ކުޅިވަރު / ޗެމްޕިއަންސް ލީގު

މެޗުގައި ބާސާގެ ޔަމާލަށް އުޅެންޖެހުނީ ބަނޑަށް އުނދަގޫވުމުގެ ވޭނުން އަރައި ނުގަނެވިގެން

ބާސާގެ 16 އަހަރުގެ ފޯވާޑް ޔަމާލް، އޭނާ ވަނީ ރޭގެ މެޗު ސްޓާޓް ކޮށް، ޗެމްޕިއަންސް ލީގު މެޗެއްގައި ސްޓާޓް ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ.-- ފޮޓޯ: އޭއެފްޕީ

ޕޯޓޯ (އޮކްޓޫބަރު 5) - ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ރަށުން ބޭރުގައި ރޭ ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޒުވާން ލަމީން ޔަމާލަށް ބަނޑަށް އުނދަގޫވުމުގެ ވޭނުނގައި އުޅެން ޖެހިއްޖެ އެވެ.

ބާސާ އިން 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް 16 އަހަރުގެ ފޯވާޑަކީ ޔަމާލް ޗެމްޕިއަންސް ލީގުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ޔަމާލް ރޭގެ މެޗަށް ނުކުތްއިރު އުމުރަކީ 16 އަހަރާއި 83 ދުވަހެވެ. މީގެ ކުރިން ރެކޯޑް އޮންނަނީ 1994 ގައި ބެލްޖިއަމްގެ އެންޑަލެޗް އަށް ޗެމްޕިއަންސް ލީގު މެޗެއް ސްޓާޓް ކުރި ނައިޖީރިއާގެ ސެލެސްޓައިން ބަބަޔަރޯ އަތުގަ އެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާއި 86 ދުވަހެވެ. އެ މެޗުގައި އޭނާ އަށް ރަތް ކާޑެއް ވެސް ދެއްކި އެވެ.

މެޗުގެ ފަހު ވަގުތު ޔަމާލް ބަދަލުކުރަން ޖެހުނުއިރު، ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އޭނާގެ ބަނޑަށް އުނދަގޫ ވާވަރުން މެޗު ފުރިހަމަ ނުކުރެވުނީ ކަމަށެވެ. ޔަމާލް ބަދަލުކުރީ 73 ވަނަ މިނިޓުގައި ލިބުނު ބްރޭކެއްގައި އޭނާ ފާހާނާއަށް ގޮސް، 10 މިނިޓް ހޭދަވި އެވެ. ގިނަ ވަގުތެއް 10 ކުޅުންތެރިންނާ އެކު ބާސާ ކުޅެން ޖެހުމުން ޒަވީ ނިންމީ އެތަން ފީބައްދަން ޔަމާލްގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު އެރުވުމަށެވެ.

ޔަމާލް، ރޭގެ މެޗުގައި ޕޯޓޯ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ލަމީން [ޔަމާލް] އަށް އުނދަގުލެއް ވާކަން އޭނާ އަހަރެން ގާތު ބުނި، ބަނޑަށް ތަދުވާތީވެ. އަހަރެމެން ބެލީ މެޗުތެރޭން ލިބުނު ބްރޭކެއްގައި ރަނގަޅުވޭތޯ، އެކަމު ކުރިއަށް ނުގެންދެވުނު،" ޔަމާލް ބަދަލުކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން ޒަވީ ބުންޏެވެ.

ބާސެލޯނާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އިލްކާއި ގުންޑޮއާންގެ އެހީތެރިކަމާ އެކު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެރާން ޓޮރޭޒް އެވެ. ކޯޗު ޒަވީ އޭނާ ކުޅެން ނެރުނީ މި ހާފުގެ ވަރަށް ކުރީކޮޅު ސްޓްރައިކަރު ރޮބާޓް ލެވަންޑޯސްކީ އަށް އަނިޔާ ވެގެންނެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ވަނީ ލެވަންޑޯސްކީގެ އަނިޔާ ސީރިއަސް ކަމަށް ބުނެފަ އެވެ.

ޓޮރޭޒް، ރޭގެ މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަހު ހާފުގައި ޕޯޓޯ އިން ވަނީ މޮޅަށް ކުޅެ ގޯލު ޖަހަން ގިނަ ފުރުސަތުތައް ވެސް ހޯދައިގަ އެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް އޭރިއާ ތެރެއިން ޔާއޯ ކަންސެލޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި އެޓީމަށް ޕެނަލްޓީއެއް ދޭން ވެސް ރެފްރީ ނިންމި އެވެ. ނަމަވެސް ވީއޭއާރު ރިވިއުއަށް ފަހު ނިންމުން ބަދަލުކުރަން ޖެހުނީ އެވެ. އިރުކޮޅެއް ފަހުން އެޓީމުގެ މަހްދީ ޓަރޭމީ އޯވާހެޑް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް އޮފްސައިޑް ވުމުން ގޯލު ބަލައެއް ނުގަތެވެ.

މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ މިޑްފީލްޑަރު ގަވީ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މި ގުރޫޕުގައި ހިމެނޭ ޔޫކްރޭނުގެ ޝަކްތާ ޑޮނެސްކުން ވަނީ ރަށުން ބޭރުގައި ބެލްޖިއަމްގެ އޭންޓްވާޕް އާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ.

ގުރޫޕް އީ ގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑުން 3-2 އިން ނެދަލެންޑްސްގެ ފެއިނޫޑް ބަލިކުރިއިރު، އެ ގުރޫޕުގައި ހިމެނޭ ސްކޮޓްލެންޑުގެ ސެލްޓިކާ ވާދަކޮށް ލާޒިއޯ މޮޅުވީ މެޗުގެ އެންމެ ފަހު މިނިޓުގައި ޕެޑްރޯ ޖަހައިދިން ގޯލުން 2-1 އިންނެވެ.

މެންޗެސްޓާ ސިޓީން ރޭ އާރުބީ ލައިޕްޒިގް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ގުރޫޕުގައި ހިމެނޭ ޔަންގް ބޯއީޒް އާއި ރެޑް ސްޓާ ބެލްގްރޭޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454