ކުޅިވަރު

ރާއްޖޭގެ ދަނޑުގައި އޮސްކާގެ ޕްލޭން މިފަހަރުވެސް މަސައްކަތެއް ނުކުރި

އޮސްކާ: ރާއްޖޭގެ ދަނޑުގައި އޭނާ ޓެކްޓިކސް އެންމެ ފަހު ދެ މެޗުގައި ވެސް މަސައްކަތެއް ނުކުރި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕެއިންގެ އޮސްކާ ބުރްޒޯން ބަރޭރަސް، 2018 ގައި ރާއްޖެ ދޫކޮށް ދިޔައިރު އޭނާ ހުރީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމުގަ އެވެ. އެފްއޭއެމްގެ ފުޓްބޯޅަ އެވޯޑްގައި އެންމެ މޮޅު ކޯޗުގެ އެވޯޑް އޭނާ ހޯދީ، ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު އެވެ.

އޭރު އޭނާ މަޝްހޫރުވީ އިދިކޮޅު ޓީމު ލީޑްގައި އޮންނަ އިރު ވެސް ނަތީޖާ އަނބުރާލުމުގައި ކާމިޔާބު ކޯޗެއްގެ ގޮތުގަ އެވެ. އެފްއޭ ކަޕް 2017 ގެ ތަށި ނިއު ރޭޑިއަންޓަށް އޭނާ ހޯދައި ދިނީ ފައިނަލު މެޗުގައި 2-0 ން ޓީސީ ސްޕޯޓްސް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލާފައި ވަނިކޮށް ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްލައިގެންނެވެ. ފައިނަލު މެޗެއްގައި ދެ ލަނޑުގެ ޑެފިސިޓެއްގައި އޮވެ ދެވަނަ ހާފުގައި ނަތީޖާ އަނބުރާލަން އޭނާ ގެންގުޅުނު ޕްލޭނަށް މީޑީއާއިން ތައުރީފް ވެސް ކުރި އެވެ.

ރާއްޖޭ ދޫކޮށް ބަންގްލަދޭޝް އަށް ބަދަލުވި ފަހުން، އެ ގައުމުގެ ގައުމީ ޓީމާއި ކްލަބް، ބަޝުންދަރާ ކިންގްެސް ގޮވައިގެން ރާއްޖެ އައެވެ. ބަޝުންދަރާ ގޮވައިގެން، އިއްޔެ މާޒިޔާއާ ދެކޮޅަށް ނުކުތް މެޗަކީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅެން އޭނާ މާލެ އައި ތިންވަނަ ފަހަރެވެ.

އޭގެ ކުރިން އޭނާ ރާއްޖެ އައީ 2021 ގައި އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ކުޅުމަށާއި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށެވެ.

ދިވެހި ޓީމުތަކާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި އޭނާ ނުކުތް އެންމެ ފަހުގެ ދެ މެޗުން ވެސް ވީ ބައްޔެވެ. ސާފް ޗެމްޕިއަންޝިޕްގައި، އަލީ ސުޒޭން ކޯޗުކޮށް ދިން ރާއްޖޭގެ ގައުމީ ޓީމު އަތުން އޭނާގެ ބަންގްލަދޭޝްގެ ގައުމީ ޓީމު ބަލިވީ 2-0 ންނެވެ. އިއްޔެ މާޒިޔާ އަތުން އޭނާގެ ބަޝުންދަރާ ބަލިވީ 3-1 ންނެވެ.

ދެވަނަ ހާފުގައި ކުޅެން އެރި ޗޯޓު ބޯޅަ ހިފައިގެން ކުރިއަށް ދަނީ، މާޒިޔާގެ ދެވަނަ ލަނޑު ޖެހީ އޭނާ.-- ފޮޓޯ: ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ދެ މެޗުގައި ވެސް އެކި ބަދަލުތައް ގޭމަށް ގެނެސް ނަތީޖާ އަނބުރާލަން އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު ޕްލޭން މަސައްކަތެއް ނުކުރި އެވެ.

ރާއްޖެ އަތުން ބަލިވި މެޗަށް ފަހު އޭނާ ގޯސް ކުރީ ރެފްރީންނެވެ. އޭނާ ބުނެފައި ވަނީ ރެފްރީން ރާއްޖެ ކޮޅަށް ޖެހިފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ޓީމު ބަލިވީ އެހެންވެގެން ނޫން ކަމަށާއި ނުކުޅެވިގެން ކަމަށް އޮސްކާ އޭރު ބުނެފައި ވެއެވެ.

އިއްޔެ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރާއްޖޭގެ މީޑިއާގައި އޭނާ އަޅައިކީ އޭއެފްސީ ކަޕްގައި ބަޝުންދަރާއިން ނެރެފައިވާ ވަކިވަކި ނަތީޖާތަކެވެ. އެ މުބާރާތުގައި މާޒިޔާގެ ތަޖުރިބާ ބޮޑަސް ނަތީޖާގައި މާޒިޔާ އަށް ވުރެ ކުރީގައި އޮތީ ބަޝުންދަރާ ކަމަށް ހެކި ދައްކަމުން އޮސްކާ ބުންޏެވެ.

އެކަމަކު މާޒިޔާ އަތުން ބަލިވި މެޗަށް ފަހު އޭނާގެ ބައެއް އުޒުރުތައް މީޑިއާގައި ހާމަ ކުރި އެވެ. ޓީމުގެ ބިދޭސީ ކުޅުންތެރިޔަކު ގައުމީ ޓީމުގެ ބްރޭކަށް ފަހު ކްލަބާ ގުޅެން އައީ މެޗުގެ ކުރީ ދުވަހު ކަމަށް އޭނާ ބުންޏެވެ.

މާޒިޔާ އަށް ވުރެ އޭނާގެ ޓީމު ރަނގަޅަށް ކުޅުނެވެ. އެޓޭކިން ތާޑްގައި ގިނަ ފުރުސަތުތައް ވެސް ތަނަވަސް ކުރި އެވެ. އެކަމަކު ތިން ގޯލް ވެސް ވަނީ ޓީމަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށް އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕްގައި އިއްޔެ މާޒިޔާގެ ފުރަތަމަ ގޯލު ޖަހައިދިން ބަލަބަނޮވިޗް އަތުން ބޯޅަ ހޯދަން ބަޝުންދަރާ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާއިން ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތައް ދިރާސާކޮށް އެ ޓީމުގެ ފެންވަރު ދެނެގަތުމަށް އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު އެ ކްލަބަށް އެންމެ ފަހުން ސޮއި ކުރުވި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ނޭނގުމަކީ އޭނާގެ ބަލިފައި ކަމުގައި އިއްޔެ ވިއެވެ.

"އަހަރެމެންގެ ބިދޭސީ ކުޅުންތެރިންނަށް ވުރެ މާޒިޔާގެ ބިދޭސީ ކުޅުންތެރިން މަސައްކަތް މާ ރަނގަޅަށް ފެނުނު،" އިއްޔެގެ މެޗަށް ފަހު އޮސްކާ ބުންޏެވެ.

އޭނާ ބުނީ ވަރަށް ގިނަ އޮޕްޝަންތަކެއް ބޭނުންކޮށްގެން މެޗު ނަތީޖާ ބަދަލު ކުރުމަށް އޭނާ މަސައްކަތް ކުރި ކަމަށެވެ.

"އެކަމަކު އެކަން އެގޮތަކަށް ނުވި،" އޮސްކާ ބުންޏެވެ.

" އެ ޓީމަށް ވުރެ ރަނގަޅަށް އަހަރެމެން ކުޅުނިން. އެ ޓީމު ޖެހި ގޯލްތަކަކީ އަހަރެމެންނަށް ހެދުނު ގޯސްތަކަކުން ވަން ލަނޑުތަކެއް.

ބަށުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް: އޭނާ ބުނީ ލަނޑު ޖެހުގެ ޓްރޭނިންތަކަށް އިތުރަސް ސަމާލުކަން ދޭން ޖެހޭ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަހަރެމެން މަސައްކަތް ކުރަން ޖެހޭ ގޯލް ޖެހުމުގެ ޓްރޭނިންތަކަށް. ގޯލް ޖެހުމުގެ ފުރުސަތުތައް ބޭނުން ނުކުރެވެންޏާ ކިތަންމެ ރަނގަޅަށް ކުޅެވުނަސް ނަތީޖާއެއް ނުނެރެވޭނެ."

މި ސަރަހައްދުގެ ގުރޫޕުން މުބާރާތުގެ އަނެއް ބުރަށް ދާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ޓީމު އެކަންޏެވެ. އިއްޔެ އިންޑިއާގެ ދެ ޓީމު ކަމަށްވާ އޮޑިޝާ އާއި މޯހަން ބަގާން ކުޅުނު މެޗު 4-0 ން ބަގާން ކާމިޔާބުކޮށް މި ވަގުތު އެއްވަނައިގައި އޮތީ އެ ޓީމެވެ. ކޮންމެ ޓީމަކަށް ދެން އޮތީ ފަސް މެޗެވެ.

އޮސްކާ ބުނީ އޭނާގެ ޓީމު އެ ފަސް މެޗު ކުޅެން ޖެހޭނީ ފައިނަލު މެޗުތަކެއް ކަމަށް ދެކިގެން ކަމަށެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމެންޓޭ1

20 September 2023

މާޒިޔާ މޮޅުވިޔަސް ހަގީގަތަކީ ޞަރަޙައްދުގެ ފުޓުބޯޅަ ކުރިއަރައިންދާއިރު ދިވެހި ފުޓުބޯޅަ ހީނަރުވެފައިވާ ކަން. އިންޑިއާ މިހާރު އޮތީ އަތު ނުޖެހޭ ހިސާބުގަ ލަންކާ ނޭޕާލް ބަންގްލަދޭސް އަށް ވުރެ ރާއްޖެ ދަނީ ފަހަތަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454