12 ނޮވެމްބަރ 2023 - 13:21
ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާއި، ޣައްޒާ ހިސާރުކޮށްގެން އޮތް އިޒްރޭލު، އެއް ތަރާދަކުން ކިރައި ހަމަހަމަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި، ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓްގައި ވާހަކަ ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ އިޒްރޭލަކީ ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށްގެން އޮތް އިސްތިއުމާރީ ދައުލަތެއް ކަމަށެވެ. އަދި ހަމާސް ޖަމާއަތަކީ އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީނުގެ ބިންތައް މިނިވަންކުރަން މަސައްކަތް ކުރާ ޖަމާއަތެއް ކަމަށެވެ.
އެހެންކަމުން އިޒްރޭލުގެ ސިފައިން ހިންގާ ލާއިންސާނީ އިސްތިއުމާރީ އަމަލުތަކާއި، މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ހިންގާ އަމަލުތައް، އެ މިންގަނޑަކުން ނުކިރޭނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
"ފަލަސްތީނުގައި އިޒްރޭލު ސިފައިން ހިންގާ ޖަރީމާތަކާ މެދު، ހުޅަނގުގެ ގައުމުތައް އެއްޗެއް ނުބުނެ ހަނު އޮތުމަކީ އެ ގައުމުތަކަށް ވެސް ބޮޑު ހުތުރެއް. އެ އަނިޔާވެރިކަމާ މެދު އެއްޗެއް ނުބުނެ ހަނު އޮތުމަކީ ވެސް، ކުށެއް ނެތް މަދަނީންގެ ލޭ އޮހޮރުވުމުގައި، އެ އަނިޔާވެރިންނާ އެއް މިންވަރަކަށް ބައިވެރިވުން،" އުރުދުޣާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން މިހާރު ހިންގަމުންދާ، އަނިޔާވެރި ލާއިންސާނީ އަމަލުތަކަކީ މީގެ ކުރިން އިންސާނީ ތާރީޚު ދެކެފައި ނުވާ ފަދަ އަނިޔާވެރި އަމަލުތަކެކެވެ. ހޮސްޕިޓަލުތަކާއި މަދަރުސާތަކާއި ރެފިއުޖީންގެ ފޭލިގެތަކާއި މިސްކިތްތަކާއި ފައްޅިތަކާއި އެމްބިއުލާންސްތަކަށް ހަމަލާ ދީ، ހަނގުރާމަ ހިނގާ ސަރަހައްދު ދޫކޮށް ރައްކާތެރިކަމެއް ހޯދަން ދާ އާންމުންނަށް ހަމަލާ ދިނުމުގައި، މިހާރު ހިނގަމުން ދަނީ، މީގެ ކުރިން ނުފެންނަ ވަރުގެ އަނިޔާވެރި އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ކުރިމަތިވި ހާދިސާއަށް އިޒްރޭލުން ބަދަލު ހިފަނީ، ޣައްޒާގައި އުފަންވާ ތުއްތު ކުދިންނާއި ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމުންގެ ކިބައިންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށް އެންމެން ވެސް ދެކޮޅު ހަދާ ކަމަށާއި ނަމަވެސް އެކަމަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 37 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 27800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3020 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 185 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 210 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
13 November 2023
ޖަމަލު ފޮޑިއެއް. އިސްރޭލަށް ގެންދާ ތެޔޮ ހުއްޓުވާލަބަލަ އަނގަ ފޮނި ނުކަނޑާ!
ސަލީމު އިދުރީސް
13 November 2023
މީއީ މުއީޒު ކަހަލަ ވެރިޔެއް މިބުނީ ކަމަކުން ވާފައިދާޔައް ވުރެ މީހުންގެ ތާއީދު ހޯދަން ވާހަކަދައްކާ ބަހާއަމަލާ ދިމާނުވާ ވެރިޔެކޭ
ގެދާނޯމޮސް
12 November 2023
ﷲ އީ އެންމެ ޙިކުމަތްތެރި ރަސްކަނލާންގެއެވެ. އެކަލާނގެ އިރާދަފުޅުން މި ހަރުކަށި ވެރިން އެވަނީ އެއްބައި ކުރުވާފައެވެ.
ރޯނުއެދުރު.
13 November 2023
އެމީހުން އެއްތަންވާނީ ފޮޓޯނަގަން. ދެން ސެލްފީ ނަގާފަ މަޖާކޮށް ކައިގެން ގައުމަށްދާނީ. ވާކަމެއް ހަރާމް. މިގޮތަށް ރައްޔިތުން މަޖިލިހުގައި ވެސް ހުރިހާ ޕާޓީއެއްގެ ހުރިހާ މެމްބަރުން އެއްތަންވޭ. ދެން އެތާކުރާކަންތައް ވެސް އެނގޭނެ ދޯ ނުބުންޏަސް.
ނުރަބޯ
12 November 2023
އެއް ތަރާދަކުން އަޅާ ކިރޭތީ ނޫންތޯ އިސްރާއީލުން ފަލަސްތީން މީހުންނަށް އަނިޔާ ކޮށްކޮށް ތިއްބާ ކުއްލިއަކަށް ތުރުކީ އިން އިޒްރޭލް އާއި ސިޔާސީ ގުޅުން ގާއިމްކުރީ……؟
ކިރުސައި.
12 November 2023
“ އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށް އެންމެން ވެސް ދެކޮޅު ހަދާ ކަމަށާއި “ މިއީ އަނެއްކާ އަނެއްކަންތައް. މީނަގެ ވާހަކއަށްވުރެ އދ ގެ ސެކެޓަރ ޖެނެރަލް ގުޓުރަސް ވިދާޅުވި ވާހަކަ ވެސް މާރަނގަޅު. ގުޓުރަސް ވިދާޅުވީ ހަމާސް ކުއްލިއަކަށް އޮވެފަ ހަމަލަދިނީއެއް ނޫނޭ. އިޒްރޭލުގެ އަނިއާވެރިކަން ލައްކަދުވަހު އެމީހުން ތަހައްމަލުކުރިއޭ. ދުނިޔެއިން އެމީހުނާ އަޅާނުލީމައޭ މިހެންވީ. ދެން ނޭނގެ ސައުދީ ބުރޯ ބުނާނެ އެއްޗެއް.