އައިޒެކް: އަންނަ މަހު 16 ގައި އޭނާގެ ޕްރޮފެޝަނަލް ފުރަތަމަ މެޗުގައި ވާދަ ކުރާނެ
03 ނޮވެމްބަރ 2023 - 07:31
އަންނަ މަހު 16 ގައި ކޮލަމްބޯގެ މާޝަލް އާޓްސް އެރީނާގައި، އޮތް މެޗަކީ ރާއްޖެއާ ގުޅުން އޮތް ބޮޑު މެޗެކެވެ. އެ ކުޅިވަރުގެ ކުރީ ސަފަށް ވާސިލުވުމުގެ އުންމީދުގައި ހުރި ޒުވާން މުހައްމަދު އައިޒެކް ޒަޔާން ސާލީގެ ފުރަތަމަ ޕްރޮފެޝަނަލް މެޗާ ކުރިމަތިލާއިރު އޭނާ ޖެހިލުންވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ.
އެއަށް ވުރެ ބޮޑަށް އޭނާ ހުރީ އެ ކުޅިވަރަށް ލޯބި ޖެހި، ހޭނިފަ އެވެ. އިދިކޮޅަށް ނުކުންނަ އެތުލީޓްގެ ގޮށްމުށުގެ "ހަމަލާ"އެއް އަމާޒުވެދާނެތީ އޭނާ އިސް ޖާހަލައިގެނެއް ނުހުންނާނެ އެވެ.
އިލެކްޓްރޯނިކް ގޭމިން އާއި ސްމާޓް ފޯނުގެތެރެއަށް ޒުވާނުން ގެނބިފައިވާ ދުވަސްވަރެއްގައި ހަށިފޮޅާލައި އައިޒެކް ކުރިއަށް ނުކުތީ އުމުރުން އެންމެ 12 އަހަރުގަ އެވެ.
ސްރީ ލަންކާގެ ބައްޕައަކާއި ދިވެހި މަންމަޔަކަށް ލިބުނު އައިޒެކް، މިކްސްޑް މާޝަލް އާޓްސް އަށް ހިތްޖެހުނީ، ބޮކްސިންގައި ދުނިޔެ އުފެއްދި އެންމެ ވަރުގަދަ އެތުލީޓް އެމެރިކާގެ މުހައްމަދު އަލީގެ ކުޅިވަރުގެ ވާހާކައިންނެވެ.
"އަޅުގަނޑު ބެލީ މުހައްމަދު އަލީގެ ބަޔޯޕިކް ފިލްމެއް. ވިލް ސްމިތު ކުޅުނު އެ ފިލްމު ބަލައިފަ އިންސްޕަޔާވެގެން ދެން މާޝަލް އާޓްސް ފެށީ ޖިމުގައި،" އުމުރުން 12 އަހަރުގައި މާޝަލް އާޓްސްގެ ތެރެއަށް ވަން އައިޒެކް ބުންޏެވެ.
އެކަމަކު އޭގެ ކުރިން ސްކޫލްގެ ކްރިކެޓް މުބާރާތްތަކުގައި އޭނާ ކުޅުނެވެ. ނަމަވެސް އެ ކުޅިވަރަށް ވުރެ އޭނާ ޝައުގުވެރިވީ ކޮމްބެޓް ސްޕޯޓްސް އަށެވެ. އެއީ އެންމެ ފޯރިގަދަ ދަނޑިވަޅުގައި ވެސް އަމިއްލަ ނަފުސު ކޮންޓްރޯލް ކޮށްގެން ހުރުމުގެ އިހްތިޔާރު އޭނާ އަށް އޮންނާތީ ކަމަށް އައިޒެކް ބުންޏެވެ.
"ކޮމްބެޓް ސްޕޯޓްސްގެ ތަފާތަކީ އަޅުގަނޑަށް ކޮންޓްރޯލް އޮތުން. ޓީމެއްގެ ބަދަލުގައި މުޅި ގޭމް ކޮންޓްރޯލް ކުރަން ހުންނާނީ އަޅުގަނޑު،" އުމުރުން 20 އަހަރުގެ އައިޒެކް ބުންޏެވެ.
މާޝަލް އާޓްސް އަކީ ވަކި ޑިސިޕްލިންއެއްގައި ވަކި މިންގަނޑެއްގައި ހުރެގެން ނޫނީ ސްޓޭޖަށް ނޭރޭނެ ކުޅިވަރެކެވެ. އެ ކުޅިވަރުގައި ކުރިއަށްދާން އަޒުމުކަނޑައެޅި އިރު އޭނާގެ ހަށިގަނޑު ފިޓެއް ނޫނެވެ. މޮޓާކޮށް ހުރި ހަށިގަނޑު، ޖިމަށް ވަދެ ކޮށައި މަށައިގެން ނުކުތް އިރު އޭނާ ހުރީ އެ ކުޅިވަރުގައި ކުރިއަށްދާން މުޅިން ފިޓްވެފަ އެވެ. އެ ކުޅިވަރުގައި އޭނާގެ ފުރަތަމަ ސްޓޭޖަކީ ޖިމެވެ. މިހާތަނަށް އޭނާ ވާދަކުރީ އެމެޗާއި ތިން މެޗުގަ އެވެ. އެ ތިން މެޗުން ވެސް މޮޅުވި އެވެ.
އައިޒެކް (ވ) އުމުރުން 12 އަހަރުގައި ޖިލްގައި ޓްރޭން ހަދަނީ: އޭނާގެ ހަށިގަނޑު އޭރު ހުރި ގޮތާ މިހާރު ހުރި ގޮތް ތަފާތު
އައިޒެކް ކަޑަތުކުރީ ފަސޭހަ ދަތުރެއް ނޫނެވެ. ކެއުން ވަކިގޮތަކަށް ބެހެއްޓުމާއި ވަކި އާދަތަކަކަށް ހޭނެން ކުރި މަސައްކަތްތަކުގައި އޭނާ އަށް ގޮންޖެހުންތައް ކުރިމަތިވި އެވެ. އެންމެ ފުރަތަމަ ކަމަކީ މާޝަލް އާޓްސްއާ މެދު ބައެއް މީހުން ދެކޭ ގޮތެވެ. ނުރައްކާ ކުޅިވަރެއް ކަމަށް ދެކޭތީ އޭނާ އަށް ވެސް ގާތް މީހުންގެ ފަރާތުން އެ ޕްރެޝަރު ކުރިމަތިވި ކުރި އެވެ. އެކަމަކު އެއިން އެކަކަށް ވެސް އޭނާ ފަހަތަށް ޖައްސައެއް ނުލެވުނެވެ. އެ ޕްރެޝަރާ ކުރިމަތިލީ ވެސް މާޝަލް އާޓްސްގެ ތެރެއިން ލިބުނު ހިތްވަރުން ކަމަށް އައިޒެކް ބުންޏެވެ.
"މާޝަލް އާޓްސް އަކީ ނުރައްކާތެރި ކުޅިވަރެއް ކަމަށް ގިނަ ބަޔަކު ހީކުރޭ. އެގޮތަށް ވިސްނައިފިއްޔާ ހުރިހާ ކުޅިވަރަކީ ނުރައްކާތެރި ކުޅިވަރުތަކެއް. މިސާލަކަށް ފުޓްބޯޅަ އަކީ ވެސް އަދި ކްރިކެޓަކީ ވެސް އޭގެ ޒާތުގައި ނުރައްކާ ކުޅިވަރެއް. އެކަމަކު ހަގީގަތުގައި އެ ކުޅިވަރުތަކަކީ ވެސް އަދި މާޝަލް އާޓްސް އަކީ ވެސް ނުރައްކާތެރި ކުޅިވަރުތަކެއް ނޫން،" އައިޒެކް އިތުބާރާ އެކު ބުންޏެވެ.
"މާޝަލް އާޓްސް އިން ހަގީގަތުގައި ދަސްކޮށްދެނީ ޑިސިޕްލިން، ސެލްފް ޑިފެންސް، ވަރަށް ޝައުގުވެރި ކުޅިވަރެއް. ގިނަ ބަޔަކު ހީކުރަނީ އެއީ އަނިޔާވެރި ކުޅިވަރެއް ކަމަށް ނަމަވެސް އެއީ އެ ކުޅިވަރުގެ ޓްރޭނިން ފެށުމުން، އެއީ ނަފުސާނީ ގޮތުން ވެސް ކަންކަމާ ވަރުގަދަ އަށް ކުރިމަތިލާން އެހީތެރިވެދޭ ކަމެއްކަން އެނގޭނެ. މީހާގެ ޑިސިޕްލިން އަށް އެހީތެރިވެދޭ ކަމެއް. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެހީތެރިވެދޭ އެއްޗެއްކަމަށް އަހަރެން ދެކެނީ."
އާނާ ބުނީ ރަނގަޅު ކާނާ ކެއުމާއި ބުރަކޮށް ޓްރޭނިން ހެދިޔަސް ނަފުސާނީ ގޮތުން ތައްޔާރުވާން ޖެހޭކަންކަން ވެސް ހުންނަ ކަމަށެވެ.
"ނަފްސާނީ ގޮތުން އުފާ ނުވާނަމަ ދެން ހަށިގަނޑަށް އުފާވެރިކަމެއް ނުލިބޭނެ،" އައިޒެކް ބުންޏެވެ.
އިންޓަނޭޝަނަލް ސްޓޭޖުގައި ރާއްޖެ އާއި ލަންކާ ތަމްސީލު ކުރުމުގެ ހައިސިއްޔަތު އޭނާ އަށް އެބައޮތެވެ. ލަންކާގައި އުޅެ ބޮޑުވިޔަސް އޭނާގެ ހިތް އޮތީ ރާއްޖެއާ އެކު އެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި އޭނާ އިސްކަން ދެނީ ރާއްޖޭގެ ގައުމީ ދިދަ އޭނާގެ މޭމަތީގައި ޖަހައިގެން ދިވެހި އެތުލީޓެއްގެ ގޮތުގައި ކުރިއަށް ނުކުތުމަށެވެ.
"އަޅުގަނޑު އުޅެ ބޮޑުވީ ދިވެހި ގޭބިސީއެއްގައި. ރާއްޖެއާ މެދު ފަހުރުވެރިވަން. އިންޓަނޭޝަނަލް ސްޓޭޖުގައި އިސްކަންދޭނީ ރާއްޖެ ތަމްސީލުކުރަން. ރާއްޖޭން އެ ފުރުސަތު ލިބެން އޮތް ނަމަ 100 ޕަސެންޓް އެ ފުރުސަތުގެ ބޭނުން ކުރާނަން،" އައިޒެކް ބުންޏެވެ.
އޭނާ ބުނީ ދިވެހިންނަކީ އެންމެ ކުރީ ޒަމާނުންސުރެ، ބުރަކޮށް މަސައްކަތްކޮށް ހަށިގަނޑުގެ ވަރުގަދަ ކުރަން އިސްކަންދިން ބައެއްކަން އޭނާ އަށް އެނގިފައިވާ ކަމަށެވެ. މާޝަލް އާޓްސްގައި ވެސް އޭނާގެ އޮތީ އެކަހަލަ އަޒުމެކެވެ. އާބާދީ އާއި ސަރަހައްދުގެ ގޮތުން ރާއްޖެ ކުޑަޔަސް މިކްސްޑް މާޝަލް އާޓްސްގައި ދިވެހިންނަށް ވަރުގަދަ އަށް ކުރިމަތިލެވޭނެކަން ސާބިތުކޮށްދޭން އޭނާ ބޭނުން ވެއެވެ.
"އަޅުގަނޑުގެ އަމާޒަކީ، ދިވެހިންގެ ކިބައިގަން އެ ހުނަރު ހުރިކަމާ ހުޅަނގުގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކާ އެއް ފެންވަރެއްގައި ވާދަކުރެވޭނެކަން ދައްކައި ދިނުން. ތެދުތެދަށް ބުނާނަމަ އަޅުގަނޑުމެން ދިވެހިން ވަރުގަދަ. އަހަރެމެންގެ ފިޒީކް ރަނގަޅު،" އަންނަ މަހުގެ 16 ގައި ރަޝިއާގެ ސީޒާ ބްރައުންއާ ދެކޮޅަށް ފުރަތަމަ ޕްރޮފެޝަނަލް މެޗުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ އައިޒެކް ބުންޏެވެ.
"ކުޅިވަރުން ލިބޭ އާމްދަނީ ހޯދާކަން ނޫން އަޅުގަނޑު އެކަން ކުރަނީކީ. އެއީ ޕެޝަން އަށް. އަޅުގަނޑު ބައިވެރިވާ އިވެންޓްތަކުގައި ވެސް އަޅުގަނޑު އެކަން ކުރަނީ މިކްސްޑް މާޝަލް އާޓްސް މައިދާނުގައި ރާއްޖެ އަށް ޝަރަފެއް ހޯދައިދިނުމަށް."
ސްރީ ލަންކާގައި ދިރިއުޅޭ ފްރާންސްގް މާޝަލް އާޓްސް ކޯޗެއް ކަމަށްވާ، ޑޭން ބްވާޑްގެ އެހީތެރިކަން ލިބި ފެށި ކެރިއާގައި އޭނާ އަށް އެކި ގައުމުތަކުގެ ކޯޗުންގެ އެހީތެރިކަން ލިބުނެވެ. އެމެރިކާގެ ތަޖުރިބާކާރު ވިލް ޗޯޕް އާއި ސިންގަޕޫރުގެ ރާހުލް ރާޖުގެ އެހީތެރިކަން އައިޒެކް ފާހަގަ ކުރި އެވެ. އޭނާގެ އެންމެ ބޮޑު އިންސްޕަރޭޝަނަކީ އޭނާގެ މަންމަ ފަރާތު ކާފަ ކޮލިގޭ މުހައްމަދު މާހިރެވެ.
"ކާފަ އަކީ ޖެހިލުންކުޑަ ހިތްވަރުގަދަ މީހެއްގެ ގޮތުގައި އާއިލާތެރޭގައި މަޝްހޫރު ވެފައި ވެސް އޮންނަނީ. އެހެން މީހުން އޭނާގެ ނަފުސުގެ މައްޗަށް ގަދަވިޔަކަށް ނުދޭނެ. ކާފަ ހުންނާނީ އަޒުމެއްގައި. ގޮތެއްގައި. ކާފަ އަކީ ސްޓްރޯންގް ކެރެކްޓާއެއް. އެހެންވެ ދިރިއުޅުމުގައި އެހާ ދުރަށް ކާފަ އަށް ދެވުނީ ވެސް،" އައިޒެކް ބުންޏެވެ.
އޭނާ ބުނީ އަލަށް މާޝަލް އާޓްސްގެ ތެރެއަށް ވަންނަން ބޭނުންވާ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނަށް ވެސް އޭނާ ދޭނީ އެ ނަސޭހަތް ކަމަށެވެ. އެހެން މީހުން ހީކުރާނެ ގޮތަކަށް ނުބަލައި ކުރިއަށް ދިއުމަށެވެ. އަދި އެ ކުއްޖަކު ކުރިއަށް ދިއުމުގައި ވެސް މައިންބަފައިން ބޭނުންވާ ގޮތަކަށް ވުރެ އެކުއްޖަކަށް އެންމެ ބޭނުންވާ ގޮތަކަށް ދާން މައިންބަފައިން ވެސް ފުރުސަތު ދިނުން މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.
"ވަކި ބެކްގުރައުންޑަކުން ވަކި އާއިލާއަކުން އައިސް ހުރި މީހަކަށްވުން މުހިމެއް ނޫން. މުހިންމު ކަމަކީ ކަމެއް ހާސިލުކުރަން ބުރަކޮށް މަސައްކަތްކޮށް ކުރުން އަދި އެކަމެއް ދޫކޮށްނުލައި ކުރިއަށްދާނަމަ އެކަން ހާސިލު ކުރެވޭނެ. އެންމެންނަކީ ވެސް އެ މީހެއްގެ ހުވަފެންތައް ހާސިލް ކުރުމުގެ ގާބިލްކަން ހުރި ބައެއް، ކާމިޔާބީގެ އެއްވެސް ލިމިޓެއް ނެތް. ދުވަހަކުވެސް އެކަން ހަނދާން ނައްތާނުލާތި،" ޒުވާނުންނަށް ދޭ މެސެޖެއްގެ ގޮތުގައި އައިޒެކް ބުންޏެވެ.
"ހާޑް ވޯކް ބީޓް ދަ ޓެލެންޓްސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
03 November 2023
ރާއްޖޭގަ ނެތް ތިކަންކުރާ މޮޅު ބަޔަކު. މިތާގަ ގިނައީ ބޯ މީހުންނާ މަސްތުވާތަކެތި ވިއްކާ ޑީލަރުން... އެހެންވީމާ އިސްހާގު އެންމެ ރަނގަޅީ ރާއްޖެ ތަމްސީލުކުރަން. އިސްހާގަށް ކާމިޔާބު!
ފާތިމަ
03 November 2023
ކަތްދާދީ އަކީ ޚަދީޖާ އަށް ދިވެހިން ކިޔަމުން އަންނަ ނަމެއް
ާރާއްޖެ
03 November 2023
ރާއްޖެ ތަމްސީލުކުރަންވާނީ ރާއްޖޭގަ އުޅޭމީހުން.
ބާބޫ
03 November 2023
އައިޒަކަށް ކާމިޔާބު އެދެން.
ރިޔާޒު ރަށީދި
03 November 2023
އައިޒެކް އަކީ އިސަކް (އިސްހާގް) އަށް އިނގެރޭސީން ކިޔައި އުޅޭ ގޮތް. ފާތިމާ އަށް އަހަރެމެން ފާތުމަތު، އާއިޝާ އަށް އަހަރެމެން އައިސްތު ކިޔައި އުޅޭ ގޮތަށް.
ވަލުގޭ ހަކީމު
03 November 2023
ދެން ކަތްދާދީއަށް، ކިޔަނީ ކޭޑު؟