އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް.
15 އޮކްޓޯބަރ 2023 - 07:13
އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ "އެރަސް ޓުއާ" ކޮންސާޓް ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޕްރިމިއާ ކުރި އެ ފިލްމަށް ފުރަތަމަ ދުވަހު އެކަނި ވެސް ވަނީ 39 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
އެއާ އެކު ޓޭލާގެ ފިލްމު މިހާރު ވެފައި ވަނީ ފާއިތުވި އަހަރުތަކުގެ އޮކްޓޯބަރު މަހުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ، 39 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނުކުތް ފިލްމު "ޖޯކާ" އެވެ.
ބޮކްސް އޮފީސް އެނަލައިޒް ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ފިލްމަށް ފުރަތަމަ ތިން ދުވަހު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މި ފިލްމު ދައްކަމުން އަންނާތީ އާއި ފިލްމަށް ލިބޭ ތަރުހީބު ވެސް ބޮޑުވުމުންނެވެ.
ރޮޓެން ޓޮމާޓޯސްގައި ކްރިޓިކުންނާއި އޯޑިއެންސް އިން ވެސް ވަނީ މި ފިލްމަށް 100 ޕަސެންޓްގެ ރޭޓިން ދީފަ އެވެ.
"ޓޭލާ ސްވިފްޓް: ދަ އެރާސް ޓުއާ" އަކީ މިދިޔަ އޮގަސްޓް މަހު އެމެރިކާގައި ޓޭލާ ބޭއްވި ތިން ޝޯއެއްގައި ފެނުނު އޭނާގެ ހުށަހެޅުންތައް އެއްކޮށްލައިގެން ހަދާފައިވާ ކޮންސާޓް ފިލްމެކެވެ.
މި އަހަރު މާޗުގައި ފެށި ޓޭލާގެ "އިރާސް ޓުއާ"ގެ ތެރެއިން އަންނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ޝޯތައް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއީ ޓޭލާގެ ހަވަނަ ޓުއާ އެވެ. މި ޓުއާގައި 146 ޝޯ ދޭން އޭނާ ނިންމާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy