ނެޓްފްލިކްސް އިން ގެނެސްދިން އިންޑިއާގެ ސީރީޒް "ކާލާ ޕާނީ"ގައި މުހިންމު ރޯލެއް ކުޅުނު މޯނާ ސިންގް.
14 ނޮވެމްބަރ 2023 - 07:40
ނެޓްފްލިކްސް އިން މިދިޔަ މަހު ގެނެސްދިން އިންޑިއާގެ ސީރީޒް "ކާލާ ޕާނީ"އަށް ލިބުނު ތަރުހީބު ބޮޑުވުމުން ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައިފި އެވެ.
"ކާލާ ޕާނީ"ގެ ދެވަނަ ސީޒަނެއް ގެނެސްދޭކަން ނެޓްފްލިކްސް އިން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.
ނެޓްފްލިކްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މިދިޔަ މަހު 18 ގައި ސްޓްރީމް ކުރަން ފެށި އެ ސީރީޒަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބި، ހަފުތާއެއް ނުވަނީސް 11 ގައުމެއްގެ އެންމެ މަގުބޫލު ސީރީޒްތަކުގެ ތެރޭގައި "ކާލާ ޕާނީ" ހިމެނުނެވެ.
"ކާލާ ޕާނީ"ގެ އުފެއްދުންތެރިން ބުނީ ފުރަތަމަ ސީޒަން ނިންމާލި ހިސާބުން ފަށައި، އެ ސީޒަންގައި ޖަވާބު ނުލިބި ހުރި އެތައް ކަމެއް ދެވަނަ ސީޒަންގައި ގެނެސްދޭނެ ކަމަށެވެ.
އެ ސީރީޒްގައި ދައްކަނީ ބަންގާޅު ކަނޑުގައި އިންޑިއާގެ މެއިންލޭންޑާ ވަރަށް ދުރުގައި ވަކިން އޮންނަ އެ ގައުމުގެ ރަށްތަކެއް ކަމަށްވާ އެންޑަމަން އައިލެންޑްސްގައި ބޯފެނުން ޖެހޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރި، ބޮޑު ބަލިމަޑުކަމަކަށް ބަދަލުވުމުން ސަލާމަތްވާން މީހުން ކުރާ މަސައްކަތެވެ.
"ކާލާ ޕާނީ"ގެ ފުރަތަމަ ސީޒަންގައި މުހިންމު ރޯލުތައް ކުޅުނީ މޯނާ ސިންގް، އަޝުތޯޝް ގޯވާރިކާ، އަމޭ ވާގް، ސުކާންތު ގޯއެލް، ވިކާސް ކުމާރު، އަރޫޝީ ޝަރްމާ، ރާދިކާ މެހްރޮތުރާ، ޗިންމޭ މަންޑޭލްކަރު އަދި ޕޫރްނިމާ އިންދުރާޖިތު އެވެ.
ސަމީރު ސަކްސޭނާ އާއި އަމިތު ގޮލާނީ ޑައިރެކްޓްކުރި އެ ސީރީޒްގެ ސްކްރިޕްޓް ލިޔުނީ ބިސްވާޕަތީ ސަރްކާރު، އަމިތު ގޮލާނީ، ސަންދީޕް ސާކެތު އަދި ނިމިޝާ މިސްރާ އެވެ. އެ ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ސަމީރު ސަކްސޭނާ އެވެ.
އާ ސީޒަން ގެނެސްދޭނީ އަންނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy