އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އިންޑިއާ ހިމެނޭހެން އަވަށްޓެރި ހުރިހާ ގައުމަކަށް ވެސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަނީ ދައުވަތު ދީފައި. -- ފޮޓޯ: މިހާރު
05 ނޮވެމްބަރ 2023 - 19:42
މި މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އަވަށްޓެރި ހުރިހާ ގައުމަކާއި ރާއްޖެއާ ގުޅުން އޮންނަ އެކި ގައުމުތަކުގެ ވެރިންނަށް ދައުވަތު ފޮނުވައިފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު "މިހާރު" އަށް ވިދާޅުވީ މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ ވެރިން ހިމެނޭ ގޮތަށް ބޭރުގެ އެކި ގައުމުތަކުގެ ވެރިންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
ދައުވަތު ފޮނުވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން ފިރްޒުލް ވިދާޅުވީ ދައުވަތު ފޮނުވަނީ ގައުމަށް ކަމަށާއި އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައީ ރާއްޖެއާ އަވަށްޓެރި ހުރިހާ ގައުމަކަށް އަދި ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ހުރިހާ ގައުމެއްގެ ލިސްޓު ވަރަށް ދިގު ކަމަށާއި އެ ހުރިހާ ގައުމަކަށް ދައުވަތު ފޮނުވާނެ ކަމަށް. އެ އުސޫލުން ދައުވަތު ފޮނުވާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
"މި ދައުވަތަކީ ގައުމަށް ދޭ ދައުވަތެއް، ގައުމުގެ ވަކި ބޭފުޅަކަށް ދޭ ދައުވަތެއް ނޫން. ހާއްސަކޮށް އެެ ގައުމެއްގެ ވެރިންގެ ގޮތުގައި، އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން މިސާލަކަށް ރައީސެއް ނުވަތަ ބޮޑުވަޒީރެއް ގޮތަށް ހުންނަ ހާލަތް އަންނާތީ ގައުމަށް ދައުވަތު ފޮނުވީ."
އިންޑިއާގެ ވެރިންނަށް ދައުވަތު ދިނުން މީޑިއާގައި ފާހަގަކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށާއި އެ މީހުން ފޮނުވާލާނެ ކަމަށް މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި ވައުދުވެ ވަޑައިގަތުމާއި އިދިކޮޅުން އިންޑިއާއާ ދެކޮޅަށް ކުރި ކެމްޕެއިނާ ހެދި އެވެ.
މުއިއްޒު އިންތިހާބުވެ ވަޑައިގަތް ފަހުން ވެސް ވަނީ ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން އިންޑިއާއާ އެކު މަސައްކަތްކޮށް، އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށާއި އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވަކި ގައުމަކަށް ބަރޯސާނުވެ، ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން އަންނަނީ ހަމަޖައްސަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްސަލް ސައީދު
06 November 2023
މުއިއްޒު ގެ އުސޫލުތަކަށް ތާއީދު ކުރެވެން ފަށައިފި
ބާސިތް
06 November 2023
ދުނިޔޭގެ އެއްވެސް ގައުމަކާ ދެކޮޅު ވެގެން ނުވާނެ. ކުރިޔަށް ދާންވާނީ އެކުގަ. މަރުހަބާ
މުއާ މުހައްމަދު
06 November 2023
މުއިއްޒު އަށް ތާއިދު ނުކުރަން. އެކަމަކު މިއީ ރަނގަޅު ނިންމުމެއް
އިސްމާއިލް އުޝްމް
06 November 2023
ގައުމަށް ހަމަޖެހުން އަންނާނީ މިހެން. އެވަރު އިނގޭ
ޢައްފާން ނުބަހާ
06 November 2023
މިހެންވެ ބުނަނީ މުއިއްޒް ތަފާތޭ
ސަނީހް
06 November 2023
ރަނގަޅި ނިންމުމެއް.
މުހައްމަދު ޒުނައިރު
06 November 2023
ގުޑް ޑިޒިޝަން. ވީ ޝުޑް ހޭވް އަ ގުޑް ރިލޭޝަން ވިތް އެވްރިވަން.
ހަމަދު ސާލިމް
06 November 2023
ކޮބާ ހީވޭ ކަމެއްހެން. ބަޔަކު ބުނި މުއިޒް ވާނީ ޕްރޯ ޗައިނާ މީހަކަށޭ. އެހެންނެއް ނޫން މިވަނީ. މާ ތަފާތު
މުހައްމަދު ފައްތާހް
06 November 2023
ޑިޕްލޮމެސީ ވަރަށް ރަނގަޅަށް ބޭނުން ކުރަމުން ތިދަނީ، ސާބަހޭ މުއިޒް
ފާތުމަތް މުހައްމަދު
06 November 2023
ހުރިހާ ގައުމަކާވެސް ގުޅުން ބާއްވަން ވާނެ. އެކަން ކުރާތީ މުއިޒްއަށް ޝުކުރުވެރިވަން