ޔާމީން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯދަންޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
30 އޮކްޓޯބަރ 2023 - 23:30
ވެރިކަން ދެމެހެއްޓުމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލް ކޮށްދިނުމަށް އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީން ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި މި މަހުގެ އެއްވަނަ ދުވަހު ގޭ ބަންދަށް ބަންދަށް ބަދަލު ކުރުމަށް ފަހު، އިއްޔެ އެ އިދާރާ އިން އަނެއްކާވެސް ދިން ލުޔާ އެކު ފުރަތަމަ ފަހަރަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގަ އެވެ. ގައިދީން ބަލަހައްޓާ އިދާރާ އިން ބުނެފައިވާ ގޮތުގައި، ބޭސްފަރުވާގެ ކަންކަމަށް، ކަރެކްޝަނަށް އެންގުމަށް ފަހު، ގެއިން ބޭރަށް ވަޑައިގަތުމުގައި ޔާމީނަށް ލުއިތަކެއް ވަނީ ދީފަ އެވެ.
ޔާމީން މިރޭ ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޕީޕީއެމް/ޕީއެންސީ އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށާއި އެ އަޣުލަބިއްޔަތުގެ ބޭނުން ހިފާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
"އަގުލަބިއްޔަތުގެ ބޭނުން ހިފާނީ ރައްޔިތުންގެ ހައްގުގައި އުނިކަން ހުރި ކަންކަން އިސްލާހު ކުރުމަށް. ރައްޔިތުންނަށް މަންފާވާ ގޮތަށް ނޫނީ އެއްވެސް ކަމެއް އަޅުގަނޑުމެން 2013 އިން 2018 ގެ ސަރުކާރުގައި ވެސް ކޮށްފައި ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
"ބޮޑު އަގުލަބިއްޔަތު ހޯދަން މަސައްކަތް ކުރަންވީ. އަޅުގަނޑުމެން މަޖިލީހުގައި ގަރާރުތައް އެއްލާލިޔަ ނުދޭނަން، ގައުމީ މައްސަލައެއް އައިސިއްޔާ ކެރޭނެ ބަހުސްކޮށް، ޖަދަލު ކުރަން. އެ ފާސް ވެސް ކުރާނަން ރައްޔިތުންނަށް ފައިދާވާ ކަމެއް ވިއްޔާ."
ޕީޕީއެމް އަދި ޕީއެންސީން އެކުގައި މަސައްކަތްކޮށް، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް އަޑު ފެތުރިފައި ވެ އެވެ. ނަމަވެސް، ޔާމީން މިރޭ ވަނީ އެ ވާހަކަތަކަށް ނުސީދާ ގޮތެއްގައި ޖަވާބު ދެއްވާފަ އެވެ.
ޔާމީން ސިފަކުރެއްވި ގޮތުގައި، ދެން އުފެދިގެން އަންނާނީ އެ މަނިކުފާނުގެ ވެސް ސަރުކާރެކެވެ. އެ ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދެއްވުމުގައި އެ މަނިކުފާނު ދެމިހުންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި، އިދިކޮޅު އެމްޑީޕީ އަށް ފާޑުވިދާޅުވެ، އެއީ ދާއިމަށް މަގުމަތީގައި ތިބެންޖެހޭނެ ޕާޓީއަކަށް ހަދަން ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯދަންޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
ޔާމީން ވަނީ މުއިއްޒު މަގާމުގެ ހުވާ ކުރުމަށް ހުރަސްއަޅަން އެމްޑީޕީން މަސައްކަތް ކުރަން އުޅޭ އުޅުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ސިފަ ކުރައްވައި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުން ހޮވި ރައިސުލްޖުމްހޫރިއްޔާ އަކީ އިއްޒު ކަމަށާއި މަގާމުގެ ހުވާ ކުރެއްވުމަކީ ރަމްޒީ ކަމެއް ކަމަށެވެ. އެހެންކަމުން ބޮއިކޮޓް ކުރުމޭ ކިޔައިގެން އެމްޑީޕީން ދައްކަނީ ބޭކާރު ވާހަކައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބައެއް ކަންކަމުގައި މުއިއްޒާ މަޝްވަރާ ކުރައްވާނެ ކަން ވެސް ޔާމީން މިރޭ ފާހަގަ ކުރެއްވި އެވެ. އަދި، މުއިއްޒުގެ ސަރުކާރުން ދެ ކަމެއް ހާސިލް ކޮށްފި ނަމަ، ފާސް މާކްސް ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ ދެ ކަމަކީ އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމާއި ދެކުނުގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމެވެ.
މިރޭގެ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވާއިރު، އެ ޖަލްސާ އަށް ދިޔަ ބައެއް މީހުން އެ މަނިކުފާނުގެ ވާހަކަ އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުން ވެސް ވަނީ ޕީޕީއެމް/ޕީއެންސީ އޮތީ އެކުވެރިކަމާ އެކު ކަން ފާހަގަ ކުރައްވައި، މުއިއްޒުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިރޭގެ ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ނެތެވެ.
ޕީޕީއެމްގެ އިސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައި ނުވާއިރު، ޖަލްސާ ފެށުނު އިރު ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް އިންނެވި އެވެ. ނަމަވެސް، ޖަލްސާ ފެށުނުތާހެން އޭނާ އެ ތަނުން ވަޑައިގެންނެވި އެވެ. ދެން ޔާމީންގެ އަރިހުގައި އިންނެވީ އެ މަނިކުފާނުގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
01 November 2023
ކޮންމެވެސް ކޮންމެވެސް ޕީޕީއެމް މީހަކު ނުހޮވާތި. އެއުޅެނީ މަޖުލިސްތެރެއިން މުޢިއްޒު އަޒަލުކުރަން.
ދަލޭކަ ދައިތަ
31 October 2023
ޕ.ޕ އަށް މެޖޯރިޓީ ލިބުމަކީ ގައުމު ހިންގަން މިސޮރާހެދި އުދަގޫ ވާނެކަމެއް. ބާރު ސްޕީޑްގައި ގައުމު ހިގައިގަންނާނީ ޕީ.އެން.ސީ އަށް މެޖޯރިޓީ ލިބިގެންކަމީ ޝައްކެއްވެސް އޮތްކަމެއްނޫ.
ހަސީނާާ
31 October 2023
ޑީއާރުޕީ ކަފުން ކަފުން ކުރި ގޮތަށް ޕޕ ކަފުން ކުރާތަން ބަލަން އަހަރެމެން މިތިބީ. މަނިކުފާނު ދޭ މާކުހެއް ޑރ.މުއިއްޒު ބޭނުމެއް ނޫން. ތިއީ އިންތިހާބު ބޮއިކޮޓު ކުރަން ގޮވި މިހާ. މައުމޫނު ހެން ތިޔައީވެސް މިހާރު ކުރީގެ ރައީސެއް. ދެން ވެސް މަޑުން ހުންނާށެވެ. ގައިދީއަކު ޕޯޑިއަމްތަކަށް އަރާއިރު ކޮބާތަ ކަރެކްޝަންސް
ދަ ޑިމޮކްރެޓްސް
31 October 2023
ޕީޕީއެމުން ޕީއެންސީއޭ ކިޔާނޭކަމެއްނެތް ދެން. ޕީއެންސީ އެވަނީ ފިޔަފަޅާ އުދުއްސައިގެންފައި. ޔާމީނުގެ ބޭނުމެއް މިހާރު އެ ޕާޓީއަކަށްނެތް. ޔާމީނު ކިތަންމެ ކޯފާވިއަސް އެކުދިންނަށް މިހާރު ޔާމީނުގެ ބޭނުމެއްނެތް. ދެންވެސް ހިތް ތިރިކޮށް މުޢިއްޒުގެ ފަހަތުގައި ހުންނަވައިގެން ޤައުމަށް ޚިދުމަތެއްކޮށްދެވޭތޯ ބައްލަވާ! މުޢިއްޒުގެ މައްޗަށް ބަސްކިޔައިގެން ލިބޭނޭ މޮޅެއްނޯންނާނެ.
އަންދަލޫސިޔާ
31 October 2023
ވެރިކަމަށް އަންނަނީ ޕީއެންސީ އަދި އިދިކޮޅު ޕާރޓީ އަކީ އެމްޑީޕީ. މަޖުލިހު މެޖޯރިޓީ އެމްޑީޕީ. މައިނޯރިޓީ ދަ ޑިމޮކްރަޓްސް.
އަމާލް މުޙައްމަދު
31 October 2023
ތިވާހަކަ ތިހެން ދައްކަވާއިރު މަނިކުފާނުގެ ވާހަކަތައް ހުންނަނީ ހަމަ ޕާޓީ ފަސާދަވާކަހަލަ ގޮތަކަށް. ތިމާއަކީ ހުރިހާކަމެއް އެނގޭ މީހާހާކަމަށް ދޭހަވާ ކަހަލަ ގޮތަކަށް ވާހަކަތައް ތިހުންނަނީ. އޭތި ކަމަކުނުދޭ. ރައީސް މައުމޫން މަނިކުފާނުގެ ވެރިކަމަށް ގޮތްކިޔާ އަތްބާނަފާނެތީ މައުމޫން ދުރުކޮށްލީ. އެހެންކަމަށްވާނަމަ މުޢިއްޒުގެ ވެރިކަމުގެ ތެރެއަށް މާބޮޑަށް އަތްބާނަން ނޫލުއްވީމަ ރަނގަޅުވާނީ. މަޝްވަރާދެއްވާ! އަހަރެމެން ބޭނުންވަނީ ޑރ މުޢިއްޒުވެސް ޗެކުކޮށްލަން.
ބަކުރު ބޭ
31 October 2023
މިހާރަކު ޕީޕީއެމެއް ނެތް! ދެން އެންމެ ބުއްދިވެރީ މަނިކުފާނު ވެސް ޕީއެންސީ އަށް ފޯރމު ފުރައި އެ ފޯރމު ޕީއެންސީގެ މުސްތަޝާރު ރަހީމުބޭ ގެ އަތްޕުޅަށް އެރުވޭތޯ ބެލުން!!