ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ފަސް މިލިއަނަށް ވުރެން ބޮޑު ނަމަ ބީލަން ހުށަހަޅަން ދެން ޖެހޭނީ ބީލަން ޕޯޓަލްއަށް. -- ފޮޓޯ | މިހާރު
13 ނޮވެމްބަރ 2023 - 15:52
އާންމު ބަޖެޓުން އިއުލާންކުރާ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޕްރޮޖެކްޓްތަކުގެ ބިޑު، ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން 2021 ވަނަ އަހަރު ލޯންޗްކުރި "ބީލަން ޕޯޓަލް" މެދުވެރިކޮށް ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ހުރިހާ ޕްރޮކިއުމެންޓެއް ކުރިއަށް ގެންދެވޭނެހެން މިހާރު ޕޯޓަލް ޑިޒައިން ކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ބަޖެޓުގެ ތެރެއިން ކުރާ ހަރަދުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ބީލަމެއް ނަމަ، އެ ބީލަން ޕްރޮސެސް ކުރަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން 2021 ވަނަ އަހަރު ތައާރަފް ކުރި މި ޕޯޓަލުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އެހެން ގައުމުތަކުގެ ކޮންޓްރެކްޓަރުންނަށް ވެސް ބިޑް ހުށަހެޅޭނެ އެވެ. އަދި ފައިސާ ހޯދަން ހުށަހަޅާ ބިލްތައް މި ޕޯޓަލްގައި ޓްރެކް ވެސް ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy