ސުޕްރީމް ކޯޓް: އަމާންކަން ގެއްލޭ ވާހަކަ މަނާކުރާ މާއްދާ ހައި ކޯޓުން ބާތިލްކުރި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
19 އޮކްޓޯބަރ 2023 - 12:52
އާންމު ގާނޫނުތަކުގައި އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އާންމު ގާނޫނުތަކުގެ 8 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރު އޮތް ގޮތުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ހައި ކޯޓުން މި އަހަރު އެ މާއްދާ ބާތިލްކުރީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރާ ގުޅިގެން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއިންނެވެ.
އާންމު ގާނޫނުތަކުގައި އަމާންކަން ގެއްލޭ ވާހަކަ މާނަކޮށްފައި އޮތް މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ނިންމައި، އެ މާއްދާ ބާތިލް ކުރި ނަމަވެސް ހައި ކޯޓުން ނިންމީ ރައީސްގެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.
ގާނޫނުގެ އެ ބައި ބާތިލްކުރި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ރަޖިސްޓްރާ އެ ގޮތަށް ނިންމެވި ނަމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ.
އާންމު ގާނޫނުތަކަކީ 1968 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަމަލު ކުރަމުންދާ ގާނޫނެކެވެ. އެ ގާނޫނު އިސްލާހު ކުރުމުގެ ފުރުސަތަކަށް ދައުލަތުން އެދުނަސް، ހައި ކޯޓުން ނިންމީ ގާނޫނު އަސާސީއާ ހިލާފްވާ ގާނޫނުތައް އިސްލާހުކުރަން 15 އަހަރުގެ މުއްދަތެއް ދައުލަތަށް ލިބުމުން ވެސް އިސްލާހު ނުކުރެވުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 October 2023
އިންޑިޔާ ބޭރު! ބްހާރަތު އާއުޓް!