09 ނޮވެމްބަރ 2023 - 05:48
ބޮލީވުޑްގެ ތަރި، ވިކީ ކޯޝަލް ސިފައިންގެ އިސްވެރިއެއްގެ ރޯލު ކުޅޭ ބަޔޮޕިކް ފިލްމު "ސާމް ބަހާދުރް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
"ސާމް ބަހާދުރް" އަކީ އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ އިސްވެރިޔާ ސާމް މަނެކްޝޯގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ސާމް އަކީ 1971 ވަނަ އަހަރު އިންޑޯ-ޕާކިސްތާން ހަނގުރާމައިގެ ދުވަސްވަރު އިންޑިއާގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔަކަށް ހުންނެވި ބޭފުޅާ އެވެ.
މި ފިލްމުގައި ސާމް މަނެކްޝޯގެ ރޯލު ކުޅެނީ ވިކީ އެވެ.
މިއީ "ރާޒީ" އާއި "ޗަޕާކް" ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ މޭގްނާ ގުލްޒާރު ޑައިރެކްޓުކުރާ ފިލްމެކެވެ.
ވިކީއާ އެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ފެންނާނީ ފާތިމާ ސަނާ ޝައިހް އާއި ސާންޔާ މަލްހޯތުރާ އެވެ. ސަނާ ކުޅެނީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ އަންނަ މަހު އެކެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy