ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: މިނިސްޓަރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށް ވިދާޅުވި.
31 އޮކްޓޯބަރ 2023 - 12:54
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓަރު ނިންމެވީ ޖަލްސާއަށް ވަޑައިނުގަންނަވާށެވެ.
އެގޮތަށް އޭނާ ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅަން ވަޑައިނުގަންނަވަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާ ދެއްވުމުންނެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކަށް ބަންޑާރަ ނައިބަކަށް ލަފާ ނުދެއްވޭނެ ކަމަށެވެ. ރިފްއަތުގެ ލަފާއާ އެއްގޮތަށް އަމަލުކޮށް މިނިސްޓަރު އަމީރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިނިސްޓަރު އަމީރާ ދޭތެރޭ ކޮންމެވެސް ހިސާބަކުން ފިޔަވަޅު އެޅެންޖެހޭ. ކޮންމެވެސް ކޯޓަކުން ކޮންމެ ވެސް ފަރާތަކުން އެކަމާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ. ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް،" އާޒިމް ވިދާޅުވި އެވެ.
"އެހެންވީމަ މިނިސްޓަރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި."
އާޒިމް ގަބޫލު ކުރައްވާ ގޮތުގައި މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތެވެ.
އޭނާ ވިދާޅުވީ މައްސަލައެއް ހުށަހެޅުމަކީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ކަމަށާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާތަނަށް ތަޅުމަށް ހުށަހަޅާފައި ނެތް ކަމަށެވެ.
އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނުނިންމާ އެހެން މަސައްކަތްތައް ނުކުރެވޭނެ ކަމަށް ބުނާ ހާލަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެކުރިން ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، ތަޅުމަށް އިއްވާފައި ނުވާ މުއްދަތުގައި ވެސް އެހެން މަސައްކަތްތައް ކުރިއަށްދިޔަކަން އާޒިމް ފާހަގަކުރެއްވި އެވެ.
ނަމަވެސް، އެމްޑީޕީން ގަބޫލު ކުރާ ގޮތަކީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ނޯޓިސްގެ މުއްދަތު ހަމަވުމުން ދެން އެ މައްސަލާގައި ގޮތެއް ނުނިންމާ އެހެން މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ އެވެ. އެގޮތަށް މާނަކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.
މަޖިލީހުގެ ގަވައިދުގެ 211 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ނޮވެމްބަރު 1ގެ ކުރިން މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންޖެހެ އެވެ. މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު އާޒިމް ވިދާޅުވީ މިހާރު އެމްޑީޕީން ކުރާ ކަމަކީ ގާނޫނީ ހަމައަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ އަންނަ ސަރުކާރަށް ޖެއްސުން ކުރަން ކުރާ ކަމެއް ކަމަށެވެ.
މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ގަވައިދުގައިވާ ގޮތަށް މަޖިލީހަށް ބަޖެޓް ވަނީ ހުށަހަޅާފަ އެވެ. އެއީ މަޖިލީހަށް މިނިސްޓަރު ބަޖެޓް ފޮނުވުމުން އެ މާއްދާގައި ބުނާ ކަން ހާސިލްވީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބަޖެޓްގެ ތަފްސީލްތައް ހާމަކުރަން ޖަލްސާ ބޭއްވުމަކީ މަޖިލީހަށް އޮތް ކަމެއް ކަމަށާއި އެއީ މިނިސްޓަރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭބެ
01 November 2023
މިގައުމުގައި ގާނޫނާއި ގާނޫނުއަސާސީގައި ބުނާއެއްޗެއް ހަމައެކަނި އެގޭބަޔަކީ މި ޑިމޮކްރެޓްސް ގައި އުޅޭ ހަޔެއްކަ މީހުންނަށް ކަންނޭގެ. އަދި ޑިމޮކްރަސީއަކީ ކޯއްޗެއްކަންވެސް އެންމެ ރަގަޅަށް އެގެނީވެސް ހަމަ އެވެރިންނަށް ހެން ހީވަނީ...
އޭޖީ
01 November 2023
ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް، އެހެން ވިއްޔާ އަދި ބަޖެޓެއް ހުށައެއް ނޭޅޭ ނޫންތޯ! ހުށަނޭޅޭ ބަޖެޓެއްގެ މަސައްކަތް ކުރާނީ ކިހިތެއްތޯ؟ ހަމަ އެގޮތަށް ޤާނޫނޫއަސާސީގެ 205 ވަނަ މާއްދާގަ އޮވޭ ނޫންތޯ އިތުބާރު ނެތްކަމުގެ މައްސަލަވެސް ނޯޓިސް ފޮނުވާތާ 14 ދުވަސްފަހުން ޖެހިގެންއަންނަ ރަސްމީ ބަންދުނޫން ދުވައެއްގަ ހުށަހަޅަން ޖެހހޭ ކަމަށް.
ލާހޫރޭ
01 November 2023
ދަށުންދަމާ ކުޅެން ތިއުޅެނީ ޖޯކަރު އޮތީ އާލާސް ކަންފުޅެއްގަ
ސްމާ
31 October 2023
މަޖުލީހުގެ ތަޅުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެއް ނޭޅޭ އަދި! ވީއިރު ިއތުރު ކަންކަން މަޖުލީހުގައި ކުރިޔަށްގެންދެވޭނެ ފުރުސަތު އެބައޮތް!
ފީވާ
31 October 2023
ޤާނޫނު އަސާސީގައި އޮތީ އަންނަ އަހަރު ފެށުމުގެ ކުރިން ބަޖެޓް ހުށަހެޅުމަށް. އެކަން ކޮށްފިކަމަށް ޤަބޫލުކުރެވެނީ. އެ ހުންނަނީ ވަކި ބަޔަކު ހުރަސް އެޅުމުން، ވަކި މީހަކު ބަލިވުމުން މުޅި ޤައުމު ހުއްޓޭގޮތަށް ހުންނަ ކަންކަމެއްނޫން. ރާއްޖޭގެ އެންމެންގެ ޙައްޤު އެޔަށްވުރެ ބޮޑުވާނެ. ޤައުމު ދާނީ ހަމަ ކުރިޔަށް. މިއަދުވެސް ނޫނީ މާދަމާވެސް އަހަރުމެންވެސް ހަމަ މަރުވެދާނެ. ދުނިޔޭގަ ބާކީ ތިބި ބަޔަކު އެކަމެއް ކުރިއަށް ގެންދާނެ. ނުހުއްޓޭނެ
އަހްމަދ
31 October 2023
މިހެން ގަދަބަސް ބުނެފަ އުޅޭ އަލީ އާޒިމް ކަހަލަ ރޯނު އެދުރުންގެ ބަސްއަހައިގެން އަންނިގެ މުޅި ސިޔާސީ ހަޔާތް ފުނޑުނީ. %48 ވޯޓު ލިބުން މީހެއް %7 އަށް ވެއްޓުނީމަ ރައްޔިތުން އެއޮތީ ތިޔަ ބައިގަނޑު ބަލައިނުގަންނަކަން ސާފުކޮށް ބުނެފަ.
ަަެއެކްސިް
31 October 2023
މިކަމުގަ ބުރަވެވެން އޮތީ އަމީރު ކޮޅަށް. ބުނަން މިއުޅޭ އެއްޗަކީ އަމީރުގެ ކުރިން މި ގާނޫނު އަސާސީގެ ދަށުން އައި ހުރިހާ މިނިސްޓަރުން އަމަލު ކުރަމުން އައި ގޮޔަކީ ބަޖެޓު 1 ނޮވެމްބަރުގެ ކުރިން މަޖުލީހަށް ފޮނުވާފަ މަޖުލީހުން ކަނޑައަޅާ ދުވަހު ބަޖެޓު ހުށަހެޅުން. އެހެންވީމަ ކުރީގެ 4 މިނިސްޓަރުން ވެސް ވަނީ އާޒިމް ވިދާޅުވާ ގޮތުން ގާނޫނު އަސާސީ އާ ހިލާފުވެފަ
ކުޑާދަނު
31 October 2023
ގާނޫނާ ހިލާފަށް ބަޔަކު އަމަލުކުރަމުން ގެންދާތަނެއްގާ ބައިވެރި ވުމަކީ ރަގަޅު ކަމެއްތޯ....ހަސަނުކައިރީ އަހާބަލާށެވެ.
ފޯލި
31 October 2023
ގާނޫނު އަސާސީއާއި ގާނޫނާއި ގަވާއިދާ ހިލާފުވެގެން މިއުޅެނީ ކާކުކަން އޮޅިގެނެއް ނޫޅެއެވެ. އެއީ އަބަދުވެސް ޗާޓުން ބޭރުން އުޅެން ބޭނުންވާ މީހާއެވެ. އެމީހާއަކީ ދަނޑިމޮރޮކްސްގެ ބާނީއެވެ.
މަޖިލިސްމިނިވަންކުރޭ
31 October 2023
ކަލޭގެ ބޮޑުވަޒީރަށް ޚިލާފުވެވުނު އެއްޗެއް އެނގޭމީހަކު އެބަހުރިތަ. ފުރަތަމަ ފިޔަވަޅުއަޅަންވީ އެސޮރާއިމެދެއްނު. އޭނައަށް ޚިލާފުނުވެވޭ އެއްޗެއް އޮތްހެނެއް ހީނުވޭ.