ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި ޝަރުތުތައް ފާސްކުރަން އެ ޕާޓީގެ މެމްބަރުން އަތް ނަގައިގެން ވޯޓު ލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ސެޕްޓެމްބަރ 2023 - 23:04
ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރަން މީގެ ކުރިން ވެސް އެމްޑީޕީ އާ އެކި ފަހަރު މަތިން މަޝްވަރާ ކޮށްފައިވާ ކަމަށާއި އެކަން އިތުރަށް ލަސް ކޮށްފި ނަމަ ނިޒާމީ ވޯޓެއް ނަގަން އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ބުނެފި އެވެ.
ޑިމޮކްރެޓްސް އިން މިރޭ ބޭއްވި އިންޓްރިމް ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ފަހު ނިޒާމީ ވޯޓެއް ނަގަން އޭނާ އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ބައެއް މަސައްކަތްތައް ހާމަ ކުރައްވައިފަ އެވެ.
އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަތް އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު އޮތީ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ކޮންގްރެސް އަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް ރައީސް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާ މަޝްވަރާ ކުރެއްވުމަށް ފަހު ނަޝީދު ވަނީ އެ ގަރާރު އަނބުރާ ގެންދަވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހަސަން ލަތީފް މިރޭ ވިދާޅުވީ އެ ބައްދަލުވުމަށް ފަހު އެކި ފަހަރުގެ މަތިން ނިޒާމް ބަދަލު ކުރުމުގެ މަޝްވަރާތައް އެމްޑީޕީގެ އިސްވެރިންނާއެކު ކުރެއްވި ކަމަށެވެ.
ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ކޮންގްރެސް އަށް ފަހު އޮގަސްޓު 24 ވަނަ ދުވަހާއި ސެޕްޓެމްބަރު ނުވަ ވަނަ ދުވަހާއި ނޮވެމްބަރު ހަ އަކާއި ޑިސެމްބަރު ހައެއްގައި ވެސް އެމްޑީޕީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވި އެވެ.
"ރިޔާސީ އިންތިހާބުގެ ކުރިޔަށް [ނިޒާމް ބަދަލުކުރަން] ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކަ ދައްކަމުން ދިޔައީ. އެހެން ނަމަވެސް އެ ބޭފުޅުން ވިދާޅުވީ ނަޝީދާ ނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.
އެމްޑީޕީން ރިޔާސީ ޕްރައިމަރީ އިއުލާން ކުރީ ވެސް ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެ މަޝްވަރާތައް ކުރިޔަށް ގެންދަނިކޮށެވެ. އެއީ ތާރީހަށް ޓަަކައި ވެސް އެނގެން ޖެހޭ ވާހަކަތަކެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ވިސްނުން ހުރީ އެމްޑީޕީ އަށް އެއްވެސް ގޮތަކަށް އިތުބާރު ނުކުރުމަށެވެ. އަދި ދެވަނަ ބުރުގައި ވާދަ ކުރާ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމުމަށެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސް ނުވާނަމަ އެ ޕާޓީއާ އެކު ކުރިޔަށް ނުދެވޭނެ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ -- ފޮޓޯ: ނިޝާން އަލީ | މިހާރު
މީގެ ކުރިން ވެސް ނިޒާމް ބަދަލު ކުރަން ވައުދުވެފައިވާ ކަމަށާއި ދެން ވެސް އެކަން ކުރައްވާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ.
"ވެރިކަމާ ހަވާލުވެވަޑައިގަތީ ވެސް އެމްޑީޕީ އާ ވަކި ހިސާބަކުން ނިޒާމީ ވޯޓެއް ދެއްވާނެ ކަމަށް ވައުދުވެގެން. ކޮންގްރެސް އަށް ފަހު ވެސް ނިޒާމީ ވޯޓަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެ މަޝްވަރާ ފަށާފައި އެކަމެއް ވެސް ނުކުރެވި،" އީވާ ވިދާޅުވި އެވެ.
އެމްޑީޕީން ބޭނުންވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ނިޒާމީ ވޯޓެއް ނަގަން އެއްބަސްވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރާނީ އެކަން ފެއިލް ކޮށްލަން ކަމަށް އީވާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ އެމްޑީޕީ ނުވަތަ ޕީޕީއެމް ފަހަތުން ދުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އިތުރު ދުވަސްތަކެއް ނުވަތަ ވަގުތުތަކެއް ބޭކާރު ނުކުރައްވާ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވާން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.
"ދެ ދުވަސް ވެސް އަޅުގަނޑަށް ގިނަ. 24 ގަޑިއިރުގެ ތެރޭގައި ޖަވާބެއް ނުދީފިއްޔާ އެ ހިސާބުން ނިންމާލަން އަޅުގަނޑަށް ފެންނަނީ،" އަފީފް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުން ވަނީ ނާކާމިޔާބު ވެފަ އެވެ.
ދެން އެމަނިކުފާނާ ދައްކަން އޮތް ހަަމައެކަނި ވާހަކައަކީ މި މަހު 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުން ކަމަށާއި އެއަށް އެއްބަސް ނުވެވޭ ނަމަ އެއްވެސް ކޮޅަކަށް އެރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުގައި 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީ އާއެކު މަޝްވަރާ ކުރުމަށެވެ. އަދި ޕީޕީއެމް އާއެކު ސަރުކާޜު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑީމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓިން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާ އެކުގައި މަސައްކަތް ކުރުމަށް ގަރާރުގައި ބުނެފައި ވެ އެވެ. އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުންޏެވެ.
މިރޭގެ ބައްދަލުވުމުގައި ޝިއްޕެގެ ގަރާރު ފާސްވީ އިންޓަރިމް ކައުންސިލްގެ 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
20 September 2023
ހުންނަ ހިޔަޅުކަން ބަލާބަލަ، މޑޕ އަތު މަޖިލިސް އޮތީތީވެ ނިޒާމު ބަދަލްކުރުމަށް މަގުފަހިކުރުވާ ވޯޓާ ދިމާޔަށް ދިއުމުގެ ޑީލް، އިރާދަފުޅުން މުއިއްޒު ވެރިކަމަށް އަންނާނެތީވެ ސަރުކާރުބައި ހޯދަން ޑީލް. ވަރަށް ވެދުން ދިވެހިން ބޭނުނެއްވެސްނޫން ތިޔަ ވޯޓަކަށް ދާކަށްވެސް، والله أعلم
ދޮން
19 September 2023
ގިނަބަޔަކަށް ފެންނަގޮތް އެއީ ޑިމޮކްރަސީ ކަމުގައި ވަކާލާތުކުރި މީހުން މިއަދު މިއުޅެނީ ބަރުލަމާނީ ގެންނަށް ގެނެސް ތާއަބަދަށް ވެރިކަމުގައި ތިބެން.. ދެން ތިހެން ތިކަމެއް ނުވާނެ . ސަލާމް
ސުންދުސް
19 September 2023
ނިޒާމީ ވޯޓު ނެގީމާ 2007 ގެ ބައްޔަށްވުރެ ބޮޑު ބައްޔަކުން ބަލިވާނީ!
ކިލަމަންސް
19 September 2023
ރިޔާސީ ނިޒާމު ދުނިޔޭގަ އޮތީ އެމެރިކާގަ ކުރިއަރާފަ އޮތް ގައުމެއްގައި. އެވެސް ރާއްޖޭގަ މިއޮތް ރިޔާސީ ނިޒާމެއް ނޫން
ޙިނި
19 September 2023
މަބުނާ ގޮތައް ކަން ނުވަންޏާ އިސްތިއުފާ؟ މީކޮންތާކުން ހޯދައިގެން އުޅޭ ސިޔާސީ ފިލޯސަފީ އެއްތަ. ވާހަދައްކައިގެން ކަންކަން ކުރެވޭނީ. އެންމެ ފަހުން އިގޯ އާހެދި 15 އަހަރު ކުރި މަސައްކަތް ބޭކާރުވެ،
ޑިމޮކްރަސީ
19 September 2023
މިދަޑިވަޅުގަ ނިޒާމީ ވޯޓެއްނެގުމަކީ އެއްވެސް ގޮތަކަށް ރައްޔިތުންބޭނުންވާނެކަމަެއްނޫން ތިނެގިޔަސް ދާނީ ޗޮކުން
ނިޒާމީވޯޓު
19 September 2023
ނިޒާމީ ވޯޓެއް ނެގުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން. ދޮޅަހަކަށް މީހުން ބޭނުންވީމާ ވޯޓު ނަގާފައި، ދޮޅަހަކަށް މީހުން ބޭނުންވީމާ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފައިވިއްދާލާފައި އަގަޑަބަގަޑަ ހެދުމަކީ ޑިމޮކްރަސީއެއް ނޫންް. ޑިމޮކްރަސީއަކީ ހަމަހަމަކާއި އަދުވެރިކަން އޮވެފައި މެޖޯރިޓީއަށް ތަބާވުން. ނަމުން ޑިމޮކްރެޓިކްވިޔަސް ކަމުން ތިފެންނަނީ ޚުދުމުޚުތާރުކަން.
ސީތާ
19 September 2023
މުޅިންވެސް ނިޒާމީ ވޯޓޭކިޔާއަޑު މިއިވެނީ. ބަރުނަމާނީ ނިޒާމުން އަންނަނީ ކޮންކޮން ބަދަލުތަކެއްކަމެއް ރައްޔިތުންނަކަށް ނޭނގެ. އަދި ބަރުލަމާނީ ނިޒާމެއްގައި ހުރި ފޮނިމީރުކަމުގެ ވާހަކަވެސް ނުދައްކާތީ އެކަންވެސް ދަންނަ ދިވެހީން ނުހަނު މަދު. އެހެންނޫނަސް ތިޔަވަރުގެ ބޮޑު ނިންމުމެއް ނިންމަން ރައްޔިތުންނަށް ފުރުޞަތު ހުޅުވަންވާނީ އެކަށީގެންވާ ވަރަކަށް ވަގުތުދީ އަދަ މަޢުލޫމާތުވެސް ފޯރުކޮށްދިނުމަށްފަހު. އެހެންނޫނީ ތިަޔަކަމުން ލިބޭ ގެއްލުން ބޮޑުވެދާނެ.
އިބުރާ
19 September 2023
ނަމުން ޑިމޮކްރެޓްސް، ކަމުން ބަރުލަމާނު،
އަސޭލ
19 September 2023
ގައުމާ ޕާޓީ ތައް ހައިޖެކް ކޮއްގެން ޑިމޮރެޓުންނައް ބަރުލަމާނީއެއް ނުގެނެވޭނެ. އަންނި އަދި އީވާ މެން ރައްޔިތުން ބަރުލަމާނީއައް ހޭހުންތެރިކުރަން އަހުލުވެރިކުރަން ކުރީ ކޮން މަސައްކަތެއްތަ؟ ދެމީހުންގެ އާއިލާ އަކީވެސް މަހުޖަނުން އެހެނޭކިޔާ އާދައިގެ މީހުން ބޭނުންވާނެ، އެމީހުންގެ ސިޔާސީ އެރިޔަރު އަދި އެމީހުންގެ ވަޒީފާވެސް ދަމަހައްޓަން. އެއްދުވަހު އިސްތިއުފާއޭ އަނެއްދުވަހު އޮންބޯޑޭ މިހެނެއް ނުވާނެ. އަދި ތި ދިމަކުރުމާ ފަލީހަތް ކުރުންވަން ހުއްޓާލަން ޖެހޭ.