ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ލާފައިވާ ބާތިލް ވޯޓެއް: މިއީ ތާރީހުގައި ވެސް އެންމެ ބާތިލް ވޯޓު ގިނަ އިންތިހާބު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އޮކްޓޯބަރ 2023 - 14:30
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނައި ނިމުނުއިރު ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ބާތިލް ވޯޓު އިންތިހާ އަށް ގިނަވުމެވެ. ބައެއް ކެންޑިޑޭޓުންނަށް ލިބުނު އަދަދަށް ވުރެ ވެސް ބާތިލް ވޯޓު ގިނަ އެވެ.
އެ ކަންބޮޑުވުމާއި އިލެކްޝަންސް ކޮމިޝަނަށް އަމާޒުވި ފާޑުކިޔުންތަކާ އެކު، އިންތިހާބުގެ ދެ ވަނަ ބުރަށް އީސީން ކުރިމަތިލީ އެކަން ބަދަލުކުރުމަށެވެ. އެކަމަކު، ދެވަނަ ބުރުގެ ނަތީޖާ އިން ފެނުނީ ބާތިލް ވޯޓަށް ކުރިއަށް ވުރެ ވެސް އިތުރުވި ތަނެވެ. މިއީ ތާރީހުގައި ވެސް ބާތިލް ވޯޓު އެންމެ ގިނަ އިންތިހާބެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،835 ވޯޓު ބާތިލް ވި އެވެ. ދެ ވަނަ ބުރުގައި 7888 ވޯޓު ވަނީ ބާތިލް ވެފަ އެވެ. މިއީ އިންތިހާބުގައި ވޯޓުލީ މީހުންގެ ތިން ޕަސެންޓު މީހުންނެވެ.
އިންތިހާބަކަށް ފަހު އިންތިހާބަކުން ބާތިލް ވޯޓު އިތުރު މިވަނީ ކީއްވެ ހެއްޔެވެ؟
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ވެސް މިކަމާ ކަންބޮޑުވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބެއްގައި އެ މައްސަލަ ހައްލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ދެން އޮތް އިންތިހާބެއްގައި ރަނގަޅު ކުރާނެ ކަމަށް އީސީން ބުނި ނަމަވެސް، އެ ކޮމިޝަނަށް ވެސް ޖަވާބު ނުދެވޭ ސުވާލަކީ ބާތިލް ވޯޓު މިހާ ބޮޑަށް އިތުރުވާން ޖެހޭ ސަބަބެކެވެ.
ބާތިލް ވޯޓުތަކަށް ބަލާއިރު، އެންމެ ގިނަ ވޯޓު ބާތިލް ވެފައި ހުރީ އެއް ފާހަގަ އަށް ވުރެ ގިނަ ފާހަގަ ހުރެގެންނެވެ. އެއީ ޖަހާފައިވާ ހެޔޮ ފާހަގައިގައި މަތިން އިތުރަށް ފަވާފައި ހުރުމުންނާއި ނުވަތަ އިތުރު ތުނޑެއް އިނދެގެންނެވެ.
ވޯޓު ފާހަގަ މިގޮތަށް ޖަހާފައިވާ ވޯޓު ކަރުދާސް ބާތިލް ކުރަނީ އެއީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމެއް ކަމުގައި ބަލަ އެވެ. އެ ވޯޓަކީ ސައްހަ ވޯޓެއްތޯ ނުވަތަ ބާތިލް ވޯޓެއްތޯ ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ވޯޓު ލާ މަރުކަޒުގައި ހުންނަ ވެރިޔާއަށެވެ. އެކަމުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ނުވަންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި ކަމުގައި ދެން ދިމާވާ އަނެއް މައްސަލައަކީ އެއް މަރުކަޒުގައި އަމަލު ކުރާ ގޮތަށް އަނެއް މަރުކަޒުގައި އަމަލު ނުކުރުމެވެ. އެއް މަރުކަޒުގައި ގޮޅިން ފާހަގަ ވަކި ވަރަކަށް ވުރެ ބޭރު ވެފައި އަނެއް ކެންޑިޑޭޓުގެ ގޮޅިއަށް ނާރާނަމަ އެ ވޯޓު ބަލައިގަންނައިރު، ބައެއް މަރުކަޒުތަކުގައި ތަފާތެވެ.
ކިރިޔާ ވެސް ގޮޅިން ބޭރު ވެފައި ހުންނަ ނަމަ ބަލަނީ ބާތިލް ވޯޓެއްގެ ގޮތުގަ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ލާފައިވާ ބާތިލް ވޯޓެއް: މި ވޯޓު ބާތިލް ވެފައިވަނީ ފާހަގައިގައި ފަވާފައި އޮތުމުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ކަންބޮޑުވުން އިންތިހާބު އޮބްޒާވްކުރި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ފާހަގަކޮށްފައިވެ އެވެ. އެކަން އިއްޔެ ވެސް ފެނިގެން ދިޔައިރު، މޮނީޓަރުންނާއި އޮބްޒާވަރުން މަރުކަޒުގެ ވެރިންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަ ވޯޓު ބާތިލް ވޯޓަކަށް ބަދަލުކޮށްފައި ވެސް ވެ އެވެ.
އެކަން ދެ ވަނަ ބުރުގައި ހައްލު ކުރާނެ ކަމުގެ ޔަގީން ކަން ވެސް އީސީން ދީފައިވެ އެވެ. އޮފިޝަލުންނަށް އިތުރު ތަމްރީނު ދީ، ވޯޓު ފާހަގަ ފަވަން ނުޖެހޭ ފަދަ ދެލިހިނގާ ގަލަމަށް ވޯޓު ލާ ގަލަން ބަދަލު ކުރާނެ ކަމަށް އޭރު ބުންޏެވެ.
ބާތިލް ވޯޓުތައް ދައްކަމުން ދިޔައިރު ބައެއް އިންޓަނޭޝަނަލް އޮބްޒާވާސް ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިއްޔެގެ ވޯޓު ލުން ކުރިއަށް ދިޔައިރު ފާހަގަ ޖަހަން ފަސޭހަ ކުރުމަށް ކަރުދާސްކޮޅު ބާއްވާ ތަނުގައި ބްރިސިލްބޯޑެއް އޮތް ނަމަވެސް، ގިނަ ފޮށިތައް ކައިރީގައި ހުރި "ދެލި ނުހިނގާ" ބޯލްޕޮއިންޓު ގަލެމެވެ. ބާތިލްވި ގިނަ ވޯޓުގައި ފާހަގަ ޖަހާފައި ހުރީ ވެސް އެފަދަ ގަލަމުންނެވެ.
ދެ ވަނަ ބުރުގެ ވޯޓަށް ކުޑަތަން ވިއިރު، ކަމުދާ ކެންޑިޑޭޓެއް ނެތް ކަމަށް ބުނާ އަޑުތައް ދިޔައީ ސޯޝަލް މީޑިއާގައި ގަދަވަމުންނެވެ. ސިޔާސީ މީހުންނަށް ގެއްލުނު އިތުބާރާއި ވޭތުވެދިޔަ އަހަރުތަކުގެ ހިތި ތަަޖުރިބާއާ އެކު ގިނަ ދިވެހިން ބޭނުންވީ ސިޔާސީ މީހުންނަށް ނޫނެކޭ ބުނާށެވެ. އެ އަޑުތަކުގެ ތެރެއިން ދެން އުފަންވީ ޓީމްބާތިލް ހަރަކާތެވެ.
އެ ހަރަކާތް ފެށުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނަކު ބުނީ، ބޭނުންވީ ކަމުދާ އެއްވެސް ކެންޑިޑޭޓެއް ނެތް ކަން ބުނެދޭން ކަމަށެވެ. އެއީ ވެސް އޮތް ހައްގެއް ކަން އަންގައިދިނުމެވެ. ބައެއް ގައުމުތަކުގައި "ނޮން އޮފް ދަ އެބަވް" ނުވަތަ ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ބުނާ އޮޕްޝަން އޮންނަ ފަދައިން ދިވެހިންނަށް ވެސް އެ ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
I went through the manifestos of both candidates and made a choice. But after the content they’ve put out recently, I too find myself uncertain about which one is the better option or, to put it more precisely, who’s the lesser evil
— Thasannum Waheed (@thaaaathu) September 29, 2023
So I’m #TeamBaathil
ބާތިލް ވޯޓަށް ތާއީދުކޮށް ޒުވާނަކު ކުރި ޓްވީޓެއް --
"ބުނެދޭން ބޭނުން ވަނީ އަހަރުމެންނަށް ކަމުދާ މީހަކު ނެތް ކަން. ކުޑަ ނުބައި ބޮޑު ނުބައި އިހުތިޔާރު ކުރަން ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.
އެ ހަރަކާތަށް ތާއީދު ކުރައްވަމުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ފާރިސް މައުމޫން ވިދާޅުވީ، ފާއިތުވި ތިން ހަފްތާގެ ތެރޭގައި މެނިފެސްޓޯތައް ކުޑަދޮރުން ބޭރަށް އެއްލާލައި، ކެންޑިޑޭޓުން ކޮށްފައިވާ ޒިންމާދާރުކަން ކުޑަ ވައުދުތައް ފުއްދުމުގެ ފުރުސަތު ހަނި ކަމަށެވެ.
އޭގެ ބަދަލުގައި ދެ ފަރާތުން ވެސް ފެނިފައި ވަނީ ނެގެޓިވް ކެމްޕޭންތަކާއި ނަފްރަތާއި ފިތުނަ ފެތުރުމުގެ އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ރަނގަޅު އަދަދަކަށް އިހުތިޖާޖު ވޯޓު ލެވިއްޖެ ނަމަ، އެއީ ދެވޭ ވަރުގަދަ މެސެޖަކަށް ވާނެ،" ފާރިސް ވިދާޅުވެފައިވެ އެވެ.
Whether to void one's vote is personal w/ no right or wrong answer. Voiding can send a strong message of dissatisfaction with the status quo or support alternative movements. TheConstitution may feed political polarization, candidates may make irresponsible promises. #TeamBaathil https://t.co/n9B2S0eQEw
— Mira(z) * Ahmed (@mirerz) September 29, 2023
ބާތިލް ވޯޓަށް ތާއީދުކޮށް ޒުވާނަކު ކުރި ޓްވީޓެއް --
އެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ފުއާދު ވިދާޅުވީ ބާތިލް ވޯޓުތަކުގެ އަދަދުން އިންތިހާބުން ނަތީޖާ އަށް އަސަރު ނުކުރި ނަމަވެސް، އެ އަދަދުން އެންމެންނަށް ރަނގަޅު މެސެޖެއް ދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ދީފައިވާ ބައެއް ބާތިލް ވޯޓު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ހުރިހާ ކަމެއްގެ ތެރެއިން، މިފަހަރުގެ އިންތިހާބުން ޓީމް ބާތިލް ވަނީ ތިން ޕަސެންޓު ވޯޓު ހޯދައި، އެ މީހުންގެ އަޑު އިއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަަތުއްތު
02 October 2023
ބޮޑަށް ވައްތަރީ، ކޮންމެވެސް ގޮތަކަށް ޖީބަށް އެނގުންވީމަ ވޯޓުލީމޭ ބުނަންވެގެން ވޯޓުލީ. ޖީބަށް އެނގުންކޮށްލި މީހާ ބޭނުންވީ ވޯޓު ނުލުން ނޫނީ ބާޠިލުވާގޮތަށް ވޯޓުލުން
ދެން ހަމަ ބުނެލީ..
02 October 2023
ބައްލަވާ ތިއްބަވާނެ ދެއްތޯ އުމުރުން ދުވަސްވީ ބޭފުޅުންވެސް. އެބޭފުޅުން ބައެއް ފަހަރު އެހާ ސީދާކޮށް ފާހަގަ ނުޖެހިދާނެ. ދެން އެތަންކޮޅު ރަނގަޅު ކޮށްލަން ފާހަގަ ފަވާލަފާނެ ދެއްތޯ؟ ނޫނީ ގޮޅިން ބޭރަށްވެސް ފާހަކަ ނުކުމިދާނެ ދެއްތޯ؟ ޤަވާއިދުތައް މަ ބޮޑަށް ހަރުކަށި ވީމަ ވާ ގޮތް..
ދަތިހާލުގައި އުޅޭ ބައްޕަ
02 October 2023
ފާހަގަ ގިނައިން ލިބޭ މީހާ އަށް ބޮޑު މުސާރައާއި ، ޝަރަފާއި ، އިއްޒަތާއި ، ބޭސްފަރުވާއާއި ،ދުނިޔޭގެ ލެއްވިހާ ހުރިހާ އިނާޔަތެއް އޮތުން މިއީ ޑިމޮކްރަސީ ނަމުގައި އަރުމެން އިންސާނުންގެ ތެރެއިން ބަޔަކު އުފަން ކުރުވައިގެން އުޅޭ ތާކުންތާކު ނުޖެހޭ އުސޫލެއް.. މީގެ ހަގީގަތް ހާމަވާނީ މިޔަދަކު ނޫން.. ދުނިޔޭގެ އެންމެ މުއްސަދި ، ރައްޔިތުންނަށް ހިލޭ ހުރިހާ ޙިދުމަތެއް ފޯރުކޮށްދޭ ، ރައްޔިތުން ފުދިގެން އުޅޭ ގައުމުތަކުގައި ނޯވޭ ވޯޓުލައިގެން ވެރިޔަކު ހޮވުން.
ބާތިލް
02 October 2023
މަށެއް އަންނިއަކަށް ތާއިދެއް ނުކުރަން. އެކަމަކު މިހާރު މިއޮތް ނިޒާމު ކަމަކު ނުދޭ. މަޖުލިސް މެންބަރުން ހަބޭހަށް ކަނީ ނޭއްގާނީ ޒުވާނުން ގެންގުޅެނީ ސޯ ނޯ ވޯޓު
ރާހު
02 October 2023
މަށަށް ޕާޓީ ތަކުން ގުޅާތީ ދުއްޕާން ވެގެން ވޯޓުލާން ދިޔައީ. މިހާރު އޮތް ނިޒާމުގެ ތެރެއިން އެއްވެސް މީހަކަށް ވޯޓުލާކަށް ބޭނުމެއް ނުވޭ. ކޮންމެ 5 އަހަރަކުން އަންނަ ބަޔަކު ހިތަށް އެރި ގޮތަކަށް ވަޒީފާއަ ޕުރޮޖެކުޓާ ފައިސާ ބަހަނީ. އެހެންވީމަ ދިނީ ބާތިލް ވޯޓެއް.
ބޮޑުމީހާ
01 October 2023
ވަކި ސްޓޭމްޕެއް ބާއްވަންވީ
މާކުންބޭ
01 October 2023
ފާރިސަކަށް ވެރިކަމަކަށް ނާދެވޭނެ، ކިތަންމެވަރަކަށް އުޅުނަކަސް. ފާރިސަށް ހަމަ ތިއުޅެނީ ހަޖަމްގެ މައްސަލައެއް ޖެހިގެން. ޑރ އަށް ދައްކަވާ
އަލިބެއްޔާނާ
01 October 2023
# ޓީމް ބާތިލް
ޔަރަހަ
01 October 2023
އަދި ފާހަގައިގެ ތަންކޮޅެއް ގޮޅިން ބޭރުވިޔަސް ބާޠިލް ކުރަނީ މީވެދް ރަގަޅު ގޮތެއް ނޫން. ކޮންމެ މީހަކުވެސް މި ހުންނަނީ ކޮންމެވެސް ވިސްނުމެއްގަ ސަޕޯރޓް ނުކުރަމޭ ބުންޏަސް އެހެންވީމަ ދެކޮޅުންވެސް ކިރިޔާވެސް ބާތިލް ކޮށްލެވޭފަދަ ގޮތަކަށް ފާހަގަ އިނީމަ ބާޠިލް ކުރަނީ.
Gold
01 October 2023
ބާތިލުވި ކަރުދާސްތަކުގެ ފޮޓޯއާއި ބާތިލުވި ސަބަބު ބަޔާންކޮށް އެންމެނަށްބެލޭނެހެން ވެބުސައިޓަކަށްނަމަވެސް ލީނަމަ މީހުން ހޭލުންތެރިވުމަށް ލިބޭ ފުރުސަތަކަށްވާނެ