ޚަބަރު / އިބްރާހިމް ނައީމް (އީޕީއޭ)

ރަސްފަރީގައި މުރަކަ އިންދާ މަޝްރޫއަށް ހުށަހެޅި އަގުތައް ބޮޑުވުމުން އަލުން ހުޅުވާލަނީ

މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގުބޯޓު: އެ ފަރުގައި މުރަކަ އިންދާ މަޝްރޫއަށް ހުށަހެޅި އަގުތައް ބޮޑުވުމުން އަލުން ހުޅުވާލަން އީޕީއޭ އިން ވަނީ ނިންމައިފައި.-- ފޮޓޯ: މުހައްމަދު ޝާހިދު

މާލެ އަތޮޅު ރަސްފަރި ފަރަށް ލިބުނު ގެއްލުން އިއާދަކުރަން ހިންގަން ނިންމާފައިވާ މުރަކަ އިންދުމުގެ ބޮޑު މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުން ހުށަހެޅި އަގުތައް މާ ބޮޑުވުމުން އަލުން އެ ފުރުސަތު ހުޅުވާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ނިންމައިފި އެވެ.

ރަސްފަރި ފަރުގައި މުރަކަ އިންދައި އާލާކުރާނެ ފަރާތެއް ހޯދުމަށް މި އަހަރު ޖެނުއަރީގައި ކުރި އިއުލާން އީޕީއޭ އިން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ އެ އިއުލާން ބާތިލުކުރީ މަޝްރޫއު ހިންގަން ހުށަހެޅި އަގުތައް ބަޖެޓަށް ނުފެތޭތީ ކަމަށެވެ. އެހެންވެ، އިއުލާން ބާތިލުކޮށް، ވަރަށް އަވަހަށް އަލުން އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޭނުންވަނީ ރަސްފަރި ފަރުގައި މުރަކަ އިންދައި އާލާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެތަން މޮނީޓާކުރާނެ ބަޔެކެވެ.

"އީޕީއޭގެ ބެލުމުގެ ދަށުން ވެސް، މިހާރު ވެސް ރަސްފަރި ފަރުގައި މުރަކަ އިންދައި އާލާކުރުމުގެ ކަންކަން އެބަކުރޭ. މިހާރު މި ބޭނުންވަނީ މި މަޝްރޫއުގެ ތެރެއިން ހުރި ވަކިވަކި ކަންކަން ބަލަހައްޓާނެ ފަރާތްތައް،" އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ އަންނަ މަހުގެ މި މަޝްރޫއު ރަސްމީކޮށް ލޯންޗުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގުބޯޓު: އެ ފަރުގައި މުރަކަ އިންދާ މަޝްރޫއަށް ހުށަހެޅި އަގުތައް ބޮޑުވުމުން އަލުން ހުޅުވާލަން އީޕީއޭ އިން ވަނީ ނިންމައިފައި.-- ފޮޓޯ: މުހައްމަދު ޝާހިދު

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އެރީ އޮގަސްޓް 18، 2021 ގަ އެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށް އީޕީއޭއިން ހެދި އެސަސްމަންޓްގައި ބުނެފައިވެ އެވެ.

އީޕީއޭއިން ކުރިން ކުރި އިއުލާނުގައި ބުނީ އެ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކާ ހިންގާ މަޝްރޫއަށް ބޭނުންވާ ފަންޑު ދިނުމަށް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ފަރަކަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި ގެެއްލުމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކު ފަންޑުކުރާ ފުރަތަމަ ފަހަރެވެ.

ފަރު އިއާދަކުރުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް

• ނާސަރީތައް ހެދުމާއި މުރަކައިގެ ފްރެގްމަންޓްސް ހޯދާނެ ތަންތަން ދެނެގަތުން.

• ނާސަރީތައް މޮނިޓާކުރުމާއި ބެލެހެއްޓުން.

• ނާސަރީތަކުގައި އާލާކުރާ މުރަކަ ރަސްފަރި ފަރުގައި އިންދުން.

• ފަރުގައި އެ މުރަކަތައް އިންދާނެ ތަންތަން ދެނެގަތުން.

• ފަރުގައި އިންދާ މުރަކަތައް ބެލެހެއްޓުން.

• ދަތުރުފަތުރުފަދަ ލޮޖިސްޓިކްސްގެ ކަންކަމުގައި އެހީތެރިވުން.

• މުރަކަ އިންދުމާއި މެނޭޖުކުރުމުގެ މަސައްކަތަށް ފަންނީ ލަފާދިނުން.

ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބޯޓު ރަސްފަރި ފަރަށް އެރީ އިންޖީނު ހުއްޓިގެން އޮޔާ ގޮހެވެ. ރާއްޖެއިން ބޭރުން ޓަގު ބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސްވީ ފަހުންނެވެ.

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން، އެ ބޯޓުގެ ވެރިފަރާތަށް އީޕީއޭގެ ސާވޭއަށް ފަހުގައި އެންގި އެވެ. އެކަމަކު، ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފަ އެވެ. އީޕީއޭ އިން ފަހުން އެންގީ، ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ފައިސާ ދައުލަތަށް ލިބުނެވެ.

އެއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ހަރަދުކުރުމަށް ޝަރުތުކޮށް އެ ފައިސާ ދައުލަތަށް ހޯދުނު ވެސް ފުރަތަމަ ފަހަރެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލޭ ކުޑަ މީހާ

10 October 2023

ތިކަން ހިއްކައިގެން މާލޭ ރަށްވެހިންނަށް ގޯތި ދިނިއްޔާ މާ ރަގަޅު ވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454