ދުނިޔެ / އަގްސާ ތޫފާން

ހުޅަނގުގެ ދެ މިންގަނޑާ މެދު ހައިރާންވޭ: އުރުދުންގެ ރާނީ ރާނިޔާ

26 އޮކްޓޯބަރ 2023 - 13:55

12 comments

ދައްމާމް (އޮކްޓޯބަރު 26) - ފަލަސްތީނު ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދައްކަންޖެހޭ ކޮންމެ ފަހަރަކު، ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ދެ މިންގަނޑާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށް އުރުދުންގެ ރާނީ ރާނިޔާ އަލް ޔާސީން ވިދާޅުވެއްޖެ އެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ އިބްނު އަލް ހުސައިންގެ އަނބިކަނބަލުން ރާނިޔާ، ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތި އިޒްރޭލުން ގާޒާގެ އާންމު ރައްޔިތުންގެ އެތައް ހާސް ބަޔަކު ގަތުލުކުރަމުން ދާއިރު ވެސް، ހުޅަނގުގެ ގައުމުތައް ވަނީ އެކަން ކުށްވެރިކުރުމުގައި ނުކުޅެދިފަ އެވެ. އަދި ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގާ ހަމަނުޖެހުންތައް ހުޅަނގުގެ ގައުމުތަކުން ކިރަނީ މުޅިން ތަފާތު ދެ މިންގަނޑަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި މެދުއިރުމަތީގެ އަދި އުރުދުންގެ ރައްޔިތުން ވެސް މިތިބީ ގާޒާ އަށް ކުރިމަތިވެފައި އެވާ ބޮޑު މުސީބާތާ މެދު ދުނިޔޭގެ ގައުމުތަކުން އަމަލުކުރަމުންދާ ގޮތާ މެދު ކުއްލި ސިހުމެއް ލިބި ނާއުންމީދު ވެފައި. މިދިޔަ ދެތިން ހަފުތާގެ ތެރޭގައި އަހަރެމެންނަށް މިފެނުނީ ބައިނަލްއަގުވާމީ މުޖްތަމައުން ގެންގުޅޭ ދެ މިންގަނޑުން ވަޒަން ކުރުމުގެ ސިޔާސަތު،" ރާނިޔާ ވިދާޅުވި އެވެ.

"އޮކްޓޫބަރު ހަތެއްގެ ހާދިސާ ހިނގުމާއެކު، މުޅި ދުނިޔެ ހަމަ ވަގުތުން އެއް އަޑަކުން އިޒްރޭލާ އެކުގައި ވާކަން ހާމަކޮށް، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް ބުނެ، ހަމާސް އިން އެ ދިން ހަމަލާ ކުށްވެރިކުރި. އެކަމަކު އޭގެ ކުރިން (ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން) ހިންގަމުން ދިޔަ ކަންކަމާ މެދު، އަހަރެމެންނަށް ފެނުނީ ދުނިޔެ ހަމަހިމޭނުން އޮތް މަންޒަރު."

ރާނިޔާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މިޒަމާނުގެ ތާރީޚުގައި ވެސް، އިންސާނުންތަކަކަށް ވޭނާއި ކެކުޅުން ލިބެމުން ދާއިރު ވެސް، އެހަމަލާތައް ހުއްޓައިލަން ދުނިޔޭގެ ގައުމުތަކުން ގޮވާނުލައި އޮންނަ މިއީ ފުރަތަމަ ފަހަރު."

ރާރިޔާ ވިދާޅުވި ގޮތުގައި ގާޒާގައި ހިނގަމުންދާ ކަންކަމާ މެދު ހުޅަނގުގެ ގައުމުތަކުން އަމަލުކުރާ ގޮތުން، މެދުއިރުމަތީގެ އެންމެންނަށް މިފެންނަނީ، ނާއިންސާފަށް ހުޅަނގުން އެއްބާރުލުން ދެމުންދާ މަންޒަރެވެ.

"އަހަރެމެންނަށް ކިޔައިދީފައި މި އޮންނަނީ، ބަޑި ޖަހައި އާއިލާއެއް، އާއިލާ އެއްކޮށް މަރައިލުމަކީ ވަރަށް ނުބައި ކަމެކޭ. އެކަމަކު އެމީހުންނަށް ބޮން އަޅައި މަރައިލުމަކީ އެންމެ ރަނގަޅު ކަމަކަށް ވަނީތަ؟ އެހެންވެ މިބުނަނީ ދެ މިންގަނޑެއް އެބަ ގެންގުޅެޔޭ،" ރާނިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހުށަހަޅާފައިވާ އިޚްތިޔާރުތަކަކީ އިންސާނީ ދަރިފަސްކޮޅެއްގެ އެއްވެސް ބަޔަކަށް ދީގެންވާނެ ފަދަ އިޚްތިޔާރުތަކެއް ނޫނެވެ. އެމީހުން އިޚްތިޔާރު ކުރަންޖެހިފައިވަނީ، އަމިއްލަ ވަޒަނުން އަމިއްލަ އަށް ނުކުމެގެން ދިއުމާއި ގަދަކަމުން ފަހައި ބޭރުކުރުމާ ދެމެދުން ގޮތެކެވެ. ނުވަތަ ނަސްލު ނައްތައިލުމުގެ ހަރަކާތްތަކާ ކުރިމަތިލުމާއި ގަތުލުއާންމަކާ ކުރިމަތިލުން ކުރެ ގޮތެއް އިޚްތިޔާރު ކުރުމެވެ.

"މިއީ އެއްވެސް ބަޔަކާ ކުރިމަތިކޮށްގެންވާނެ އިޚްތިޔާރުތަކެއް ނޫން. ފަލަސްތީނުގެ ރައްޔިތުން، ގާޒާގެ ރައްޔިތުން އަނެއްކާ އެހެން ތަނަކަށް ހިޖުރަކުރަން މަޖުބޫރު ކޮށްގެން ނުވާނެ،" ގާޒާގެ ރައްޔިތުން އެ ބިމުން ފޭބުމަށް އިޒްރޭލުން ކުރިމަތިކުރަމުންދާ ފިއްތުންތަކަށް އިޝާރާތް ކުރައްވައި ރާނިޔާ ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 20 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 6500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 17500 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 1200 އާ ގާތްކުރާ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

12 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 63%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކކކކ

29 October 2023

ކަމަނާ ޕްލާސްޓިކް ސާޖަރީ ހަދާ ފޭސްލިފްޓް ހަދާ ވޯގް މެގެޒިން ގެ ކަވަރަށް އެރޭތޯ ބަލާބަލަ. ބްރިޓިޝް މީހުނަށް ވުރެ ބްރިޓިޝް ވާން އުޅޭ ބައެއްތީ. ފަލަސްތީނާ އެއްކޮޅަށް އެއްޗެއް ތި ބުނަނީވެސް ރައްޔިތުން ރަތަށް އަރާ ވެރިކަން ވައްޓާލަފާނެތީ ރައްޔިތުން މައިތިރިވޭތޯ.

ޙަދު

27 October 2023

ޢަހަރެމެން މާ ހައިރާންވޭ ހުރިހާ ހަތިޔާރެއް ގެންދަނީ އުރުދުންގަ ޓްރާންޝިޓް ކޮއްފަ ޝާހީ ހަންދާނު ވެރިކަމައްޓަކާ ތިގުރުބާންކުރަނީ ނިކަމެތި ފަލަސްޓީން ރައްޔިތުން

ރެހެންދި

27 October 2023

ޢަހަރުމެން މާ ހައިރާންވޭ ފަލަސްތީނުގެ ކަންތަކާ މުޅި މެދުއިރުމަތީގެ ވެރިން ތުންފިއްތާ ބަހެއް ނުބުނެ ތިބޭތީ

ޖުހާ.

26 October 2023

ކަމަނާގެ އިސްތަށިގަނޑުން ވެސް އިސްލާމްދީނަށް ކަމަނާ ގަދަރުކުރާ މިންވަރު ހާމަވޭ. ވަރަށް ސަލާމް.

ގިނަދިވެހީން

27 October 2023

އެބެހެނީ މީހުންގެ އަމިއްލަކަންކަމާ.. އެއީ އޭނަގެ އަމިއްލަކަމެއް. އިސްލާމްދީން އޮނަނީ އިސްތަށިގަނޑަކުނޫން.

ޑޯނިޔާ

26 October 2023

ބަލަ ކަމަނާ ފިރިކަލުންގެ ތާޖަކީ ތިބުނާ ހުޅަންގުން ދީގެން އުޅޭ ހަދިޔާއެއް ނޫންތަ؟

ދަބަރުބޯ

26 October 2023

ހުޅަނގުގެ ދެފުއްކެހެރިކަން

ލަދުނެތް

26 October 2023

ކޮން ދެމިންގަޑެއް. ހުޅަނގުގަ މުސްލިމުނަށް މިނިވަން ކަން އޮވޭ. ރާއްޖޭގަ އެހެން ދީނުގެ މީހުނަށް މިނިވަން ކަމެއް ނެތް. އިސްލާމީ ހުރިހާ ގައުމެއްގަ ވެސް އަނެއް ދީނުގެ މީހުނަށް މިނިވަން ކަމެއް ނޯވޭ. އެކަމަކު ނަސްރާނީ ޔޫރަޕްގެ ހުރިހާ ގަައުމެއްގަ ވެސް މުސްލިމުން މިސްކިތް އަޅާ ނަމާދުކޮށް މިނިވަން ކަމް މަތީ. ލަދު ކޮބާ ދެމިންގަޑޭ ކިޔަން

ހިޔަނި.

26 October 2023

މިކޮމެންޓަކީ ސަތޭކައިގެ ކޮމެންޓެއް. ނޫސްތަކުން މިކަހަލަ ކޮމެންޓު ފެނުނީމަ އުފާވޭ. ނޫސްވެރިން ވެސް ދީނީ ޖަޒުބާތުގައި ނުޖެހި މިނިވަން ސާދާ މެދުމިނުގެ ވިސްނުން ގެންގުޅޭނަމަ ވަރަށް އުފާވޭ.

ނަމްރޫދް

27 October 2023

ހުރިހާ ނަސާރާ ގައުމެއްވަނީ މިޑްލްއޭޖް ފަހުކޮޅު އެކުއެކީ ސެކިއުލާވެފަ. ވީމާ ސެކިއުލާގައުމުތަކަކީ އެއްވެސް ދީނަކަށް ވަފާތެރިބައެއްނޫން. އިސްލާމްދީން އޮތް ހުރިހާ ގައުމެތައް ސެކިއުލާއެއްނުވޭ އަދި.. ސެކިއުލާވެެއްޖެޔާ ކަލޯމެން ތިބުނާ އެއްމިންގަނޑަށް އަންނާނެ. ތާރީހުގަ ކުރީޒަމާނުގަ ނަސާރާ ގައުމުތައް/އެމްޕަޔާތައް ވަނީ “ދީނުގެ ނަމުގަ” ލައްކަ ހަނގުރާމަކޮށް މީހުން ގަތުލުކޮށްފަ. ޓެމްޕްލާ ނައިޓްސްގެ ދިރާސާއެއްކޮށްލާ.

ރޭނިޔާ

26 October 2023

ހުޅަނގުގެ މިންގަނޑުތަކަށް ބަލަބަލަ މުސްލިމު ގައުމުތަކުން ތިހެން ވާހަކަ ދައްކާލަ ދައްކާލަ ދެން ހަމަ ތިބެންވީބާ؟ މިއީ ހުއްޓުމެއް ނެތް އަނިޔާއެއްކަން ވަރަށް ސާފުކޮށް އެއޮތީ ފެންނަން. ހުޅަނގުން ކިޔާހާ އެއްޗަކަށް ހަދާހާ ގޮތަކަށް ނުބަލައި ހުރިހާ މުސްލިމް ގައުމުތަކުން އެކަތިގަނޑަކަށްވެގެން ނިކުންނަންވީ ވަގުތު މިއީ. ތިހެން ދައްކާ ވާހަކައަކުން ވާނެ ހަމަ އެއްކަމެއްވެސް ނެތް. މުސްލިމުންނަށް އަނިޔާ ލިބެމުންދާއިރު ކައިރީގަ ބަލަންތިބުމަކީ ކޮންފަދަ ކަމެއްބާ؟

ތިލަފަތް.

26 October 2023

މުސްލިމުން މިތިބީ ކަނުއަނދިރީގަ. މުސްލިމުންގެ ފިގުހާއި ޢަގީދާ އަށް ޔޫރަޕުން މިވަނީ ވިހަލާފަ. ނަތީޖާއަކީ މީސްތަކުން ޝައިޠާނާ އަށް އިގުތިދާވީ. ނޭނގިތިބެ އަމިއްލަ ދީން އަމިއްލަ އަތުން ކޮށާ ހުސްކުރީ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454