ސުޕްރީމް ކޯޓު: އަމާންކަން ގެއްލޭ ވާހަކަ މަނާކުރާ މާއްދާ ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
04 އޮކްޓޯބަރ 2023 - 15:08
އަމާންކަން ގެއްލޭ ވާހަކަ ދެއްކުން މަނާކުރަން އާންމު ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މާއްދާ ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ރާއްޖޭގައި 1968 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އާންމު ގާނޫނުތަކުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަމްބަރުގެ ދަށުން، އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެކެވެ. އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން މިދިޔަ އަހަރު ރައީސް ނެރުއްވި ގަރާރު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރޭގައި ގާނޫނުގެ އެ ބައި ބާތިލްކުރަން އެދުމުން ހައި ކޯޓުގެ ނިންމީ ގާނޫނުގެ އެ ބައި ބާތިލް ކަމަށެވެ. ނަމަވެސް އިންޑިއާ އައުޓް ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް އެ މައްސަލާގައި ކޯޓުން ނިންމި އެވެ.
ގާނޫނުގެ އެ ބައި ބާތިލްކުރި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ގާނޫނުގެ އެ މާއްދާ އިސްލާހު ކުރަން ދައުލަތަށް ފުރުސަތު ދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދުނަސް، ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ގާނޫނު އަސާސީއާ ހިލާފްވާ ގާނޫނުތައް އިސްލާހުކުރަން 15 އަހަރުގެ މުއްދަތެއް ދައުލަތަށް ލިބުނުމުން ވެސް އެކަން އިސްލާހު ކުރެވިފައި ނެތް ކަމަށެވެ.
އެހެންވެ، އިތުރު ފުރުސަތެއް އެކަމަށް ދޭން ނުޖެހޭނެ ކަމަށް ނިންމައި، އެ މާއްދާ ބާތިލްކުރަން ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި އެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒް ނިންމެވީ އެ ބައި ބާތިލް ނުކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
05 October 2023
ދިވެހި ބަހަކީ އިޝާރާތެކޭ ބުނެ އުޅޭ އެހެންވެގެން އަހުން ރަށު ނުބައި ބަކުރު ވާހަކަ ދައްކާނީ އިޝާރާތުން އެކަންވީ ގޮތަކީ އެއިރުގެ ވެރިމީހާ ރަށްށަ ވަޑައިގެން ޖަލްސާގައި ވާހަކަ ދައްކަމުން ތިންފަހަރަށް ފެންފޮދު ހިޕެއްވީމާ ބަކުރަށް ބުނެވުނީ ނިކަން ބަލާބަލާށޭ ޖަޕާން ގުރާ ފެންބޯވަރު މިއަޑު އިވުނީ ސިފައިންގެ ބޭކަލަކަށް އެކަމާ ގުޅިގެން ބަކުރު މާލެ ގެނައިސްފަ ރަށްށަ ދިޔައިރު ހުރީ ބަކުރުގެ ސިފަ ޖަޕާން ގުރައަކަށް ބަދަލްވެފާ އެއީ ސިފައިން ބަކުރަށް ދިން ހަދިޔާއެ.
ނޫން
04 October 2023
އޭ. މަ ބުނީ ބާތިލުކުރި މާއްދާގަ އޮތީ އަމާންކަން ގެއްލޭ ވާހަކަ ދެއްކުން މަނަލޭތަ ނޫނީ އަމަން އާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ މަނާ ކަމަށްތަ؟ މަށަށް އެނގިފަ އޮތް ގޮތުން ޤާނޫނުގަ އޮތީ ގެއްލުން ލިބިދާނެ ވާހަކަ މަނާކޮށްފަ. އެހެންވީމަ، ކޮންމެފަދަ ޚިޔާލެއްވެސް އޭގެ މާނައަށް ފެތިދާނެ. އެއީ ވެރިކަން ހިންގާ ފަރާތުން ހިތަށް އެރި ގޮތަކަށް މާނަކުރެވިދާނެ މާއްދާއެއް.
އޮނަރަބްލް އަފީފު ދީދީ
04 October 2023
ހުރިހާކަމެއްގައި "މަނާ" ބޯޑްއަޅުވައިގެންތިބެ ސަރުކާރުހިންގާން އުޅޭނަމަ ދުވަސްކޮޅަކުން މިތަނުގައި އޮންނާނީ ނޯތުކޮރެއާގައި އޮތްފަދަ ޤާނޫނަކާއި ވެރިކަމުގެނިޒާމެއް. # ދައުލަތުގެ ސްޕްރީމްކޯޓުން މިފަހަރު މިމައްސަލަބަލައިގަނެ ދައުލަތުގެ ބަންޑާރަނައިބުކަލޭގެ ޤާނޫނީޒިންމާތަކާއި މަސްއޫލިއްޔަތުގެތެރޭގައި ސަރުކާރަށާއި ދައުލަތުގެމުއައްސަސާތަކަށް ޤާނޫނީލަފާދިނުމުގެ އިތުރަށް ރައްޔިތުމީހާގެ ޙައްޤުތަކާއިމެދުވެސް ފަރުވާތެރިވުމަށް އޮތްކަން ހަދާންކޮށްދިނުން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
04 October 2023
ދައުލަތުން ސްޕްރީމްކޯޓާއި ހަމައަށް މިފަދަމައްސަލަތައް އުފުލުމުން ދޭހަވަނީ ދައުލަތުގެ ބަންޑާރަ ނައިބަކީ ޒަމާނީ ޑިމޮކްރަސީގައި ކަންހިގާގޮތް ނޭގޭ ބީރައްޓެހި މީހެއްކަން. # މީހަކު ނުވަތަ ފަރުދުންތަކެއް ނުވަތަ ސިޔާސީޕާޓީއަކުން ވިޔަސް "ދައްކާ ވާހަކައެއްގެސަބަބުން އަމާންކަން ނުގެއްލޭނަމަ" އަމާންކަން ގެއްލިދާނެކަމަށް ނުބުނެވޭނެ. އެފަދަހާލެއްގައިވެސް އަމާންކަން ކަށަވަރުކޮށްދިނުމަކީ ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއް.
އިބިރަހިމާ
04 October 2023
އަމާންކަން ގެއްލޭ ވާހަކައަކީ ޖޯކެއްނޫން. ތިބޭފުޅާ ނިކަން މަތިންދާ ބޯޓަކަށް އަރާ އިނދެ ނުކިއްސަރު ވާހަކައެއް ދައްކާލަބަލަ. ވާގޮތް ބަލާލަން. ގައިމު މީހަކު ދައްކާ ވާހަކައަކުން ނުވަތަ ޖައްސާލާ ވައްތަކަރުން ބޯޓަކަށް ވާނެ ކަމެއް އޮންނާނެތަ؟
މަހުވައި
04 October 2023
ޑިމޮކްރަސީ އައިސްގެން މިގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ހިތުހުރި ވާހަކައެއް ހިތުހުރި ގޮތަކަށް ހިތުހުރި މީހަކާ ގައުމަކާ އަދި މުއައްސަސާ އަކާ ދިމާއަށް ގޮވުން. އެއީ ބޮޑުކޮށް މަނާ ވާންޖެހޭ ކަމެއް.