ވެލެންސިއާ އާއި ގްރީން ލީގުގައި ކުޅުނު މެޗުއްގެތެރެއިން: ލީގުގެ ބާކީބައިގައި ވާދަ ނުކުރަން އެ ދެ ކްލަބުން ވަނީ ނިންމައިފަ --- ފޮޓޯ: އެފްއޭއެމް
15 ނޮވެމްބަރ 2023 - 12:21
ފައިސާގެ މައްސަލަތަކާ ހެދި ވެލެންސިއާ އާއި ދިވެހި ޕްރިމިއާ ލީގުން ވަކިވެއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އަދި ރާއްޖޭގެ ފުޓްބޯޅައިގައި ކާމިޔާބު އެއް ކްލަބް، ވެލެންސިއާ އިން ލީގުން ވަކިވާން ނިންމިކަން، އެފްއޭއެމް އަށް ވެސް ލިޔުމުން އަންގި އެވެ.
ފައިސާގެ މައްސަލަތައް ކުރިމަތިވެފައިވާ އަނެއް ކްލަބަކީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމުން ލީގުން ވަކިވާން، އެފްއޭއެމް އަށް ސިޓީ ފޮނުވާފައެއް ނެތެވެ.
ގާތްގަނޑަކަށް 80 ދުވަހަށްފަހު މާދަމާ އަލުން ފަށާ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް މިއަދު ވަނީ އާންމުކޮށްފަ އެވެ. ޝެޑިއުލްގައި ވެލެންސިއާގެ މެޗުތަކެއް ނެތެވ. އެކަމަކު ގްރީންގެ މެޗުތައް ޝެޑިއުލްކޮށްފައި ވެއެވެ. އޭގައި ގޮތުން ގްރީންގެ މެޗު އަންނަ ހޯމަ ދުވަހު ހަވީރު ބުރު ސްޕޯޓްސްއާ ދެކޮޅަށް އޮންނާނެ އެވެ.
އެކަމަކު އެ ޓީމުގެ އޮފިޝަލަކު ބުނީ، ސަރުކާރުން ކްލަބްތަކަށް ފައިސާ ދިނުމުގައި ތަފާތު ކުރުން ގެންގުޅޭތީ ލީގުގެ ބާކީ އޮތްބައިގައި އެ ޓީމުން ނުކުޅޭނެ ކަމަށެވެ.
"ސިޓީ ފޮނުވި ކަމެއް ނޭނގެ. އެކަމަކު ހަމަ ގައިމުވެސް ގްރީން ލީގުގައި ނުކުޅޭނެ. ކަލްބްތަކަށް ސަރުކާރުން ފައިސާދިން އިރު ވަކި ކްލަބްތަކަށް ހަމައަށް ދީފައި އެހެން ކްލަބްތަކަށް ތަފާތުކޮށް ދިނީމަ ނުކުޅެން ނިންމީ،" ގްރީންގެ އޮފިޝަލް ބުންޏެވެ.
ސްޕޯޓްސް މިނިސްޓްރީން ހަމަ އަށް އެ ފައިސާ ދިނީ، މާޒިޔާ އާއި އީގަލްސް، ސުޕަ ޔުނައިޓެޑް ސްޕޯޓް އަދި ބުރު ސްޕޯޓްސް ކްލަބަށެވެ.
ވެލެންސިއާ އާއި ގްރީންގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އަށް ލިބުނީ އެއް މިލިއަން ރުފިޔާގެތެރެއިން، ކޮންމެ ކްލަބަކަށް 250،000 ރުފިޔާ އެވެ.
ވެލެންސިއާގައި ކުޅުންތެރިން މަދުވެފައި، އަދި ކުޅެން ތިބި ގިނަ ކުޅުންތެރިންނަކީ ސްކޫލް ކުދިންނަށް ވުމާ އެކު، ސްކޫލްގެ ޓެސްޓް ދުވަސްވަރާ ދިމާވުމުން މެޗު ކުޅެވެން ނެތް ކަމަށް އެ ކްލަބުން އަންގާފައިވާ ކަމަށް އެފްއޭޢެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑީއާ ގުރޫޕަށް ފޮނުއްވި މެސެޖްގައި ވިދާޅުވި އެވެ.
އެކަމަކު ވެލެންސިއާ އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބަލައި ކަމާ ގުޅުން ހުރި ކޮމިޓީ އަށް އެ މައްސަލަ ފޮނުވާނެ ކަމަށް ވެސް ޖަވާޒު ވިދަޅުވި އެވެ.
ވެލެންސިއާ އާއި ގްރީން އަށް ވެސް ފިފާ އިން ވަނީ ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތިކޮށްފަ އެވެ. އެއީ އެ ބިދޭސީ ކުޅުންތެރިތެރިޔަކަށް މުސާރަ ނުދިނުމުގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެކަރޯން
16 November 2023
ވެލެންސިޔާގެ ނަމަށްވެސް ހުތުރު އަރުވައިފި. ކްލަބްގެ އެކައުންޓެއް ނޯވޭ. ފެސްކޯ ޓީވީއަށް އަރާފާ ބުނަނީ ތިމަންނާމެން ޅަކުދިންނަށް ފުރުސަތު ދެނިއްޔޯ. މިހާރު މިއެގެނީ ފީފާގެ އަދަބެއްގެ ދަށުން ކުޅުންތެެރިން ނުޖެހޭތީ އެކެޑަމީ ކުދިންކޮޅު ލައްވާ ކުޅުވަނީކަން. މިހާރު އެބުނަނީ ލީގުގަ ނުކުޅެވޭނޭ ފައިސާއެއްނެތޭ. ކްލަބްގެ ވެރިޔަކަށް ލައިފްޓައިމް އެވޯޑްވެސް ލިބިއްޖެ.ހިންގަންތިބި އާއިލާގެ މީހުންނާ ކޯޗުން ދުރައްޖެހިލާ. ތިކްލަބް ހިންގާނެ ކިތަންމެ ބައެއް އެބަތިބި.
ގާބބެ
15 November 2023
މި ހާލަތަށް ފުޓްބޯޅަ އޮތް އިރުވެސް މާޒިޔާއިން އެބަލަނީ ލީގު ކުޅެގެން މެޑަލް ޖަހަން! އައްޗީ ޑި. ފުޓްބޯޅައަށް ވެސް ހުތުރު އަރުވަނީ !
އޮނަރަބްލް އަފީފު ދީދީ
15 November 2023
ޤަދީމީ ޒަމާނުގައި ގެންގުޅުނު ބޯދާ ވިސްނުން ބަދަލުނުކޮށް އެކާވީސް ވަނަ ޤަރުނުގައިވެސް އެ ވިސްނުމާއި ފިކުރަށް މަސައްކަތް ކުރާން އުޅޭތީ ތިހުރިހާ މައްސަލަތަކެއް ނިކުންނަނީ. # ދިވެހި ފުޓްބޯޅަ ޖަމީއްޔާ އާއި ރާއްޖޭގެ ފުޓްބޯޅަ ލީގަކީ ކ.އަތޮޅު މާލޭގެ ޤަބީލާ ތަކަށް ނުވަތަ އެރަށު ކަންމަތީ ޤުރޫޕްތަކަށް ޙާއްސަވެގެންވާ ތަނެއް ނުވަތަ ލީގެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެސޯސިއޭޝަނާއި ލީޤުގައި މުޅި ރާއްޖެ ތަމްސީލު ވާނެގޮތަކަށް ކަންކަން އިންތިޒާމް ކުރަންޖެހޭ.
ނަރުސޮރު
06 December 2023
ގަދީމީ ޒަމާނުގައި ބޯލަދަޑަށް މީހުންވަދޭ. މިހާރު ނުވަދޭ. ކޮފީމޭޒުކައިރި ވަގުތުހޭދަކުރުން މުހިއްމު ބޯޅަބަލަން ދިޔުމަށްވުރެ. ރާއްޖެއަކީ ފުޓްބޯޅައަށް ލޯބިކުރާބަޔެއް ކަމަށް އަޑުއަރާފައޮންނަނީ ނަމަކަށް. ޔޫރޯއައިމާ މަގުބަންދުކޮށް ބޮޑުސްކްރީނުގައި މެޗްބަލަން ކޮފީއާއި ސިގިރެޓްގައި ތިބީމާ އެނިމުނީ.
ސަސި.
15 November 2023
ސާބަހޭ ބައްސާމު، ޝުކުރިއްޔާ މަަހްލޫފު، މާޒިޔާއަށް ލީގު ޗެމްޕިއަންކަން ދީފަ ނިންމާލާ
ސަމްތިންގ
15 November 2023
ތިއޮތީ ބައެއް ކުލަބުތަކުން ބޯން އުޅުނު ހިތިބޭސް ބޮވިފަ. ދެން ހިތިކަން ފިލަން ދުވަސްކޮޅެއް ނަގާނެ
މަރިޔަން ސައީދަ
15 November 2023
ދެން ކެއްކޮށްލާނީއޭދޯ.