ކުޅިވަރު / އޭއެފްސީ ކަޕް

ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާއާ ކުޅެން ފަސޭހައެއް ނުވާނެ: ލޮބޭރާ

އޮޑީޝާގެ ހެޑް ކޯޗު ސާޖިއޯ ލޮބޭރާ: އޭނާ ބުނީ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ދެން ހަ ލަނޑު ނުޖެހޭނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

07 ނޮވެމްބަރ 2023 - 10:57

ކުރިން މެޗުގައި، މާޒިޔާ ކޮޅަށް ހަ ލަނޑު ޖެހުނަސް މިއަދު ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށް އޮޑީޝާ އެފްސީގެ ކޯޗު ސާޖިއޯ ލޮބޭރާ ބުނެފި އެވެ.

އިންޑިއާގެ އައި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އޮޑީޝާ އާއި މާޒިޔާ، އިންޑިއާގެ ބުނަބޭޝްވަރުގައި މިދިޔަ މަހު 24 ގައި ކުޅުނު މެޗުން އޮޑީޝާ މޮޅުވީ 6-1 ންނެވެ.

ލޮބޭރާ ބުނީ، މާޒިޔާ ކޮޅަށް މިފަހަރު ހަ ލަނޑު އޭނާގެ ޓީމަށް ނުޖެހޭނެ ކަމަށެވެ.

"އެ މެޗުން އަހަރެމެން 6-1 ން މޮޅުވިޔަސް މާޒިޔާއިން ވަރަށް ރަނގަޅަށް ކުޅުނު. އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަން އަހަރެމެންނަށް އެނގޭ. މެޗު ފަސޭހަކޮށް ނުނަގާނަން،" ކުރިން ގޯއާ އެފްސީ އަށް ވެސް ކޯޗުކޮށް ދިން ލޮބޭރާ ބުންޏެވެ.

އިންޑިއާގެ ފުޓްބޯޅައިގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރި ލޮބޭރާ ބުނީ މިދިޔަ 15 ވަރަކަށް ދުވަސްތެރޭ އޭނާގެ ޓީމުން ފަސް މެޗު ކުޅުނު ކަމަށެވެ. އެއީ 15 ދުވަހާ ބަލާފައި ގިނަ އަދަދެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ލޮބޭރާ އާއި އޮޑީޝާގެ ފޯވާޑް އިސާކް ވަންލާލްރުއަތުފެލާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާއިން އެންމެ ފަހުން އޮޑީޝާއާ ދެކޮޅަށް ކުޅުނު ފަހުން އެ ޓީމުން ވާދަވެރި އެއް ވެސް މެޗެއް ނުކުޅެ އެވެ.

ލޮބޭރާ ބުނީ މާ ގިނަ ދުވަހު ނުކުޅެ ތިބުމަކީ ބައެއް ފަހަރު ޑިސް އެޑްވާންޓޭޖެއް ކަމަށެވެ. ކުރު މުއްދަތެއްގައި އެހާ ގިނަ މެޗު ކުޅުމަށް ފަހު ގައުމުން ބޭރުގައި ކުޅޭ މެޗުތަކާ ކުރިމަތިލުމަކީ ވެސް ޑިސް އެޑްވާންޓޭޖަކަށް ވާ ކަމަށެވެ.

"އަހަރެމެންގެ ޝެޑިއުލް ފުދޭވަރަކަށް ބާރު ބޮޑުކޮށް މިދަނީ. 15 ދުވަހުގެ ތެރޭގައި ފަސް މެޗު މި ކުޅެނީ. ތަންކޮޅެއް ބުރަ ކަމެއް ކަމުގައިވިޔަސް މި ހާލަތަށް ހޭނެންވެސް ޖެހޭ. އަހަރެމެންގެ ތައްޔާރީތައް ފަރުވާތެރިކަމާ އެކު ގެންދަން ޖެހޭނެ. އަހަރެމެންގެ އެންމެ މުހިންމު ކަމަކީ ކުޅުންތެރިން ރިކާވާވުމަށް ވަގުތު ލިބޭނެ ބެލެންސެއް ހޯދުން. ހާއްސަކޮށް ދިގު ދަތުރު ކުރަން ޖެހޭ މެޗުތަކަށް ދާއިރު އެކަމަށް ސަމާލުކަން އިތުރަށް ސަމާލުވާން ޖެހޭނެ،" ލޮބޭރާ ބުންޏެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންގައި ބައިވެރިވި، އޮޑީޝާގެ ފޯވާޑް އިސާކް ވަންލާލްރުއަތުފެލާ ބުނީ އޭއެފްސީ ކަޕަކީ އޭނާ އަށް ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ. މިއީ 22 އަހަރުގެ ވިންގާ އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

އިސާކް ވަންލާލްރުއަތުފެލާ: މިއީ އޭއެފްސީ ކަޕްގައި އޭނާ ކުޅޭ ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މީއީ ފާހަގަކޮށްލެވޭ ފުރުސަތެއް ކަމަށް އަހަރެން ދެކެން. މީގެ އިތުރުން ހުނަރުވެރި ޓީމަކާއި ފާހަގަކޮށްލެވޭ ކޯޗަކު އަހަރެންގެ ފަހަތުގައި ތިބުމަކީ އަހަރެން ނަސީބު." އިސާކް ބުންޏެވެ.

"މި ތަޖުރިބާއަކީ އަހަންނަށް ވަރަށް ބޮޑު އެއްޗއް. މާދަމާ [މިއަދު] ރަށުން ބޭރުގައި ކުޅޭ މެޗަކީ ވަރަށް ހާއްސަ ފުރުސަތެއް ކަމަށް ދެކޭތީ، އަހަންނަށް ވީ އެންމެ ބުރަކޮށް މަސައްކަތް ކުރާނަން. އަހަރެމެންގެ ސަމާލުކަން މުޅިން ވެސް ހާއްސަ ކުރަނީ ކުރިއަށް އޮތް މެޗަށް އަދި މެޗުތަކަށް."

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗު ފަށާނީ މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454