ރިޕޯޓް / ލެފުން

ލޮލަކަށް ނުފެނޭ އެކަމަކު ދިރިއުޅުމުގައި ނުހިނގާ މަގެއް ނެތް!

ފުރާވަރުގައި ލޮލުގެ ފެނުން ގެއްލުނު އަބްދުލް ހަމީދު ހުސައިން (ހަމީދުބެ) "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ފުރާވަރަށް އަޅައިގެން އައިއިރު ހއ. ހޯރަފުށީ އަބްދުލް ހަމީދު ހުސައިން (ހަމީދުބެ) އަކީ ރަށު އުޅަނދުފަހަރުގައި މާލެ ގޮސް އުޅުނު ކުއްޖެކެވެ. މާލެ ބަނދަރުގައި ބައްތެލި އޮންނައިރު ބައްތެލިން މާލެއަށް މީހުން އަރުވައި ބޭލުމަކީ އޭނާގެ ޒިންމާ އެވެ. އެކަމަކު މީގެ ބައި ގަރުނު ކުރިން މާލެއަށް ކުރި ދަތުރާ ހިސާބުން އޭނާގެ ދުނިޔެ އަނދިރިވި އެވެ. އުމުރުން 13 އަހަރުގައި ކުރި އެ ދަތުރުގައި ކުރިމަތިވި އެކްސިޑެންޓްގައި އޭނާގެ ލޮލުގެ ފެނުން ގެއްލުނެވެ.

އެކަމަކު އެއީ ހަޔާތުގައި އޭނާގެ ފަހު ދަތުރެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ މަގެއް ވެސް އޭނާއަށް ސާފެވެ. ހުރިހާ މަސައްކަތެއް ކުރެ އެވެ. ބޮޑެތި މަސްދޯނިފަހަރުގައި މަހަށް ގޮސް، ދޮށި ވެސް އަޅަ އެވެ.

ބޮޑު ގޮވުމެއް!

ހަމީދުބޭގެ ލޮލުގެ ފެނުން ގެއްލުނީ އާދަޔާ ޚިލާފު އެކްސިޑެންޓެއްގަ އެވެ. އޭނާގެ ލޮލަށް އެންމެ ފަހުން ފެނުނީ އެއްވެސް މީހަކު ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. ހަމީދުބެއަށް އެންމެ ފަހުން ފެނުނު ހިނދުކޮޅު ސިފަކޮށްދިނެވެ؛

އެއީ ވަރަށް އަވި ބާރު ދުވަހެކެވެ. ބައްތެލީގައި ހުއްޓާ ހަމީދުބެއަށް އެއްގަމުން ގޮވަން ފެށީ މާލެ ގޮސް އުޅުމުގެ ތެރޭގައި އެހެން ބައްތެއްޔަކުން ރައްޓެހިކަން އުފެދުނު ކުއްޖެކެވެ. ފުރަން އުޅޭތީ ހަދިޔާއެއް ދޭންވެގެން ކަމަށް ބުނުމުން ބޮއްކުރާގައި ހަމީދުބެ މާލެއަށް ފޭބި އެވެ. ބޮއްކުރާ އަޅާފައި އެއްގަމު ތޮއްޓަށް އެރިއިރު ފާޑެއްގެ ވަހެއް ދުވާކަން އިހްސާސްވި އެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ބޯޓަކުން ބާލާފައި ހުރި މުދާތަކެއްގެ ކައިރީގައި ދެތިން ބުރި "ދަގަނޑު" އޮތެވެ. އެތަނުން ދަގަނޑުބުރިއެއް ތެޅެނިކޮށް ފެނުނެވެ. އެކަމަކު އެއީ ދަގަނޑުބުރިތަކެއް ނޫނެވެ. ގޭސް ސިލިންޑަރުތަކެކެވެ.

"ބަލައިލި ވަގުތު ބަން ލާފަ ގޮވައިގެން ދިޔަ ވަގުތު ބޭބެއަކަށް ނޭނގުނު ހުރެވުނު ނުހުރެވުނު ދިމާލެއް ވެސް. ކަންފަތަށް އިވުނީ ޗީސް ކިޔާފައި އަޑެއް،" ހޯރަފުށީގައި ދިން އިންޓަވިއުގައި އޭނާ ކިޔައިދިނެވެ.

އެ އެއްޗެއް ގޮވި އަޑުން މުޅި މާލެ ގުގުމައިގެން ދިޔަ ކަމަށް އޭރުގެ ބައެއް މީހުން ބުނެ އެވެ.

އަޅުގަނޑު އެއްގޮތަކަށް ވެސް ރަށުގައި މަޑުވެ ނުހުންނަން. މި ކަމެއް ދިމާވީ ވެސް އެކި މަސައްކަތްތައް ކުރަމުން އަންނަނިކޮށް. އެހެންވެ މާ ބޮޑު ދަތިކަމެއް ނެތި އަލުން މަސައްކަތްތައް ކުރަން ފެށިއްޖެ. ދޯނީގައި ވެސް ހުންގާނު ހިފުން ނޫން ހުރިހާ ކަމެއް ކުރަން.

ގޮވި އެއްޗަކީ އެމޯނިއާ ގޭސް ސިލިންޑަރެއް ކަމަށްވެ އެވެ. އެމޯނިއާ އަކީ އެހާ ފަސޭހައިން ހުޅުހިފާ އެއްޗަކަށް ނުވިޔަސް އެ އަޅާފައި ހުންނަ ސިލިންޑަރު ފަދަ އެއްޗަކަށް މާ ބޮޑަށް ހޫނުވެއްޖެ ނަމަ ގޮވާނެ ކަމަށް މި އިންޑަސްޓްރިއަލް ކެމިކަލްއާ ބެހޭ ލިޔުންތަކުގައި ބުނެ އެވެ.

މި ގޮވި ސިލިންޑަރު ގޮސް ވެއްޓުނީ މާ ދުރަށް މޫދަށެވެ. ހަމީދުބެ ވިއްސައިގެން ގޮސް ޖެހުނީ އެއްގަމުގައި ހުރި އިމާރާތެއްގެ ސިޑި ބުޑަށެވެ. މީހާ އޮތީ ފިހިފަ އެވެ. ގައިން ހަން މެށި ލޭ އަންނަނީ އެވެ. ހޭވެރިކަން ވީ ހޮސްޕިޓަލުގައި އޮއްވަ އެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިނގި މި ހާދިސާއަށް ފަހު ސަރުކާރުން ހަމީދުބެގެ ހުރިހާ ކަމަކާ ހަވާލުވި އެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ތިން މަސް ދުވަހު ފަރުވާ ދިނެވެ. އޭގެ ފަހުން ސްރީ ލަންކާގައި ދެ އަހަރާއި ނުވަ މަސް ދުވަހު ފަރުވާ ދިނެވެ. އެކަމަކު ލޮލަކަށް ނުފެނެ އެވެ. ލޮލުގެ އަލިކަން ގެއްލުނު ގޮވުމުގައި ކަންފަތަށް ލިބުނު ގެއްލުން ރަނގަޅުވެ އަޑުތައް ފުރިހަމައަށް އިވެން ފެށި އެވެ.

ދުނިޔެއަށް ލޯ ހުޅުވުނު އުމުރުގައި ވެރިވި އަނދިރިކަމުން ހަމީދުބެއަށް ހުއްޓުމެއް ނާދަ އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ރަށުގައި މަޑުވެ ނުހުންނަން. މި ކަމެއް ދިމާވީ ވެސް އެކި މަސައްކަތްތައް ކުރަމުން އަންނަނިކޮށް. އެހެންވެ މާ ބޮޑު ދަތިކަމެއް ނެތި އަލުން މަސައްކަތްތައް ކުރަން ފެށިއްޖެ. ދޯނީގައި ވެސް ހުންގާނު ހިފުން ނޫން ހުރިހާ ކަމެއް ކުރަން. އެން ހިފާއިރު ދަލަށް ދަމަން، ނަގިއްޔަށް ދަމަން، ދޮށި އަޅަން، ވަތަށް ފައިބެ އުނގުރި ޖަހަން، ވަތުން މަސް ނަގަން،" ހަމީދުބެ ކިޔައިިދިނެވެ.

ލޮލުގެ ފެނުން ގެއްލުނު ފަހުން އެންމެ ފުރަތަމަ މަހަށް ދާން ފެށިއިރު ކުޑަކޮށް އުނދަގޫވިޔަސް، މިހާރު އެކަނިމާއެކަނި ދޯނިތެރޭ ހަރަކާތްތެރިވެ އެވެ.

"ދޯނީގައި އުޅޭއިރު ވެސް، ރަށުތެރޭ މިހެން އުޅޭއިރު ވެސް ހަމަ ހުރިހާ ކުދިން ވެސް ވަރަށް އެހީތެރިވާނެ. މަގަކުން ދާއިރު އަޅައިގަންނަ ގޮތަށް އެއްޗެއް އޮތަސް، ސައިކަލެއް ހުއްޓަސް ކުދިން ބުނާނެ އެއިން ނެއްޓޭނެ ގޮތް. އެކަމަކު އާންމުކޮށް މިހެން އުޅޭއިރު މީހަކަށް ނުވެސް އެނގޭނެ ލޮލަށް ނުފެންނަ މީހެއް ކަމެއް،" އޭނާ ބުންޏެވެ.

މިހާރު 60 އިން މައްޗަށް ގޮސްފައިވާ ހަމީދުބެ ބުނީ ރަށުގެ ހަމަ ހުރިހާ ހިސާބެއްގައިހެން މީހެއްގެ އެހީތެރިކަމެއް ނެތި ހިނގައި އުޅެވޭ ކަމަށެވެ. މިހާތަނަށް އަށް މީހުންނާ 10 ކައިވެނިކޮށް ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ލިބިފައިވާ ހަމީދުބެ ބުނީ ނުކުޅެދުންތެރިކަމަކީ ކައިވެންޏަށް ހުރަހަކަށް ނުވި ކަމަށެވެ.

"ހަމަ ކޮންމެ މީހަކު ވެސް އުފަލުން ކައިވެންޏަށް އެއްބަސްވީ. އެއީ ބޭބެ ހިތްވަރުގަދަވެފައި ކެރޭތީ،" އުމުރުންގެ 20ގެ އަހަރުތަކުގައި ފުރަތަމަ ކައިވެނިކުރި ހަމީދުބެ ބުންޏެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީގެ އިތުރުން މީހުންގެ އެކި އެހީތަކާ އެކު އޭނާގެ ގެ ހަދައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަ އެވެ.

ހއ. ހޯރަފުށީ ދެކުނު ކޮޅުން އެ ރަށުގެ ބޮޑު މަގު. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

އަނދިރިކަމަށް ފަހު ދުވަސްކޮޅަކަށް ފެނުނު

ސަރުކާރުން ހަމީދުބެ ލަންކާއަށް ފޮނުވައިގެން ދިން ފަރުވާގައި އެހެން ލޮލެއްގެ ބައިތަކާއި ހަމީދުގެ އެއް ލޮލުގެ ބައެއް ބައިތައް ނަގައިގެން ކުރި އޮޕަރޭޝަނަކަށް ފަހު ލޮލަށް ފެންނަން ފެށި އެވެ. އެކަމަކު ފަނޑުކޮށެވެ. މަޑުމަޑުން ގޮސް ސާފުވި އެވެ.

"ބިންމަތީގައި އުޅޭ ކިނބިހިނި ވެސް ވާތު ލޮލަށް ފެންނަ ވަރަށް ރަނގަޅުވި. ފުރަތަމަ އޮތީ ޓީވީ ބެލުމާއި ގަދަ އަލިތަކަށް ބެލުން މަނާކޮށްފައި. އެކަމަކު ހައެއްކަ މަސް ފަހުން ޑޮކްޓަރު ބުނެފި ޓީވީ ބަލައި އުޅުނަސް އެންމެ ރަނގަޅު ކަމަށް،" އޭނާ ބުންޏެވެ.

އެކަމަކު ދެން ދިމާވީ ދެރަ ގޮތެކެވެ. ހަމީދުބެ ބުނި ގޮތުން ނަމަ އޭނާއަށް މާލެއިން ފަރުވާކުރި ޑޮކްޓަރު ހަމީދުބެގެ ލޯ ބަލަން ބޭނުންވެ މާލޭގައި ހުރެފައި ލަންކާއަށް ދިޔަ އެވެ. އެ ޑޮކްޓަރު، އަލިގަދަ ބައްތިއަކުން ލޮލަށް އަލި އަޅުވައިގެން ބަލައި ނިންމާލި އިރު ލޮލުން ހޯސްލާފައި ފެން ފައިބަމުން ދިޔަ ކަމަށާއި މަޑުމަޑުން އަލިކަން ގެއްލެމުން ގޮސް އެއްކޮށް އަނދިރިވީ އޭގެ ފަހުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަލިކޮށްގެން ލޯ ބަލައި ނިންމާފައި ފާރުގައި ހުރި ކަލަންޑަރެއް ދައްކާފައި ބުނެފި މިއީ ކޮން އަކުރެއްހޭ. އެކަމަކު ބޭބެއަށް ކަލަންޑަރު ފެންނަވަރު ވީ ވެސް ބައި ގަޑިއެއްހާއިރު ފަހުން. ދެން އޭގެ ފަހުން ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ގޮސް ކުރިން ހުރި ގޮތަށްވީ،" އަސަރާ އެކު ހަމީދުބެ ކިޔައިދިނެވެ.

އޭނާ އަށް ފަރުވާކުރި ޑޮކްޓަރަށް އަލުން ދެއްކުމުން ބުނި ކަމަށް ވަނީ މާ ގަދަ އައްޔަކަށް ބެލުމުގެ ސަބަބުން، ލޮލުގައި އެޅުވި ބައި "އެނދީ" ކަމަށެވެ. އެކަމަކު ޑޮކްޓަރު ބުނީ ދެން އަލުން އޮޕަރޭޝަނެއް ކުރެވޭނީ ނުވަ ވަރަކަށް މަސްދުވަސް ފަހުން ކަމަށެވެ. އެހެން ހުއްޓާ ނާސިރުގެ ވެރިކަން ނިމި، އައި ބަދަލުތަކުގެ ތެރޭގައި ހަމީދުބެ ރާއްޖެއަށް ގެނައީ އެވެ. އޭގެ ފަހުން ފަރުވާ ހޯދަން ސަރުކާރުގެ އެހީއަށް އެދުމުން އަނެއްކާވެސް ދެއްކީ ހަމީދުބެ ބުނި ގޮތުން ނަމަ "ލޯ ހަލާކުކޮށްލި" ޑޮކްޓަރަށެވެ. އެކަމާ ހިތްހަމަނުޖެހި ޝަކުވާކުރުމުން ފަރުވާ ނުދީ ފޮނުވާލީ ރަށަށެވެ. އޭގެ ފަހުން ފަރުވާއެއް ނުހޯދަ އެވެ.

ކޮންމެ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް ހަމީދުބެގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ދުވަހަކު އަނބިދަރިން ލޮލަށް ނުފެނުނަސް ލޯބި އިހްސާސްވެ އެވެ. ދިރިއުޅުމުގެ މަގްސަދެއް، އުންމީދެއް އެބަ އޮތެވެ.

ހަމީދުބެ ބުނީ އޭނާއަަށް އަބަދެސް މަގުތައް ފެންނަނީ އަލިކޮށް ކަމަށެވެ.

"ބޭބެއަށް އަބަދުވެސް ހީވަނީ މަގުމަތި އަލިވެފައި އޮންނަހެން. ރޭގަނޑަކަސް ދުވާލަކަސް."

2 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 41%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޒޫ

19 February 2017

ފަހުބައި ކިޔާފަ ވަރަށް ދެރަވި. ކޮންކަހަލަ ޑޮކްޓަރެއްތަ. މިހާރުވެސް ގިނައިން ތިބެނީ އެކަހަލަ ކަޓު ޑޮކްޓަރުން.

The name is already taken The name is available. Register?

މަރީ

19 February 2017

އެހެން ވީމަ އިބްރާހީމް ނާސިރަކީ މި ބޭފުޅަގެ ތަކުލީފު ރަނަގަލަށް ދެނެވަޑައިގެންނެވި ތަހުޒީބީ ވެރި އެއްތާ. ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454