28 އޮކްޓޯބަރ 2023 - 22:25
ބާސެލޯނާ (އޮކްޓޯބަރު 27) - އެފްސީ ބާސެލޯނާ އިން ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑް ނަގާފައި ވަނިކޮށް، ދެވަނަ ހާފުގައި ޖޫޑެ ބެލިންހަމް ވައްދާލި ދެ ގޯލުން ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯގެ މެޗު 2-1 ން ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.
މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސާ އަށް ބަދަލުވި، އިލްކައި ގުންޑޮގާން މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނެވެ. އެއީ މިދިޔަ އަހަރު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ދެ ލަނޑު ޖެހި ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.
ބާސާގެ ރަސްމީ ދަނޑު ކޭމްޕް ނޯ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، މި ސީޒަނަށް އެ ކްލަބްގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާސެލޯނާ ސިޓީގެ ލުއިސް ކޮމްޕާނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބާސާ އިން މެޗު ފެށިގެން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
އެކަމަކު ރެއާލް އަށް ކުރިމަތިވީ އުނދަގޫ ފެށުމެކެވެ. ދެވަނަ ހާފުގައި ގެނައި ބަދަލުތަކުން އެ ޓީމުގެ ކުޅުން ރަނގަޅުވި އެވެ. އެޑްއާޑޯ ކަމަވިންގާ އާއި ލުކަ މޮޑްރިޗް ކުޅެން ނުކުމެ ރެއާލްގެ ގޭމް ބަދަލު ކުރި އެވެ.
މެޗުގެ ނަތީޖާ ރެއާލް އަށް ހަމަހަމަކޮށް ދިން ލަނޑު ބެލިންހަމް ޖެހީ ބާސާގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ބާރު އުންޑައެއްހެން ގޯލްގެ ތެރެއަށް ފޮނުވާލާއިގެންނެވެ.
ރެއާލް މޮޅުކޮށް ދިން ލަނޑު އޭނާ ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ދެވަނަ މިނެޓްގަ އެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑެނީ ކާވަހާލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، މޮޑްރިޗް ބޯޅައިގައި ފައިން ޖެއްސުމުން އެ ބޯޅަ ބެލިންހަމް އަށް އިތުރަށް ފަހިވި އެވެ. އޭނާ ވަނީ އޭރިއާ ތެރޭގައި ހުރެފައި ބާސާގެ ކީޕަރު އަންޑްރޭ ޓާ ސްޓެގަންގެ ދެފައި ދެމެދުން ބޯޅަ ގޯލަށް ވައްދައިލައިފަ އެވެ.
މެޗުން މޮޅުވެ ރެއާލް ވަނީ 28 ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައިގައި ހަމަޖަހިލައިފަ އެވެ. ބާސާ އޮތީ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް ޖިރޯނާ އަށް ވެސް ލިބިފައި ވަނީ 28 ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
29 October 2023
ރެއާލް ފޭނުންނަށް މަރުހަބާ.
ގތވގތވގ
29 October 2023
ނަސީބު ރަނގަޅީ