް ގެނެވޭނެތޯ އެހުމުން ކޯޗު މިލޯ ބުނީ، މެޗު ކުޅެނީ ރާއްޖޭގައި ކަމަށާއި އޭނާގެ ކުޅުންތެރިންނާ މެދު އިތުބާރު އެބަ އޮތް ކަމަށެވެ.

"ކޮންމެ ކަމެއް ވެސް މީހުން މިންކުރަނީ ނަތީޖާއިން. ނަތީޖާ ނެރެން ޖެހިފަ އޮންނަނީ، އެކަމު އަތުން މެޗެއް ދޫވެދާނެ ކަން ގަބޫލު ކުރަން ޖެހޭ. ދެން އޮންނާނީ މަސައްކަތް ކުރުން ގޯސްތައް ރަނގަޅު ކޮށްގެން،" ބަންގްލަދޭޝްއާ ދެކޮޅަށް ފުޓްބޯޅައިގައި ރާއްޖެއަށް ނަތީޖާ ނެރެން އުނދަގޫވެފައިވާ ހާލަތާ ގުޅޭގޮތުން މިލޯ ބުންޏެވެ.

"ބުނެލަން ފަސޭހަ ވާނެ މިސާލަކަށް އިންޑިއާ އަށް ގޮސް ކުޅޭނީ ޑިފެންސިވް ކޮށޭ ނޫނީ އެޓޭކް ކުރާނީ މިހެންނޭ. އެކަމު އަހަރެންގެ ކުޅުންތެރިން ޖެހިލުމެއް ނުވާނެ، މި ކުޅެނީ ރާއްޖޭގައި."

ކޯޗު މިލޯއާ އެކު މިއަދުގެ ޕްރެސްގައި ބައިވެރިވި މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ ވާދަވެރި މެޗު ކުޅެން ނުލިބުމުގެ މާޔޫސްކަން ފާޅު ކޮށްފަ އެވެ. ނަމަވެސް ޗެލެންޖެއް ގޮތުގައި ނަގައިގެން ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗު ކާމިޔާބު ކުރުމުގެ ރޫހުގައި ކަމަށް ހަމްޕު ބުންޏެވެ.

"ހޯމްގަ ކުޅުމަކީ އެޑްވާންޓޭޖެއް، ނަތީޖާ ބިނާވާނީ ކުރާ މަސައްކަތަށް. އިރާދަ ކުރެއްވިއްޔާ މާދަމާ މާޒިޔާ މޮޅުވާނެ،" ބަންގްލަދޭޝް ގައުމީ ޓީމު އަތުން އަތުން ރާއްޖެ ބަލިވި މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ޖަހައިދިން ހަމްޕު ބުންޏެވެ.

"ވާދަވެރި މެޗެއް މާޒިޔާ ނުކުޅޭތާ ދެތިން ހަފްތާއެއް ވެއްޖެ. ޗެލެންޖެއް، އެކަމު ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗުން ތިން ޕޮއިންޓް ހޯދުމުގެ ރޫހުގައި."

މާޒިޔާ އާއި ބަޝުންދަރާ ކިންގްސް އާއެކު ދެކުނު އޭޝިއާ ގުރޫޕުގައި ހިމެނެނީ އިންޑިއާގެ އޮޑީޝާ އާއި މޯހަން ބަގާން އެވެ. ގަލޮޅު ދަނޑުގައި މާޒިޔާ އާއި ބަޝުންދަރާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ މެންދުރު 3 ޖަހާއިރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454