ދުނިޔެ / އަގްސާ ތޫފާން

ގާޒާ އަށް ތެޔޮ އެތެރެވިޔަކަ ނުދޭނަން: އިޒްރޭލު

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ގާޒާގެ އިމާރާތެއް ގޮވވައި، އަލިފާން ރޯވެފައި

25 އޮކްޓޯބަރ 2023 - 14:19

4 comments

ގާޒާގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ހަކަތައިގެ އެއްވެސް ބާވަތެއް ގާޒާ އަށް އެތެރެވިޔަ ނުދޭނެ ކަމަށާއި، އެފަދަ އެއްޗެއް ހިފައިގެން ގާޒާ އަށް އެތެރެވާން އުޅޭ ކޮންމެ އުޅަނދަކަށް ހުރަސް އަޅާނެ ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ.

އިޒްރޭލުން މި މޭރުމުން އިންޒާރުކުރީ، ގާޒާގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގާޒާ އިން ތެލުގެ ބާވަތްތައް ހުސްވަމުން ދިއުންކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ގުޓަރޭސް ވިދާޅުވީ ގާޒާ އަށް ތެލުގެ ބާވަތްތައް ނުލިބޭ ނަމަ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ސާމާނު ނުފޮނުވޭނެ ކަމަށެވެ.

"ތަލުގެ ބާވަތްތައް ނެތި ހޮސްޕިޓަލުތަކުގައި ކަރަންޓެއް ނުހުންނާނެ، އަދި ބޯން ބޭނުންވާ ފެން ސާފެއް ނުކުރެވޭނެ، އަދި ބޯފެން ޕަމްޕެއް ވެސް ނުކުރެވޭނެ،" ގުޓަރޭސް ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަސްތީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ އިދާރާ "އުންރުވާ" އިން އިއްޔެ ބުނެފައިވަނީ ހޮސްޕިޓަލުތައް ހިންގުމަށާއި އެމްބިއުލާންސްތައް ދުއްވުމަށް، އަދި އެހީގެ ސާމާނު ފޯރުކޮށްދޭ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ނުލިބޭ ނަމަ، މަސައްކަތް ހުއްޓާލަންޖެހޭނެ ކަމަށެވެ.

ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރެއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ނަމުގައި ގާޒާ އަށް ވައްދާ ތެލުގެ ބާވަތްތައް ބޭނުންކުރަނީ ހަމާސްގެ އަސްކަރީ ހަރަކާތްތައް ހިންގަން ކަމަށެވެ. އޭނާ ވިދާޅުވީ އުންރުވާގެ ނަމުގައި ގާޒާ އަށް އެތެރެކުރާ ތެލުގެ ބާވަތްތައް، ހަމާސް ޖަމާއަތުން ވަގަށް ނަގައިގެން އިޒްރޭލާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރާ ކަމަށެވެ.

"ހަމާސް އަށް ވަރަށް ބޮޑަށް ތެޔޮ ބޭނުންވޭ. ހަމާސް އިން އުންރުވާގެ ތެޔޮތައް ވަގަށް ނެގީމާ، އަހަރެމެން މިޖެހެނީ ތެލުގެ މައްސަލައިގައި ދުނިޔޭގެ ގައުމުތަކާ މަޝްވަރާ ކުރަން. ގާޒާގެ ހޮސްޕިޓަލުތަކުގައި ތެޔޮ ނެތިގެން ދަތިވަންޏާ ހޮސްޕިޓަލުތަކުން އެކަމާ ވާހަކަ ދައްކަންޖެހޭނީ ހަމާސް ޖަމާއަތާ. ރައްޔިތުންނަށް ބޭނުންވާ ތެލާއި ހޮސްޕިޓަލުތަކަށް ބޭނުންވާ ތެޔޮ ވެސް އެމީހުން ފޯރުކޮށްދޭން ޖެހޭނެ. އެކަން ކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ބާރުއަޅަންވީ ހަމާސް ޖަމާއަތަށް،" އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރެއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިޒްރޭލު ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނރެަލް ހެރްޒީ ހަލޭވީ އިއްޔެ ވިދާޅުވެފައިވަނީ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ގާޒާ އަށް އެތެރެކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އެހެން ނަމަވެސް، ގާޒާ އަށް އެތެރެކުރާ ހަކަތައިގެ ބާވަތްތައް ހަމާސް އަށް ލިބުނަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒާ އިން ޕެޓްރޯލާއި ޑީސަލް މުޅިންހެން ހުސްވެފައިވާތީ، ބޯފެން ސާފުކުރާ މެޝިންތައް ހިންގުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެހެންކަމުން ގާޒާގެ ގިނަ މީހުން މިހާރު ބޯން ޖެހެނީ ބިމު އަޑިން ނަގައި ސާފުނުކޮށް ހުންނަ ފެނެވެ.

ގާޒާގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިއާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މިހާރު ބޯންޖެހިފައިވާ ބިމު އަޑިން ނަގާ ނުސާފު ލޮނުފެނެވެ. އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން ބުނާ ގޮތުގައި ގާޒާގެ ބިމު އަޑިން ލިބޭ ފެނުގެ 97 ޕަސެންޓް ފެނަކީ، ލޮނު ރަހަ ދޭ އަދި ނަރުދަމާ ނިޒާމުގެ ފެނާ އެކުވުމުގެ ސަބަބުން ތަޣައްޔަރުވެ ބޯން ކަމުނުދާ ފެނެވެ.

ގާޒާގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އިޒްރޭލުން ގާޒާ އަށް އަޅާފައި އޮންނަ ހޮޅިތަކުން ފޯރުކޮށްދޭ ބޯފެނެވެ. ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާ ވިދިގެން، އިޒްރޭލުން ވަނީ ގާޒާ އަށް ފެން ފޮނުވައިދޭ، ވަރަށް މަދު ހޮޅިއެއް ނޫނީ ހުރިހާ ހޮޅިތަކެއް ބަންދުކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 6050 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އިއްޔެގެ ހަމަލާތަކުގައި މަރުވި 700 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 19 ދުވަސް ވެގެން ދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 16000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

25 October 2023

އަރަބިންގެ ތެރޭގައި ތިބީ ތިން ބާވަތެއްގެ ބައެއް. އެއީ އެކެއް ބުޑިސްޓުން، ދޭއް ޔަހޫދީން، ނަޞާރާއިން. މިގޮތުގައި 500 އަހަރު ހޭދަވި ފަހުން. އެބިމަށް ފަހުގެ ނަބިއްޔާ ފޮނުއްވެވީ. މައްކާގައި ތިބީ ބުޑިސްޓުން، މަދީނާގައި ތިބީ ޔަހޫދީން. ޝާމް ކަރައިގައި ތިބީ ނަޞާރާއިން. އެއިރުވެސް އަދި މިހާރުވެސް އަސްލު ޔަހޫދީންނަކީ އަރަބީން. ދެން ފަލަސްތީނަށް ވެރިވެގަނެގެން 1917 އިންފެށިގެން އެއުޅޭ މީހުންނަކީ ޔޫރަޕުގެ ޒަޔަނިސްޓުން. މަދުމަދުން ޔަހޫދީންވެސް އުޅޭ.

The name is already taken The name is available. Register?

ޖުހާ.

26 October 2023

މިހުރިހާ އެންމެންވެސް މިއީ އާދަމުގެ ދަރިން ދޯ. މިރާއްޖޭގައިވެސް ޔަހޫދީން އުޅޭ. ދީނީ ހެދުމުގައިމވެސް ޔަހޫދީން އުޅޭ. ޔަހޫދީންނަކީ ޔަޢުގޫބުގެފާނުގެ މުޅި ދަރިކޮޅެއް ނޫން. އެބައިމީހުންގެ ތެރޭގައި އުޅުނު ވަކިބައެއް. ހައްދުފަހަނއެޅުމާއި ފޮތުގެ ހުކުމްތައް ބަދަލުކޮށް އޮޅުވި މީހުން. އަހަރުމެންގެ ތެރޭގައި ވެސް އެ ބަލިމަޑުކަން އެބައޮތް. އެމީހެއްގެ ސަލާމަތް އެމީހަކު ހޯދަންވީ.

The name is already taken The name is available. Register?

އެކްސްް

25 October 2023

މިއީ ހުޅަނގާއި އެމެރިކާ ވާގިވެރިވެގެން ހިންގާ ހަނގުރާމައިގެ ޖަރީމާތައް. މިމީހުންނަށްވެސް އެނގޭ ޣައްޒާގެ މީހުން ބަލިކަށިކުރެވޭނީ މިކަހަލަ ދަތިތައް ކޮށްގެންކަން. ދެރަކަމަކީ އަހަރެމެންގެ އަރަބި އިސްލާމީ ގައުމުތަކުން މިކަމުގައި ފަހަތު ފަޔަށްބުރަވެ ޣާފިލުކަމުގެ ނިދީގައި ތިބޭތީ. ޔަހޫދީން ހިތިގޮތަކަށް ބަލިކުރައްވާށި. އާމީން.

The name is already taken The name is available. Register?

ސައިކުރާ.

25 October 2023

ޢަރަބި ގައުމުތަކުގެ ވެރިންނަށް ތިބީ ޔަހޫދީންނާއި ނަޞާރާއިންނާއި ޢަރަބިންނާ މިކުސްވެގެން އުފެދިފައިވާ ބައެއް. އެމީހުންގެ ހަށިގނޑުގައި ހިނގަނީ އޮރިޖިނަލް ޢަރަބި ލެއެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454