ރިޕޯޓް

އިންތިގާލީ މަރުހަލާގެ އަރައިރުން ހުއްޓުވޭނެ ގޮތެއް ނެތް؟!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދެ ލައްކަ އަށްޑިހަ ހަތަރު ހާސް މީހުންނަކީ ސަރުކާރު މުވައްޒަފުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ހެއްދެވޭނެ... ސޯސަންމަގު މެދު ކޮނެލާފައި އެތާނގައި ބަނދަރެއް ހަދަނީ ކަމަށް ބުނެ ރައްޓެހި ކުންފުންޏަކަށް ކޮންޓްރެކްޓެއް ދެވިދާނެ ހަތްދިހަ މިލިއަން ޑޮލަރުގެ."

މިއީ މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސިފަ ކޮށްދެއްވި ހާލަތެކެވެ. އެ ދުވަހު މަޖިލީހުގައި ޖަލްސާގައި ބަހުސް ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރަން ނަމަވެސް، ގިނަ މެމްބަރުންގެ ވާހަކަތައް ބައްޓަން ކުރެއްވީ މިހާރު ގުނަމުން މިދާ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުތައް ވެރިކަމުގެ ބާކީ މި އޮތް މުއްދަތުގައި ބޭނުންކުރެއްވުމާ ގުޅޭގޮތުންނެވެ.

މި ފަހަރު މި އަރައިރުން ފެށުނީ، ނިމުނު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ހަތް ކަމެއް ނުކުރަން ސަރުކާރަށް އެންގެވި ހިސާބުންނެވެ. އޭގެ ތެރޭގައި އާ މަޝްރޫއުތައް ނުފެށުމާއި ވަޒީފާގެ ކުރިއެރުން ނުދިނުމާއި ލޯނު ނުނެގުމާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ކަންކަން ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް އާ ނައިބް ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ބައިވެރިވަނީ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހަސަން އެ ނެންގެވި މިސާލަކީ މިހާރު ފެންމަތިވެގެން މި އުޅޭ ޒާތެއްގެ ޒުވާބު މާ ބޮޑަށް ބޮޑުކޮށްލުމޭ ބުންޏަސް، ހަގީގަތަކީ އޭނާ ވިދާޅުވި ފަދައިން، ވެރިކަމުގެ ފަހު ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ އަށް އެ ކަހަލަ ކަމެއް ކުރެއްވުމަކަށް އެއްވެސް ހުރަހެއް ނެތް ކަމެވެ.

ގާނޫނީ ހުރަހެއް ނެތް، ގޮވާލަނީ އިހުލާސްތެރި ވާން!

މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ފާހަގަކުރައްވަނީ އެ ނުކުތާ އެވެ.

ރިފްއަތު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ގާނޫނީ ހައިސިއްޔަތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނޯންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަންތައް ބަދަލުވިއިރު ވެސް އަމަލުކޮށްފައި ވަނީ އާ ސަރުކާރު އުފެދުމާ ހަމައަށް އޭރެއްގައި އޮންނަ ސަރުކާރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިއޮންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)އާ ހަވާލާ ދެއްވައި ރިފްއަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުކޮށް ވެރިކަމުގައި ދެމިހުންނަވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އިންތިހާބަކަށް ފަހު އާ ސަރުކާރެއް އުފެދުމާ ހަމައަށް އަންނަ އިންތިގާލީ މަރުހަލާ ވެސް ހިމެނޭނީ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމުމަކަށް އަންނާނީ ނޮވެމްބަރު 17، 2023 ގައި, އިންތިހާބީ ރައީސް ހުވާކުރެއްވުމާ ހަމައިން. އެ މުއްދަތާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަންވާނެ," ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު މިހާރު މިގޮތަށް ވިދާޅުވި ނަމަވެސް، 2018 ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، އެމްޑީޕީން ވެރިކަމާ ހަވާލު ވާން ތައްޔާރުވަމުން ދިޔަ އިންތިގާލީ މުއްދަތުގައި، ހަމަ މި ޝަކުވާ ކުރި އެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ހުވާކުރުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ އިރު ހައުސިން މިނިސްޓްރީ ދޮށުގައި މީހުން ތިބީ ކިއުގައި ފްލެޓްގެ ރަޖިސްޓްރީ ހޯދުމަށް،" އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުއިއްޒަށް ނުސީދާކޮށް ރައްދު ދެއްވައި ބުދަ ދުވަހުގެ ޖަލްސާގެ ތެރެއިން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

ބަންޑާރަ ނައިބާ އެކު އެމްޑީޕީގެ މެމްބަރުން ނަންގަވާ ދިފާއުގެ ރައްދުގައި ސަރުކާރާ އިދިކޮޅު މެމްބަރުން ވިދާޅަމުން ގެންދަވަނީ އެންމެ ވާހަކަ އެކެވެ. ގާނޫނީ ހުރަހެއް ނެތަސް، ޑިމޮކްރެޓިކް ރިވެތި އުސޫލު ތަކަށް އިހުލާސްތެރިކަމާ އެކު އިހުތިރާމް ކުރުމަށެވެ.

ގާނޫނުގައި ލިޔެގެން ހުއްޓުވޭނެ؟

އުސޫލެއްގެ ގޮތުން އެއީ ގަބޫލުކުރެވޭ ހަމަ އެއް ނަމަވެސް، އަމިއްލަ އިހުތިޔާރުގައި ވެރިއެއްގެ އިހުލާސްތެރި ކަމަށް މި ވަރުގެ ކަމެއް ދޫކޮށްލާފައި ބޭއްވޭނެ ކަމީ ޖާއިޒު ސުވާލެކެވެ. ހޯދެން އޮތް ކޮންމެ ގޮތަކަށް ސިޔާސީ މަންފާ އެއް ހޯދުމަކީ ސިޔާސީ މީހުންގެ ފިތުރަތުގައި ހުންނަ ކަމެެއް ކަން މިހާރު އަމާޒުވަމުންދާ ތުހުމަތުތަކުން ވެސް ސާފެވެ.

އާ ސަރުކާރު އަންނަ ގޮތަށް މިހާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނެތީ، އެ މީހުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ބަދަލުކުރަން މި ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

"...މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެން އަންނަ ސަރުކާރެއްގައި ތިބެވޭ ގޮތަށް ސިވިލް ސާވިސްގެ ތެރެއިން މަގާމުތަކެއް އުފައްދައިގެން އެ ބޭފުޅުންނަށް މަގާމު ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ޕްރެސްގައި ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ އެކަންޏެއް ނޫނެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދެމުންދާ ކަމުގެ އަޑުތައް ވެސް ދަނީ އިވެމުންނެވެ.

މިއާ އެކު، އޭރު އޮންނަ ސަރުކާރެއްގެ އިހުލާސްތެރި ކަމަށް ދޫކޮށްލުމުގެ ބަދަލުގައި، މި މައްސަލައަށް އެ ނޫން ހައްލެއް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވަނީ ދައްކަވައިފަ އެވެ.

ބުދަ ދުވަހުގެ ޖަލްސާގެ ބަހުސްގެ ތެރެއިން މޯޑު ވެސް ވިދާޅުވީ 2018 ގައި ދެއްކި ވާހަކަތައް އޭގެ ފަސް އަހަރު ފަހުން އަނެއްކާވެސް ދައްކަން ޖެހިފައިވާ ކަމަށެވެ. އެކަމުގެ ހައްލަކަށް ވަޑައިގަންނަވަމުން، އޭނާ އިޝާރާތް ކުރެއްވީ 2010 ވަނަ އަހަރު ވުޖޫދުކުރި "ވެރިކަން ބަދަލުވުމުގެ މަރުހަލާ އާ ބެހޭ ގާނޫނު" އަށެވެ.

"އެ ގާނޫނަށް އަޅުގަނޑުމެންނަށް ގެނެވިދާނެ އިސްލާހުތަކެއް. ކޮން ކަންތައް ތަކެއްތޯ އިންތިހާބުގެ ނަތީޖާއަށް ފަހު ހުވާކުރުމާ މެދު މި އޮންނަ ދޭތެރޭގައި ކުރެވޭނީ އޭރަކު އޮންނަ ސަރުކާރަކަށް،" މޯޑު ހުށަހެޅުއްވި އެވެ.

އޭނާ އިޝާރާތް ކުރެއްވި އެންމެ ތިން ސަފުހާގެ ގާނޫނުގައި މައިގަނޑު ގޮތެއްގައި އޮތީ އިންތިގާލީ މަރުހަލާގެ ތެރޭގައި ހަމަޖައްސަންޖެހޭ ބައެއް އިދާރީ އިންތިޒާމުތަކެވެ. ޓްރާންސިޝަން އޮފީސް އުފެއްދުމާއި މުވައްޒަފުންނާއި ބަޖެޓު ކަނޑައެޅުމުގެ ވާހަކަ އެވެ.

މޯޑު ވެސް ވިދާޅުވި ގޮތަށް، އިންތިގާލީ މަރުހަލާގެ ތެރޭގައި އާ މަޝްރޫއުތައް ނުފެށުމާއި ލޯނު ނުނެގުމާއި ސިޔާސީ ވަޒީފާތައް ދީ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން ފަދަ ކަންކަން އެ ގާނޫނުގައި ހިމެނި ދާނެ އެވެ.

އެކަމަކު އެއީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫން ކަމަށް ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިއްބައިދީފައި ހުރި ބާރުތަކެއް ގާނޫނަކުން ހަންޏެއް ނުކުރެވޭނެ އެވެ. ގާނޫނީ ބުރަދަން ލިބޭ ގޮތަށް އެކަން ލިޔުމަށް ތިރި ކުރެވޭނީ ސީދާ ގާނޫނުއަސާސީގައި ލިޔެގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކަމަކު ކީކޭތޯ ލިޔާނީ؟ ދެވަނަ ދައުރަކަށް އިންތިހާބު ނުވެއްޖެއްޔާ ރައީސްކަމުގެ ހުރިހާ ބާރެއް ލިބޭނީ ހަތަރު އަހަރާއި 10 މަސް އަށޭތޯ؟" އޭޖީ ވެސް ފާހަގަކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހެއްގެ ފަސް އަހަރުގެ ދައުރު އިންތިގާލީ މަރުހަލާއެއްގެ ތެރެއަށް ވަންނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން، އިންތިގާލީ މުއްދަތުގެ ތެރޭގައި ރައީސެއްގެ ބާރުތައް ހަނިކުރާނީ ކޮން މިންވަރަކަށްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"މިސާލަކަށް ކާރިސާ އެއް ނޫނީ ކުއްލި ހާލަތު އިއުލާނު ކުރަން ޖެހޭ ކަމެއް ދިމާވެއްޖެއްޔާ ކިހިނެއްތޯ ހަދާނީ؟ އެ ބާރު ދީފައިތޯ ބާއްވާނީ؟."

ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް އަހުމަދު މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން މަޑުޖައްސާލަން އިންތިހާބީ ރައީސަކު އެދިވަޑައިގެންނެވުމަކީ "ރީޒަނަބަލް" ރިކުއެސްޓެއް ކަމަށެވެ. އަދި އެކަމަށް އެއްބަސްވެވަޑައިގެންނެވުމަކީ ރައީސެއްގެ ބާރުތައް ހަނިވުން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ނަމަވެސް، އޭގެން ކަމެއް ގާނޫނެއްގައި ލިޔެފި ނަމަ، އޭގައި ގިނަ ދަތިތަކެއް ނުކުންނާނެ ކަމަށް މުއިއްޒު ވެސް ގަބޫލުކުރައްވަ އެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، އެ ކަންކަން ގާނޫނެއްގައި ލިޔުމާ އެކު ރައީސްގެ ބާރުތައް ހަނިވެގެން ދިޔުމެވެ.

"ހުރިހާ އެއްޗެއް ނުޖެހޭ ދެއްތޯ ގާނޫނުގަ ލިޔާކަށް،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު އުފެދިގެން އުޅޭ އަރައިރުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވަންޖެހޭނީ ޒިންމާދާރު ކަމާ އެކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތް މަތިން ކަން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އިންތިގާލީ މަރުހަލާ ވިޔަސް ނުވިޔަސް، އެ އުސޫލާ ހިލާފަށް ރައީސަކަށް ކަމެއް ނުކުރެއްވޭނެތީ، ރައީސެއްގެ ބާރުތައް ހަނިކުރާ ގޮތަށް ގާނޫނެއްގައި ކޮންމެހެން ލިޔަންޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެކަމަކު ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހަށް ބަލާ އިރު، ނިމެންދާ ސަރުކާރެއްގެ އިހުތިޔާރަށް އެކަނި މި ކަން ދޫކޮށްލުމުގެ ނަތީޖާ ވަރަށް ސާފެވެ. އެއާ އެކު، ގާނޫނަކުން ވިޔަސް ނޫނީ ގާނޫނީ ބުރަދަނެއް ލިބޭ ހައްލެއް ނުހޯދޭ ނަމަ، މީގެ ފަސް އަހަރު ފަހުން އިންތިހާބު ނަތީޖާ ނުކުންނަ ގޮތަކުން، މި ޒުވާބު ތަކުރާރު ކުރަން ނުޖެހޭނެ ގޮތެއް ނުފެނެ އެވެ.

21 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަދުލު

16 October 2023

ތިޔައީ ފިތުނައިން ފޯވެފައިވާ ބޮޑުވަޒީރުކަމަށް ބޫތުކައިފަ ހުރި މީހަކު މަޖުލީހުގަ އިދެގެން ފަސާދަ އުފެއްދުމަށް ދައްކާ ދޮގު vaahaka ތަކެއް. ޙުވަފެން ބަލައިލަ ބަލއިލާ އިންނަވާ

The name is already taken The name is available. Register?

އަޑަފި

15 October 2023

އިންތިގާލީ މަރުހަލާ އެކަންޏެއްނޫން، ރިޔާސީ އިންތިޚާބު އޮންނަ އަހަރު، އިންތިޚާބަށް އިޢުލާނުކުރާ ހިސާބުން، ހިނގަމުންދާ ސަރުކާރުން، އާ މަޝްރޫޢުތައް ފެށުމާއި، މުސާރަ ބޮޑުކުރުމާއި، ވަޒީފާތައް އިތުރުކުރުމާއި، ބޮޑެތި ލޯނުނެގުމާއި، ކަންކަން މާފުކުރުމާއި، ފްލެޓާއި ގޯތި ދިނުމާއި، ބިލްތައް ކުޑަކުރުންފަދަ ކަންކަން ނުކުރެވޭގޮތް ހަދަންޖެހެއެވެ. މި މުއްދަތުގައި، ހިނގަމުންދާ ސަރުކާރުންވެސް، ވައުދު ވާންވީއެވެ. އިދިކޮޅު ފަރާތްތަކުންވެސް ވައުދުވާނީއެވެ.

The name is already taken The name is available. Register?

އިހްސާސް..

15 October 2023

ތިޔައީކީ މިހާރު ވާންފެށި ގޮތެއްނޫން. ކޮންމެ ވެރިކަމެއްގަވެސް ކަންހިނގީ ހަމަ ތިޔަ މަގުން ކަމަށް ފެންނަންއޮތީ. އެއްބަޔަކު އަނެއްބަޔަކު ކުށްވެރިވެސް ކުރާނެ ކަމެއްނެތް މިހާރަކު. އެކަންކަމުގައި ތިޔައެންމެންހެން ހަމަ ޝާމިލުވެފަ އޮތީ. އަސްލަކީ މަޖިލީހުގެ މެމްބަރުން ތިޔަކަމަށް ގާނޫނީ ރަގަޅު ފަރުވާއެއް މިއޮއްހާދުވަހު ހޯދާފައި ގާނޫނު އަސާސީގައި ނުލިއުން.

The name is already taken The name is available. Register?

ވަން މޯ

15 October 2023

ހުރިހާވެސް މައްސަލައަކީ ބޮޑުވަޒީރުކަން ބޭނުންވެގެން އުޅޭ މީހަކަށް ނަކާމިޔާބީއާ ކުރިމަތިލައި ސިޔާސީ ހަޔާތް ކަފުންކުރަން ޖެހުން.

The name is already taken The name is available. Register?

ނާޒިމް ކުދޫ

15 October 2023

ހުއްޓާލަން އަންގަނީ ޖެއްސުން ކުރަން. ހަލަބޮލި ކުރަން. ކަނޑައެޅިގެން ތިމާ އެތަކެއް ކަންތައްތަކެއް އަމއްލަ އަތުން ނޮވެމްބަރ 17 ވަނަ ދުވަހުގެ މެންދުރު 12 ޖަހަންދެން ހިންގާފައި ކޯއްޗެއް ފޮނުވާކަށް. ހުވާ ކުރެވެންދެން ސަރުކާރާ ތޮޅެންނޫޅޭ. ކުރަންޖެހޭ ކަންތައް ކުރެވޭތޯ ބަލާ. ފެންނަނީ ހަމަ ބޮލާލާ ޖަހާތަން.

The name is already taken The name is available. Register?

ޖުހާނާ

15 October 2023

ފްލެޓް މަޝްރޫޢަކީ އޭރު ހިނގަމުންދިޔަ، އަދި ފްލެޓް ލިބޭނެ ފަރާތްތައް އިންތިޚާބުގެ ކުރިން ކަނޑައަޅާފައިވާ މަޝްރޫޢެއް. ހިނގަމުންދާ މަޝްރޫޢެއް ހުއްޓާލާކަށް މިހާރުވެސް ނޭދޭ. އާ ކަންތައްތައް ނުފަށަން އެދުނީ. އާ ވަޒީފާތައް ނުދިނުމަށް އެދުނީ. މާލޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންތައް މިހާރުވެސް ހިނގަމުން އެދަނީ. އެކަންތައް ހުއްޓާލާކަށް ނުބުނޭ. މީހުން ކިޔާ ނުކިޔާ އެއްޗެހި އޮޅުންފިލުވައިގެން ކޮމެންޓްކޮށްބަލަ.

The name is already taken The name is available. Register?

ދުމްމ

15 October 2023

އޭޖީ ރިފްއަތުއަށް ދަންނަވަން. ގާނޫނުއަސާސީއާ ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބިދީފައި އޮތަސް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުން އިތުރު ކަންތައްތަކެއް ނުކުރަން ރައްޔިތުންގެ މެޖޯރިޓީން ހޮވާފަހުރި މީހާ އެދުނީމަ އެގޮތަށް އެކަން ނުކުރުމަކީ ރިވެތި ގޮތް. މިހެނީ ވެރިކަމަށް އަންނަން ހުރިމީހާވެސް އެއަންނަނީ މެނިފެސްަޓޯއަކާ ވައުދުތަކެއް ހިފައިގެން. އެމީހާއަށް އިހުތިރާމް ކުރުމުގެ ގޮތުންވެސް ސަރުކާރުން ދޫދޭންޖެހޭ .

The name is already taken The name is available. Register?

ޑިމޮކްރަސީ

15 October 2023

ކޮންމެ ފަސް އަހަރަކުން ވެރިކަމުގެ ހުވާކުރަންޖެހޭ އިރު އިންތިޚާބުވާ ރައީސް ހުވާކުރުމަށް މިހާ ދިގު މުއްދަތެއް ދިނުން ކަމަކުނުދޭ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ހުވާ ކުރުމަށްފަހު ސަރުކާރާ ޙާވާލުވާގޮތައް ހަދަންވީ އެއަށްފަު ދެން ތިކުރަންޖެހޭ ކަންތައް ކުރާ ގޮތަށް ހެދީމަ އިތުރު މައްސަލަތަކެއް ނޯންނާނެ

The name is already taken The name is available. Register?

ގެޔަށްދޭ

15 October 2023

ގައުމާ ރައްޔިތުން ދެކެ ވާ ލޯބިން، ވިޔަސް ކަލާންގެ ދެކެ ގަންނަ ބިރުން ވިޔަސް ނޫނީ ކުޑަމިނުން ނިންމާފަ މި ފޭބީ ކަމެއް ކޮށްފައޭ ބުނެލަން ވިޔަސް، މީގެން އެއްވެސް ކަމެއް އިޚްލާސްތެރި ކަމާ އެކު ރަނގަޅު ކުރަން އުޅުނު ނަމަ މިފަހަރު އެމްޑީޕީ ސަރުކާރަށް ކުރެވުނީސް. އެއްކަމެއްވެސް ނުކުރޭ!

The name is already taken The name is available. Register?

އިންތި1111

15 October 2023

2018 ގައި އިންތިގާލީ މަރުހަލާގައި ކިހިނެއްތޯ ޑރ މުއިއްޒުމެން އުޅުއްވީ .. ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެއް.

The name is already taken The name is available. Register?

ޝަމްޝާދު

15 October 2023

ދެތިން ސަރުކާރު ބަދަލުވިތަން ދުށިން. އެކަމަކު މިއީ ތަންކޮޅެއް ބޮޑުވަރު. ޔާމީން ދައުރު ފަހުކޮޅު 5 ލައްކައަށް 500 ގޯތިވިއްކަންވެސް ނިންމި. އެކަމަކު އެމްޑީޕީ ހަޅޭއްފަޅޭއްޖަހައިގަތީމަ އެކަން ހުއްޓާލީ. މީނަ ދައުރުނިމެން ދެމަހަށްވުމުން ހިއްކާފައި އޮތްހައި ތަނަކާއި ނުހިއްކައި އޮތްތަންތަންވެސް ބަހާލަނީ. މިއީ އެހެން ލެވެލްއެއް. އިންތިޚާބުން ފޭލިވީމަ އެމްްބެސެޑަރުންވެސް ލަނީ. ނުވިތާކަށް ފޭލިވެފައި އޮތް ސަރުކާރުން އިތުރު ގޯތިފްލެޓުވެސް ބަހާލަން ތައްޔާރުވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454