ކުޅިވަރު / ޔޫރޮޕާ ލީގް

އަޔެކްސް އަތުން ބްރައިޓަން އަށް ޔޫރަޕްގައި ފުރަތަމަ މޮޅު

އަންސޫ ފާޓީ (މ) ގޯލު ޖެހުމަށް ފަހު ޕެޑްރޯ (ކ) އާއި ސިމޯން އަޑިންގްރާ (ވ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ޕީޕީއޭ

ބްރައިޓަން އެންޑް ހޯވް (އޮކްޓޫބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަންގައި ބޮޑު ކުރިއެރުމެއް ހޯދައިގެން މި ސީޒަންގެ ޔޫރޮޕާ ލީގުން ފުރުސަތު ހޯދި ބްރައިޓަން އެންޑް ހޯވް އަލްބިއަން، ނެދަލެންޑްސްގެ ގަދަ ބާރު އަޔެކްސް 2-0 ން ބަލިކޮށް ޔޫރަޕްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށް ޔާއޯ ޕެޑްރޯ ކާމިޔާބު ކުރި ގޯލުންނެވެ. ދެވަނަ ހާފުގެ އަށްވަނަ މިނިޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ އަންސޫ ފާޓީ އެވެ.

ބްރައުޓަން އާއި އަޔެކްސް ހިމެނޭ ގުރޫޕް ބީގެ އެއްވަނައިގައި އޮތީ 3-1 އިން ގްރީސްގެ އޭއީކޭ އެތެންސް ބަލިކުރި ފްރާންސްގެ މާސޭ އެވެ. މާސޭ އިން ވަނީ ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެތެންސް އާއި ބްރައިޓަން އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަޔެކްސް އަށް ދެ ޕޮއިންޓެވެ.

ބްރައިޓަންގެ ބިލީ ގިލްމޯ، އަޔެކްސް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ޔޫރަޕްގައި މިއީ ބްރައިޓަންގެ ފުރަތަމަ މޮޅު. މިއީ ކްލަބާއި ކްލަބްގެ އޯނަރުން އަދި ސަޕޯޓަރުންނަށް ވެސް އުފާވެރި ދުވަހެއް. މި ދުވަސް ގެނެސްދެވުމުން އަހަރެމެން ވަރަށް ފަހުރުވެރި ވޭ،" މެޗަށް ފަހު ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒެބްރީ ބުންޏެވެ.

ގުރޫޕް އޭ ގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން 2-1 އިން ބަލިވެފަ އެވެ. މި ގުރޫޕްގައި ހިމެނޭ ޖަރުމަންގެ ފްރެއިބާގުން 3-1 އިން ސާބިއާގެ ޓީއެސްސީ 3-1 އިން ބަލިކޮށް، ވެސްޓް ހޭމާ އެއްވަރަށް ހަ ޕޮއިންޓް ހަމަކުރި ނަމަވެސް އަދި އެއްވަނައިގައި އޮތީ ވެސްޓް ހޭމެވެ.

ލިވަޕޫލް، ރޯމާ އަދި ބެޔާ ލެވެކޫސަންގެ ފުރިހަމަ ރެކޯޑް ކުރިއަށް

ޔޫރޮޕާ ލީގުގައި ލިވަޕޫލާއި ރޯމާ އަދި ބެޔާ ލެވެކޫސަން ވަނީ ރޭ ކުޅުނު މެޗުތައް ވެސް ކާމިޔާބުކޮށް، މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ.

ގުރޫޕް އީގައި ލިވަޕޫލުން ފްރާންސްގެ ތޫލޫސް ބަލިކުރީ 5-1 އިންނެވެ. މެޗުގައި ލިވަޕޫލްގެ ފަސް ގޯލު ޖަހައިދިނީ ތަފާތު ފަސް ކުޅުންތެރިންނެވެ.

ސަލާހު ލިވަޕޫލްގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑިއޯގޯ ޖޮޓާ ވަރަށް ކުރީކޮޅު ލީޑު ނަގައިދީފައި ވަނިކޮށް ތީސް ޑަލިންގާ ތޫލޫސް އަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. ނަމަވެސް ވަޓަރޫ އެންޑޯ އާއި ޑާވިން ނޫނޭޒްގެ ގޯލުތަކާ އެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ފަހު ހާފުގައި ލިވަޕޫލަށް ގޯލު ޖަހައިދިނީ ރަޔާން ގްރަވެންބްތެކް އާއި މުހައްމަދު ސަލާހެވެ.

އިޓަލީގެ ރޯމާ ގުރޫޕް އީ ލީޑް ކުރާއިރު، އަމިއްލަ ދަނޑުގައި ރޭ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގު ބަލިކުރީ 2-0 އިންނެވެ. މެޗު ފެށިގެން މިނިޓެއް ނުވަނީސް ރޯމާ އަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު އެޑޮއާޑޯ ބޯވް އެވެ. އަދި 17 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.

ގުރޫޕް އެޗްގައި ހިމެނޭ ޖަރުމަންގެ ބެޔާ ލެވަކޫސަން މޮޅުވީ އަމިއްލަ ދަނޑުގައި އަޒަރުބައިޖާންގެ ގަރަބާގާ ވާދަކޮށް 5-1 އިންނެވެ.

ކުރީގެ ލެޖެންޑަރީ މިޑްފީލްޑަރު ޗަބީ އޮލޮންސޯ ގެ އިރުޝާދުގެ ދަށުން ކުޅޭ ލެވަކޫސަންގެ ގޯލުތައް ޖަހައިދިނީ ފްލޯރިއަން ވިޓްޒް އާއި އެލެކްސް ގްރިމާލްޑޯ އާއި ވިކްޓާ ބޮނިފޭސް އަދި އެޑްމޮންޑް ޓެޕްސޮބާ އެވެ. ގްރިމާލްޑޯ ވަނީ ގެ ގޯލު ޖަހައިފަ އެވެ. ގަރަބާގުން ސުން ކަނޑުވާލީ ޕެނަލްޓީއަކުން ޓޮރާލް ބޭރަމޯވް އެވެ.

ކޮންފަރެންސް ލީގުގައި އެސްޓަން ވިލާ އަށް މުހިއްމު މޮޅެއް

ކޮންފަރެންސް ލީގުގައި ވާދަކުރަމުން އަންނަ އެސްޓަން ވިލާ، ފުރަތަމަ މެޗުގައި ޕޮލެންޑްގެ ލީގިއާ ވާސޯ އަތުން ހަނި ގޮތަކަށް ބަލިވި ނަމަވެސް، އެއަށް ފަހު ކުޅުނު ދެ މެޗު ކާމިޔާބުކޮށް، އެސްޓަން ވިލާ މިވަނީ ކުރިއަށް ދިޔުމުގެ އުންމީދު އާކޮށްފަ އެވެ.

މި މަހު ކުރީކޮޅު މެޗުގެ އެންމެ ފަހު ވަގުތު ބޮސްނިއާގެ ޒްރިންޖްސްކީ މޮސްޓާ ބަލިކޮށް ފުރަތަމަ މޮޅު ހޯދި އެސްޓަން ވިލާ، ރޭ ރަށުން ބޭރުގައި ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ ބަލިކުރީ 4-1 އިންނެވެ.

އެސްޓަން ވިލާގެ ވަޓްކިންސް (ވ) އާއި ޓީލެމެންސް (ކ)، ގޯލަކަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: ގެޓީ

އެސްޓަން ވިލާގެ ގޯލުތައް ޖަހައިދިނީ ލިއޯން ބެއިލީ އާއި ޔޫރީ ޓީލެމެންސް އަދި އޮލީ ވަޓްކިންސްގެ އިތުރުން ޖޯން މެގިން އެވެ. ވިލާ އިން ހަތަރު ގޯލު ޖަހާފައި ވަނިކޮށް އޭޒެޑްގެ ހަމައެކަނި ގޯލު ޖަހައިދިނީ އިބްރާހިމް ސޯދިގެވެ.

މެޗަށް ފަހު އެސްޓަން ވިލާގެ ކުޅުމާ މެދު ހިތްހަމަ ޖެހިފައި ހުރި ކޯޗު އުނެއި އެމެރީ ބުނީ، ޓީމުގެ ފަރާތުން ފެނުނީ ތައްޓަށް ވާދަކުރާ ފެންވަރުގެ ކުޅުމެއް ކަމަށެވެ.

"އަހަރެމެން ތައްޓަށް ވާދަކުރަން ބޭނުން ނަމަ ކޮންމެ މެޗެއްގައި އެވަރަށް ކުޅެން ޖެހޭނެ. އެންމެނަށް ވެސް އަހަރެމެން އުންމީދު ކުރާގޮތް މިހާރު ދައްކައި ދެވިއްޖެ ކަމަށް މި އުންމީދުކުރަނީ،" މެޗަށް ފަހު އެމެރީ ބުންޏެވެ.

"އަހަރެމެން އޭޒެޑަށް އިހުތިރާމް ކުރަން، އެއީ މިދިޔަ ސީޒަންގައި ސެމީ ފައިނަލް ކުޅުނު ޓީމެއް ވެސްޓް ހޭމް އާ ދެކޮޅަށް. އެމީހުން ވަނީ ލާޒިއޯ އާއި އެންޑަލެޗް ފަދަ ޓީމުތައް ބަލިކޮށްފަ، އެއީ ޔޫރަޕްގެ ތަޖުރިބާ ހުރީމަ. އެހެންވެ އަހަރެންގެ ކުޅުންތެރިންނާ މެދު އަހަރެން ވަރަށް އުފާވޭ."

ގުރޫޕްގައި އެސްޓަން ވިލާ އާއި ވާސޯ އަށް ވެސް ހަ ޕޮއިންޓް ލިބިފައި ވާއިރު، ހެޑް-ޓު-ހެޑް ނަތީޖާއިން ކުރީގައި އޮތީ ވާސޯ އެވެ. ޒްރިންޖްސްކީ އާއި އޭޒެޑަށް ވަނީ ތިން ޕޮއިންތް ލިބިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454