އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ނިކުމެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
04 އޮކްޓޯބަރ 2023 - 09:50
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރަމުންދާ މަސައްކަތް މި ވަގުތަށް މަޑުޖައްސާލައި، ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމުގެ ފުރުސަތު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޭން އެ ޕާޓީން ނިންމައި އެކަން އެ މަނިކުފާނަށް ދަންނަވާފައިވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.
"އެހެން ނަމަވެސް، އަޅުގަނޑުމެން ވެސް އަދި އެ ހުށަހެޅި ޑިމޮކްރެޓްސް އިން ވެސް އެދެނީ އެ މަސައްކަތް މި ވަގުތު ނުކުރުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އިން އެދެނީ މުއިއްޒުގެ ސަރުކާރު އެކުލަވާލައި، ރިޔާސީ ނިޒާމެއްގައި އެ ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
އެކަމަކު، ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ފިލާ ނުދާ ކަން މުއިއްޒަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.
އެކަމުގައި ފަހުން ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމުގެ އިޝާރާތެއް މުއިއްޒު ދެއްވި ކަމަށް ނަޝީދު ހާމަކުރެއްވި އެވެ.
"...ވިދާޅުވި، ވަގުތުގައި އެ މަސައްކަތަށް އަނބުރާ ގޮސް، ފެންނަ ނުފެންނަ ވޯޓު އަހައި، އެ މަސައްކަތް ކުރިއަށް ގެންދެވިދާނެ އޭ،" މުއިއްޒު އެހެން ވިދާޅުވުމަކީ ވަރަށް ހިތްހަމަޖެހޭ ވާހަކައެއްގެ ގޮތުގައި ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
އެއާ އެކު މުއިއްޒުގެ ރިޔާސީ ދައުރު ފަށައި ސަރުކާރުގެ މަސައްކަތްތައް ރީތިކޮށް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދެއްވުމަށް ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އަދި ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން މަޖިލީހުން ފާސްކޮށްފައިވާ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އީސީން ފޮނުވާފައިވާ ސިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމެވި ކަން ނަޝީދު އިއުލާނުކުރެއްވި އެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ބާރު އެޅުމަށް ފަހު، ނަޝީދުގެ ރާގު ކުއްލިއަކަށް ބަދަލުވެފައިމިވަނީ، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުން ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން ފާސްކޮށްފައިވަނިކޮށެވެ.
މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ނިޒާމީ ބަދަލަކަށް ވުރެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އާ މެދު އޮތް ހިތްހަމަނުޖެހުމެވެ. ވަރަށް ޖޯޝުގައި އެ ޝުއޫރު ގައުމީ މަޖިލީހުގެ މެމްބަރުން ފާޅުކުރައްވަމުން ގެންދެވީ، ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. އެ ގޮތަށް ބޭނުންވަނީ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި ނަޝީދު އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށް ގިނަ ބޭފުޅުން ވަރަށް ފާޅުގައި ވިދާޅުވަމުން ގެންދެވި އެވެ.
މެމްބަރުންގެ ވާހަކަތަކުން ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް ވަރަށް ސާފު ކަމަށް ވިދާޅުވެ، ރިޔާސަތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ސެކްރެޓޭރިއަޓުގެ ފަރާތުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
އެ ގަރާރުގައި ބުނީ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށެވެ.
އެ ގަރާރު ފާސްކޮށްފައިވަނީ، އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި 90 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުލަމާނީ ދުއްތުރާ
05 October 2023
އަންނިއަކީ މިހާރު މާމަޤްބޫލު މީހެއްނޫން. މުޅި ރާއްޖެއިން 15000 ވަރަކަށް މީހުންގެ ތާއީދު އޮތީ. 7 ޕަސެންޓް ތާއީދު އޮތް މީހަކު ކިހިނެއް ބޮޑު ވަޒީރުކަން ކުރާނީ. ބޮޑު ވަޒީރުކަމުގެ އުއްމީދުގަ ޢުމުރު ހުސްވަންދެން ހުރޭ. ބަރުލަމާނީ ވޯޓެއް އެހިޔަސް މަމެން މިތިބީ އެކަން ފެއިލްކޮށްލަން. ނިކަން ރީތި ގޮތުގައި ބަރުލަމާނީއަށް ނޫނެކޭ ބުނެ ސައިޒަށް ކަނޑާލާނަން
ރޫހާނީ ސޮރު
05 October 2023
ހާދަ ހާލެއްގައި އުޅޭ ސޮރެކޭ މިއީ. ކުރަން އުޅޭ ކަމެއް ވެއްޖެއްޔާ އޮންނަނީ ފޭލު ވެފައޭ!
ޓަހުސީނު
04 October 2023
އެންމެ ފަހުން ފޫވެއްޓެނީ ދަނޑިންގެ
ޓިނޭ
04 October 2023
އަނެއްކާ އަނެއް ނުހޮރުއްޕާން، މީނަ ހުޅުނބު ދިޔައީމަވެސް މިކަމުން ދުރައްދާކަށް ނޫޅޭތަ. ޕީޕީއެމް ފަނިކުރާނެގޮތެއް ރާވާނެ.
ކުރުސީ.3.2
04 October 2023
ތިޔައީ މިހާރު އިސްތިއުފާ ދިން ރައީސެވެ.
ސޭކުބެ
04 October 2023
ބަރުލަމާނީގެ ވާހަކަ އެސޮރު ދެން ނުދައްކަން ނިންމީ އެސޮރަށް މިހާރު ޔަގީންވެއްޖެ މަޖްލިސް ގޮނޑިއެއްވެސް އެސޮރަށް ދެން ނުހޯދޭނެކަން. ދެން ކޮންމެ ސިސްޓަމެއްގެނަޔަސް ވެރިކަމާ ކައިރިވެސް ނުވެނޭނެކަން އެސޮރަށް މިހާރު އެގިއްޖެ. ދެން އޭނާ ބަލާނީ ގުރުއަތުލައިގެން ލިބޭކަހަލަ ނިޒާމެއް ގެނެވޭތޯ އޭރުން ފަހަރެއްގަ..............
ރަދުން999
04 October 2023
ޑިމޮކްރަޓްސް ތިމަސައްކަތް ހުއްޓާލާނެކަމެއް ނެތް، ބާރަށް ކުރިޔަށް. މިހާރު މޮޔަހީވީބާ ؟ މިގައުމުގެ ރައްޔިތުންގެ އިހްސާސް އުމުރު ދުވަހު ސިޔާސީ ދާއިރާގައި އުޅުނުއިރުވެސް ނޭގޭ ބައެއް މިނޫނީ ނުތިބޭނެ. ތިވަރުވީމާ ދެން ނިދަން ގޭގެ އޮތުންވެސް ރަނަގަޅުވާނެ.
ަސދފ
04 October 2023
މިހާރު އިނގިއްޖެ މައްސަލަ އުޅެނީ ނިޒާމުގަ ނޫން ކަން...އަންނި ސިކުނޑީގަކަން..ޒާތީވެގެން ގޮސް މުއިޒަށް ޑިމޮކުރެޓުން ފާޅުގަ ކެމްޕެއިން ކޮށްދީގެން ހޮވާފަ މިހާރުއުޅެނީ މުއިޒު ފޫބުޑަށްވެއްޓެން.
ކްރޭޓޯސް
04 October 2023
އަހަންނަށް ފެންނަނީ ކޯޓަށްގޮސް ރައީސް ނަޝީދުގެ ނަން "ޕްރައިމް މިނިސްޓަރ މުޙައްމަދު ނަޝީދު" މި ނަމަށް ބަދަލުކޮށްލަން.
އަދަންކަލޭގެ
04 October 2023
ދޫދިނީކީ ނޫން އަތުން ފިރާލީ