މިރޭގެ އެމްޑީޕީ ކެމްޕެއިން ހަރަކާތުގައި ޝާހިދު ވާހަކަ ދައްކަވަނީ--ފޮޓޯ: އެމްޑީޕީ
23 ސެޕްޓެމްބަރ 2023 - 23:45
ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމާއި އެ ގައުމާއެކު ބާއްވާ ގުޅުމުގެ ސަބަބުން މިނިވަން ކަމަށް އަސަރު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ރައްދު ދެއްވައިފި އެވެ.
އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ ހަމައެކަނި ކަމަކީ "ފިތުނަ ދޮލަނގަށް ލައިގެން" ދިވެހިންނަށް ފިތުނަ ވިއްކުން ކަމަށާއި އޭގެ އެންމެ ކުރީގައި އޮތީ އިންޑިއާ އާ ގުޅުވައި ދައްކަވާ ވާހަކަތައް ކަމަށެވެ.
"މި ވާހަކަ ހިންގަވާ މިރޭ ރަނގަޅަށް ދައްކާލަން،" ވާހަކަ ފައްޓަވަމުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރާ އިންޑިއާގެ ހެލިކޮޕްޓަރެއް ފުރަތަމަ ރާއްޖެ ގެނައި 2011 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެ ގެނެސްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ދެ ހެލިކޮޕްޓަރު ގެނައުމާ މި ސަރުކާރާ ގުޅުމެއް ނެތް. އަޅާފައި އޮތް ސޮއިއެއް އެޅީ ކުރީގެ ސަރުކާރުތަކުން." ޝާހިދު ވިދާޅުވި އެވެ.
ކުރީ ސަރުކާރުތަކުން ހެލިކޮޕްޓަރު ގެނަޔަސް އެއީ ރައްޔިތުންނަށް އެތައް ގޮތަކުން އެހީ ލިބުނު މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ކުރީ ސަރުކާރުތަކުން ވެސް އެ ހެލިކޮޕްޓަރުގެ ކަންކަން ހިންގަމުން ގެންދިޔައީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ މިނިވަންކަމަށް ގެއްލުން ނުވާ ގޮތަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް ހެލިކޮޕްޓަރާއި ގުޅުވައި ފިތުނަތައް އުފައްދަން ފެށީ މި ސަރުކާރު އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ އަށް އިދިކޮޅުން އުފެއްދި ފިތުނައަކީ އައްޑޫ ޕޮލިސް އެކެޑެމީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އައްޑޫގައި ފުލުހުން ތަމްރީން ކުރާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ކަމަށާއި އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ޔާމީންގެ ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސާފުކޮށް ބުނަމުން ގެންދިޔައިން ތިޔަ ވަރަށް ދޮގު ނުހައްދަވާށޭ. ރާއްޖޭގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ދެއްކި ވާހަކައެއް އެއީ ވެސް،" އޭނާ ވިދާޅުވި އެވެ.
މިއަދު އެތަނުގައި ހުރީ ފުލުހުން ތަމްރީން ކުރާ ބިނާއެއް ކަމަށާއި އިންޑިއާ ސިފައިން ނުޅޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެއާއެކު އިދިކޮޅުން ހަދަމުން އައި ދޮގުތައް ސާފުކޮށް ފެނިއްޖެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅަކީ ވެސް އިދިކޮޅުން އެފަދަ ތުހުމަތުތަކެއް ކުރާ ތަނެއް ކަމަށެވެ.
އެތަނުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރެއް ހެދުމުގެ މަސައްކަތްތައް ފެއްޓެވީ 2016 ވަނަ އަހަރު ޔާމީންގެ ވެރިކަމުގައި ކަމަށާއި އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަޝްރޫއު ހިންގަން ޑިފެންސް އެކްޝަން ޕްލޭނެއްގައި ސޮއި ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭރު ޕްލޭން އޮތް ގޮތުން އުތުރު ތިލަފަޅުގައި އެއާޕޯޓެއް ވެސް އަޅާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރެއްވި އަދި މިހާރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެކު ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެގޮތަށް ޢެކަން ހިނގާފައި އޮތީމަ އިތުރަށް އެއްބަސްވުން ދިރާސާކޮށްފައި އުނިކޮށްފައި އެތަނަކީ ރާއްޖޭގެ ފުރިހަމަ ބާރު ހިނގާ ކަމެއް ގޮތުގައި މިހާރު އެ ހިނގަމުން އެދަނީ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތައް ގަބޫލު ކުރަން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކޮށްލީ ކޮން ސަރުކާރަކުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން ލަތީފު
25 September 2023
މަނިކުފާނު ވިދާޅުވާ އެއްޗެއް ފަހުމްވާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ވެރިންނަށާއި އެގައުމުތަކުގެ ރައްޔިތުންނަށް. އަހަރުމެންނަކީ އަހަރުމެން. އަހަރުމެންނަށްކިޔަނީ ދިވެހިން. ބަލަނީ ހިންދީ ފިލްމު. އދ. ގެ ރައީސްކަންކުރެއްވިއަސް ދިވެހި ސައިހޮޓަލެއްގެ ވެއިޓަރަކަށްވެސް މަނިކުފާނު ކަމަކުނުދާނެ.
މިސްޓަރ ކާޕެޓް
24 September 2023
އިންޑިއާގެ ސިފައިންގެ ޔުނީފޯމުގައި އައްޑު، ހައްދުންމަތި، ތިލަދުންމަތިން މިފެންނަ މީސްމީހުންނަކީ ކޮންބައެއްބާ؟ އެތަންނާނގެ އެއާޕޯޓުތަކަށް ޖައްސައި އުދުހެނީ އަސްކަރީ މަތިންދާ ބޯޓުތަކަކީ ކޮންގައުމެއްގެ އެއްޗެހިތަކެއްބާ؟ ވަކިހިސާބަކުން ދިވެހިންނަށް ނުވަދެވޭހެން ބަންދުކޮށްގެން އެއުޅެނީ ކޮންގައުމެއްގެ ސިފައިންބާ؟
ބަކުންބޭ
24 September 2023
އިންޑިއާގެ ފުލް ކޮންޓްރޯލްގަ ހުރިހާކަމެއްވެސް ކުރިއަށްދަނީ.
ގައްސާނު
24 September 2023
ހެކި ނުދެއްނުކުނު ބައެއް. އަދިވެސް ހެއްކެއް ނެތި އަނަގއިން އެއްޗެއް ކިޔަނީ!
މުޖާހިދު12345
24 September 2023
ޢެގްރީމަންޓްތައް ހަމަ ވީމާ އަލުން އާ ނުކޮށް އެންބުރި ދާން ޔާމީނު އެންގި. ޢެންގީމާވެސް ނުދިޔަ. ވިސާ އިތުރު ނުކޮށްދީ އެންބުރި ދާންވެސް އެންގި. ދެން ވެސް ނުދިޔަ. ދެންކުރީ އިންޑިޔާއަށް ދާ ދިވެހިންނަށް ޖެއްސުން. މި ވެރިކަން އައިސް މަދު ދުވަސްކޮޅެއް ތެރޭ އެ ހުރިހާ ކަމެއް އިޔާދަ ކުރި. ނިަކން ބުނެބަލަ ދޮގެކޭ!
މުދިޝް
24 September 2023
އެމްޑީޕީގެ ވެރިކަން ހޯދާނީ އަބަދުވެސް ވަގުންނޭ ކަރަޕްޝަނާ މީހުންމެރުމާ މިކަހަލަ ހުރިހާކަމެއް ވިއްކައިގެން.އަމަލާ ކުރާކަންތަކާ ދިމާނުވާނެ. ވެރިކަން ފޭރެން ކޮންމެ ފަދަ ވާކައެއްވެސް ދައްކަފާނެ. ތިރީސްއަހަރެއްގެވެރިކަމެއްވެސް ކުރި. ވެރިކަން ވެއްޓިދާނެތީ މިހާރު ރޯމަހެއްތެޅޭހެން އިބޫގެ ސަރުކާރުން ތެޅޭގޮތަށް ނުތެޅޭ. އަނެއްކެނޑިޑޭޓްގެ ބޮލުގައި ނައަޅުވާ ދޮގު އިލްޒާމެއް ނެތް. ހަމަ މަރަށް ތެޅޭހެން ތެޅެނީ.
ޢެމެރިކާ
24 September 2023
މި ސަރުކާރުން ވެރިކަމާ ހަވާލުވެފަ ހުރިހާ އިންޑިޔާ މިލިޓަރީ އެއްބަސްވުންތަކުގަ ސޮއިކުރީ. ކުރީގެ ސަރުކާރު ބޮލައްކަޑާލަނީ.
ފަލަސްތީން
24 September 2023
ރ ޔާމިން އެމީހުންގެ ވިސާ ކެންސަލް ކުރީމަވެސް ނުފޭބި
ފިތުނަ ބަތްޕޮޅި
24 September 2023
2017 ގެ ބަޖެޓް ފާސްކުރަން އުޅުނުއިރު ޝާހިދާ އިބޫ މަޖްލިހުގަ ތިބެ ކަންބޮޑުވީ ގަޑިއަކު 13ރ ދަރަންޏެއް ކޮންމެ ރައްޔިތަކު ބޮލުއަޅަންޖެހޭތީ. މިހާރު ބޮލު އަޅަންޖެހޭވަރު ކިޔައިދޭން ކެރޭނެބާ؟ ދަރަނިން ބޯ ނުހިކޭ މަންޒަރު އެހާ ރީތިކޮށް ފެނުނު ބަޔަކު ވެރިކަމަށް އަރާފަ ދަރަނި އަރުވާލިވަރު މިހާރު އެއޮތީ އެންމެންނަށް ފެންނަން. އެދުވަހު ސިޔާސީ މަގާމުތަކާ އިނާޔަތްތަކުގެ ވާހަކަ ދެއްކި މީހުން އެކަންވެސް ދެގުނަ ބޮޑު ކުރީ. ޓެކްސް އިތުރުކުރީމަ ދަތިވާނެއޭ އެ ދުވަހު ކީ
ސޯލިހެއްނޫން ސޮހޮލެއް
24 September 2023
ދެން ކީއްވެގެންބާ އިންޑިއާ ސަފީރު މި ތެޅިފޮޅެނީ. މިހާރު މިއޮތް ސަރުކާރު ބަދަލު ވެދާނެތީ. ކެމްޕެއިންވެސް ކުރަނީ. އޭނާއެކޭ ދައުލަތުގެ ވަޒީރެކޭ މާބޮޑު ތަފާތެއްނެތް. ސިޔާސީ ޕާޓީ އެއްގެ ކަމެއް ބޭއްވިޔަސް އޭނަ ނެތްތަނެއް ނޯވޭ. އެހެން ގައުމުތަކުގެ ސަފީރުންވެސް މިގައުމުގަ އެބައުޅޭ. އެކަމް އެވައްތަރަކަށް ނޫޅޭ.