"ދޭވަރާ"ގެ ޕޯސްޓަރެއްގައި އެންޓީއާރު ޖޫނިއާ.
06 އޮކްޓޯބަރ 2023 - 09:28
ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު އެކްޓަރު އެންޓީއާރު ޖޫނިއާއާ އެކު، ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރު ކުޅޭ ފުރަތަމަ ތަމަޅަ ފިލްމު "ދޭވަރާ" ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭން ނިންމައިފި އެވެ.
"ދޭވަރާ"ގެ ޑައިރެކްޓަރު ކޮރަތަލާ ސިވާ ވަނީ މި ފިލްމު ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ އިއުލާންކޮށްފަ އެވެ. ފިލްމުތައް ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިނުމަކީ ދެކުނު އިންޑިއާގެ ސިނަމާގައި މިހާރު ވަރަށް އާންމު ކަމެކެވެ.
ޑައިރެކްޓަރު ބުނި ގޮތުގައި، މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރާ އަންނަ އަހަރު އެޕްރީލް ފަހެއްގަ އެވެ. އަދި ދެވަނަ ބައި ގެނެސްދޭނީ 2025 ގަ އެވެ.
ޖާންވީ އާއި އެންޓީއާރު ލީޑު ރޯލު ކުޅޭ މި ފިލްމުގައި ވިލަންގެ ރޯލުން ސައިފް އަލީ ހާން ވެސް ފެންނާނެ އެވެ.
އެ ފިލްމުގެ ބައެއް ޕޯސްޓަރުތައް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ވީއެފްއެކްސްއަށް ވެސް ބޮޑު ހަރަދެއް ކުރާ މި ފިލްމަކީ އާންމުކޮށް އިންޑިއާގައި ހަދާ ފިލްމުތަކާ ބަލައިފައި ބަޖެޓް ވެސް ވަރަށް ބޮޑު ފިލްމެކެވެ. މި ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) އެވެ. އެހެންވެ، މިއީ އަންނަ އަހަރު އެންމެ ބޮޑު އެއް ފިލްމަށް ވާނެ އެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ޕްރަކާޝް ރާޖް، ޖިޝޫ ސެންގުޕްތާ، ސްރީކާންތު، ޓޮމް ޗަކޯ، ނަރީން އަދި މުރާލީ ޝަރްމާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy