ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލީކަމުގެ ފާހަގަޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަނުން ބުނެފި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަޖެހީ ވައަތުގެ ޝަހާދަތް އިނގިލީގަ އެވެ.
އީސީން ބުނީ ދެވަނަ ބުރުގައި ވޯޓުލާ މީހުން ދެނެގަތުމަށް ފާހަގަ ޖެހުމަށް ކޮމިޝަނުން ނިންމާފައިވަނީ ކޮންމެ މީހެއްގެ ވައަތުގެ މެދު އިނގިލީގައި ކަމަށެވެ.
ގިނަ ދުވަހަށް ދެލި ނުފިލާ ހުންނަ މާކަރަކުން ޖަހާ އެ ފާހަގަ، ކައިރި ކައިރީގައި އިތުރު އިންތިހާބެއް ބާއްވާ ނަމަ ފާހަގަޖަހާ އިނގިލި ބަދަލުކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.
ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ.
އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ، ޔޫއޭއީ އަދި އިނގިރޭސިވިލާތުގަ އެވެ.