ސިޔާސީ / ރިޔާސީ އިންތިޚާބު 2023

29 އަހަރު: ރައީސްގެ ދިގު ސިޔާސީ ހަޔާތްޕުޅުގެ ފުރަތަމަ ނާކާމިޔާބީ!

ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނަށް ދައްކާލައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

01 އޮކްޓޯބަރ 2023 - 10:09

16 comments

ރިޔާސީ އިންތިހާބުގެ ނަތީޖާ އިއްޔެ ކޮންމެ ގޮތަކަށް އައި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވާނީ ތާރީހު ބަދަލު ކޮށްލާނެ ދުވަހަކަށެވެ. އެ މަނިކުފާނު އުންމީދު ކުރެއްވި ނަތީޖާއަކީ ރާއްޖެ ޑިމޮކްރެޓިކް ހަޔާތުގައި ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ރައީސަކަށް ވެވަޑައިގަތުމެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ފަރަގަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. ރައީސްގެ މި ނާކާމިޔާބީ އަކީ 1994 ގައި އެ މަނިކުފާނު ސިޔާސީ ހަޔާތްޕުޅު ފެއްޓެވި ފަހުން ކުރިމަތިވި ފުރަތަމަ ނާކާމިޔާބީ އެވެ. ބަލިވި ފުރަތަމަ އިންތިހާބެވެ.

ރާއްޖޭގެ ހަ ވަނަ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އެތައް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ މަނިކުފާނަކީ ވަރަށް ކާމިޔާބު ޕޮލިޓީޝަނެކެވެ. ތަޖުރިބާ ހުރި ވަރުގަދަ މަޖިލިސް މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ މަޖިލިސް

ސިޔާސީ ހަޔާތްޕުޅުގެ ބޮޑު ބައި ބަސް މަދު ކަމާއި މަޑުމައިތިރި ކަމާ އެކު މާ ގިނަ ބަޔަކަށް ނޭނގި ހުންނެވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ މުގުލެވެ. އެ ޕާޓީގައި އެތައް އަހަރެއް ވަންދެން ހިދުމަތް ކުރެއްވި އެވެ. އެމްޑީޕީން ސިޔާސީ ބޮޑެތި ކަންކަން ނިންމާއިރު ފަހު ބަސް ވިދާޅުވާ އެއް ބޭފުޅަކީ އެއީ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް އޭރު ހުންނެވި އެންމެ ސީނިއާ މެންބަރެވެ.

މަޖިލީހުގައި 25 އަހަރު، ދެން ވެރިކަމަށް!

ރައީސްގެ ސިޔާސީ މަސައްކަތްތައް ފެއްޓެވީ އުމުރުފުޅުން 31 އަހަރުގައި 1994 ވަނަ އަހަރު ޅ. އަތޮޅު ގޮނޑި އަށް ވާދަ ކުރައްވައިގެންނެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ސިޔާސީ މަސްރަހަށް އެޅުއްވި ފުރަތަމަ ފިޔަވަޅެވެ. ދެން އޮތް 25 އަހަރުގެ ތެރޭގައި ވިދިވިދިގެން ފަސް ދައުރު ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެވެ.

އެ މުއްދަތުގެ ތެރޭގައި ރައީސް ވަނީ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވައިފަ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދުށް ބޮޑެތި ދުވަސްތަކުގައި އެމްޑީޕީގެ މުގުލުގައި ހުންނަވައިގެން ސިޔާސީ އެތައް ލަފާ ދެއްވުމާއި އެތައް މަސައްކަތެއް ކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމުގައި އިބޫ (ވ) އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ބައިވެރިވެ ވަޑައިގަންނަވަނީ-- --ފޮޓޯ/ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކޮން ބޭފުޅެއްކަން އާންމުކޮށް އެނގެން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދާއި ސިޔާސީ އެހެން ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުންނެވެ.

އިދިކޮޅު ހުރިހާ ޕާޓީއެއް ގޮވައިގެން އިދިކޮޅު ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވީ އެ މަނިކުފާނެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ފަހުން ޖަލަށް ލުމުން 12 ދުވަހު ކުޑަގޮޅީގައި އޮންނެވި އެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވައި މަޖިލީހުގެ ރިޔާސަތާ ސިޓީފުޅު ހަވާލު ކުރެއްވީ ނޮވެމްބަރު 2018 ވަނަ އަހަރު ގަލޮޅު ދަނޑުގައި އެ މަނިކުފާނު ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށެވެ.

ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް ކަމުގެ ލަގަބު ހޯއްދަވައި ބޮޑު ކޯލިޝަނަކާ އެކު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތެވެ.

ހުރިހާ ބަރަކާ އެކު ޕާޓީގެ އިންތިހާބުތަކުގައި ވެސް ކާމިޔާބު!

އެ މަނިކުފާނު ސިޔާސީ ގޮތުން ދެން ކުރިމަތިލާން ޖެހިވަޑައިގަތީ ފަސް އަހަރު ތެރޭގައި އެ މަގާމުގައި ދެމިހުންނަވަން ކުރައްވަން ޖެހިވަޑައިގަތް މަސައްކަތްތަކެވެ. އެންމެ ފުރަތަމަ އަމާޒަކަށް ވީ އެމްޑީޕީ އަށް 2008 ވަނަ އަހަރު ދިމާވި ހާލަތު ދިމާނުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ މަސައްކަތެވެ.

އުއްތަމަ ފަނޑިޔާރު ރައީސަށް ހުވާ ލައިދެއްވަނީ: ޖުޑީޝަރީއަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި -- ނިޝާން އަލީ / މިހާރު ފޮޓޯ

ހިޔާލުތަފާތުވުންތައް ހުއްޓަސް ނަޝީދާ އެކު އެ މަސައްކަތް ފައްޓަވައި ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުވި އެވެ. ސަރުކާރާއި މަޖިލީހުގެ ތެރެއިން ފުރިހަމަ ބާރާއެކީ ވެރިކަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަތެވެ.

ނަމަވެސް ދެން ދިމާވީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހުނު އެންމެ އުނދަގޫ ދުވަސްތަކާ އެވެ. އެއީ ސިޔާސީ މަސައްކަތްޕުޅު ފެއްޓެވުމުގެ ކުރިން ވެސް އެކުގައި އުޅުއްވި އެންމެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާ ސިޔާސީ ގޮތުން ވާދަކުރައްވަން ޖެހިވަޑައިގަތުމެވެ.

ޕާޓީގެ ތެރޭގައި ހިނގި މައްސަލަތަކާ ހެދި ރައީސަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފި ކަމަށް ނަޝީދު އިއުލާން ކުރައްވައި އެ މަނިކުފާނާ ވަރުގަދަ ސިޔާސީ "ހަނގުރާމައެއް" ފެއްޓެވި އެވެ.

އެމްޑީޕީގެ ތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއްގައި ކޮންމެ މަގާމަކަށް ނަޝީދުގެ ފެކްޝަންގެ މެންބަރަކާއި ރައީސްގެ ފެކްޝަންގެ މެންބަރެއް ކުރިމަތި ލެއްވި އެވެ. އެމްޑިޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުން ހޮވުމަށް ބޭއްވި އިންތިހާބާއި ގައުމީ މަޖިލީހުގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބު އަދި ކޮންގްރެސް ތެރެއިން ވެސް ރައީސާ ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ.

މާލެ: ސެޕްޓެމްބަރު 25، 2018: ސޯލްޓުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ނަމަވެސް މި ހުރިހާ އިންތިހާބެއްގައި ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންގެ ތާއީދު ހޯއްދަވައި މުޅި މަޖިލީހުގެ ކޮންޓްރޯލް ނެންގެވި އެވެ. އެ ކޮންޓްރޯލް ނެންގެވުމަށް ފަހު އެކަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިއުލާން ވެސް ކުރެއްވި އެވެ.

އެންމެ ފަހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ސީދާ ނަޝީދާ ޕްރައިމަރީގައި ވާދަކުރައްވައި ބޮޑު ތަފާތަކުން އެ އިންތިހާބު ވެސް ކާމިޔާބު ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބަކީ އެއް ބަޔަކު ސިފަ ކުރާ ގޮތުގައި އެއީ އެ މަނިކުފާނު އޭގެ ކުރިން ސިޔާސީ ގޮތުން ކުރި ހޯދަން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ފަސް އަހަރުގެ މުއްދަތަކަށް ކޯލިޝަނެއް ހިފެހެއްޓެވީ އެ މަނިކުފާނެވެ. ނަމަވެސް ކޯލިޝަނަކަށްޓަކައި ކޮރަޕްޝަންގެ އެތައް ކަމަކާއި ސަރުކާރު ހިންގުމުގެ އެތައް މައްސަލަތަކާއި އެމްޑީޕީގެ ތެރޭގައި ވެސް ބޮޑެތި މައްސަލަތަކެއް ޖެހުނެވެ. ބައެއް ކަންކަން ނުބައްލަވައި ދޫކޮށްލުމުގެ ނަތީޖާ ވީ ގޯހެވެ. އެމްޑީޕީގެ ތެރެއިން ނަޝީދު ބަލި ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަކު، ނަޝީދާ ދެކޮޅަށް ތެދުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ރިޔާސީ އިންތިހާބު ނާކާމިޔާބު ވާން އެޅި ފުރަތަމަ ފިޔަވަޅު ގޮތުގައި ބައެއް މީހުން ދެކެ އެވެ.

ދެން އޮތް ސުވާލަކީ ކާމިޔާބު ދިގު ސިޔާސީ ހަޔާތަކަށް ފަހު ދެން އެ މަނިކުފާނު ރިޓަޔާ ކުރައްވާނީ ތޯ އެވެ. ނޫނީ ފެންނާނީ އިދިކޮޅު ލީޑަރެއް ގޮތުގައި ހެއްޔެވެ؟

16 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

4 ބޮނޑި

25 October 2023

މިފަހަރު ބޮޑު ބައްޔަކުން ބަލިވީ އާދައިގެ ގޮތަކަށް ނޫނެވެ

The name is already taken The name is available. Register?

ފާތިރާ

07 October 2023

ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ އުމަރު ނަސީރު ވިދާޅުވި ގޮތަށް ރާއްޖޭގެ ތަފާތު ތަންތަނުގަތިބި އިންޑިޔާ ސިފައިން ތިބިކަން އެގިވަޑައިނުގަތުމާއި ޑރ.މުޢިއްޒު ގެއަގު ވައްޓާލުމަށް ހެއްދެވި ދޮގުރިޕޯޓްތައް އަދި މާރިޔާގެ ޕުރެސް ތައް މިހެންގޮސްއެތައްކަމެއް......

The name is already taken The name is available. Register?

ދެވި

05 October 2023

ވެރިކަމަށް މާބޮޑަށް ދަހިވެތިވީމަ މީހާ ވެއްޓޭނީ ހަމަ ބިމަށް. މިފަހަރު އެވީ އެގޮތް. އެންމެ ގާތް ޒަމާންވީ ރަހުމަތްތެރިއާއަށް ވަފާތެރިނުވެވުނީ ގައުމަށް ވަފާތެރިވާން ހަދައިގެންނެއް ނޫން. ވެރިކަމުގެ ދަހިވެތިކަން ބޮޑުވެގެން. ބާރަކީ އެކަހަލަ އެއްޗެއް.

The name is already taken The name is available. Register?

ބަކުރުބޭ

05 October 2023

ކޮބާ ހިތްތިރިވެފަ. ހިތްމޮޅުކަމުން އޭނަ ނުކުރާކަމެއް ބުނެބަލ. މިހާރަކު ނުބުނެވޭނެ މަށަށް ނޭނގޭއެކޭ. މުއިއްޒުގެ މައްޗަށް ދޮގުހުރިހާ ރިޕޯޓެއް ހެދީވެސް މީނަ ބުނެގެން. އެކަމުންވީ ގެއްލުން. ކޮންކަހަލަ ކާމިޔާބީ ރައީސެކެޭ ތިކިޔަނީ. ބަޔަކު ގޮނޑީގަ ބޭންދީމަ މަނަމަވެސް އިންނާނެތާ؟ އެގޮތަށް އިން މީހެއް އިބޫއަކީ. މަޖިލީހުގަވެސް އިނީ އެގޮތަށް.

The name is already taken The name is available. Register?

ނާކާމިޔާބަކީ ވެސް ކާމިޔާބު

01 October 2023

ބައެއްފަހަރު ނާކާމިޔާބަކީ ވެސް ކާމިޔާބެވެ. ޝައްކެއްވެސް ނެތެވެ! ރައީސް ޞޯލިޙަކީ ވަރަށްގިނަ ދިވެހިންގެ ލޯބި ލިބިވަޑައިގެންނެވި ރައީސެވެ.

The name is already taken The name is available. Register?

ސެލިއުޓް ޓޫ ދަ ޕްރެޒިޑެންޓް

01 October 2023

ޝުކުރިއްޔާ އޯގާތެރި ހިތްތިރި ރައީސް. ރައީސް ރަށްތަކާށައި މުޅިގައުމަށް ކޮށްދެއްވި ހުރިހާ ކަމަކަށް ތައުރީފުކުރަން. އަބަދުވެސް ރައީސް ހަދާންކުރާނީ އޯގާތެރިކަމާއި އަމާންކަމާއި ހަމަޖެހުން ގެނެސްދެއްވި ރައީސްގެ ގޮތުގަ. ތިންފަހަރުވެސް ވޯޓްދިނިން. ހުރިހާ ފަހަރެއްގަވެސް ވޯޓް ދިނީ އުފަލުން ހިތްރުހިގެން. ބޮޑުމަންޒަރު ފެންނަދުވަހަކުން ރައްޔިތުންނަށް ވިސްނޭނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ހުސައިން ނިޔާޒު

01 October 2023

މިދިޔަ ހުކުރު ދުވަހު ގެ ޚުތުބާގައި ދެއްކި ވާހަކަތަކަށް ދިވެހިން މި ދިނީ ބީރު ކަންފަތެއް. މީ ދެރަ ކަމެއް.

The name is already taken The name is available. Register?

ަސޭޑް

01 October 2023

ހީލަތްތެރި ވެރިއެއްގެ ނިމުން

The name is already taken The name is available. Register?

ޢަލީ އަހުމަދު

01 October 2023

އަހަރެން ވަރަށް ލޯބިވާ ރައީސެއް މީ.

The name is already taken The name is available. Register?

ޙިނި

01 October 2023

ރީތި ނަމާއެކު ދެން އިބޫ އެއްކާއިއައް ޖެހިލަންވީ. ރައީސަކައް ހުރެ ޕާޓީ ހިންގުމައް އަތްބޭނުން އެއީ އެންމެ ބޮޑު މިސްޓޭކް. ޕާޓީ ތެރޭ ބަރުލަމާނީ ވިސްނުން އޮތްކަން އެބަ އެންގޭ، އެޔާ ފޭސްނުކޮއް ޕާޓީގެ ދެފެކްޝަނަކައް ބަހާލައި ޕާޓީ ލީޑާސިޕް ނެގުމުގެ ހިތި ނަތީޖާ މިފެނުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454