ވެލެންސިއާ އިން ބުނީ ޕްރެޒިޑެންޓްސް ކަޕް 2022 ގައި އެ ކްލަބުން ހޯދުމުން ސަރުކާރުން އިނާމު ފައިސާ ނުދޭ ކަމަށް. އެކަމަކު 2023 ގައި މާޒިޔާ އިން ހޯދުމުން ސަރުކާރުން އެ ކްލަބަށް އިނާމު ފައިސާ ދިން ކަމަށް ވެލެންސިއާ އިން ތުހުމަތު ކުރޭ
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް، އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއް ބައްލަވަން ވަޑައިގެން ގަލޮޅު ދަނޑުގައި: ވެލެންސިއާ އަށް އިނާމު ފައިސާ ނުދީ މާޒިޔާއާ ޖެހުމުން މިނިސްޓްރީން ފައިސާގެ އިނާމު ދިން ކަމަށް، ވެލެންސިއާ އިން ތުހުމަތު ކުރޭ --- ފައިލް ފޮޓޯ: މާޒިޔާ
15 ނޮވެމްބަރ 2023 - 13:42
ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ ހޯދުމުން، ފައިސާގެ އިނާމު އެ ކްލަބަށް ނުދީ، މާޒިޔާ ހޯދުމުން ސަރުކާރުން އެ ކްލަބަށް އިނާމު ފައިސާ ދިން ކަމަށް ވެލެންސިއާ އިން ތުހުމަތުކޮށްފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ސަރުކާރުން 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ކުރިން ދެމުން ދިޔަ އެވެ.
މިހާރު ނިމެމުން މިދާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، އެފްއޭއެމުން ޕްރެޒިޑެންޓްސް ކަޕް ބޭއްވީ މިދިޔަ އަހަރާއި މި އަހަރު އެކަންޏެވެ. މިދިޔަ އަހަރު ރ. އަލިފުށީގައި ފައިނަލް މެޗު ކުޅެ ވެލެންސިއާ އިން ތަށި ގެންދިޔައީ މާޒިޔާ ބަލި ކުރުމަށް ފަހު އެވެ.
އެފަހަރު މުބާރާތް ވެލެންސިއާ ކާމިޔާބު ކުރުމުން އެ ކްލަބަށް ފައިސާގެ އިނާމެއް ނުދެ އެވެ. ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް އޭރު ބުނީ ޕްރެޒިޑެންޓްސް ކަޕް ހޯދާ ޓީމަށް ފައިސާ އިނާމު ނުދޭން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މާޒިޔާގެ ވެރިންނާ އެކު މަހަލޫފް ބައްދަލުވުމެއްގައި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ވެލެންސިއާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިދިޔަ އަހަރު އެ ކްލަބުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމުން ސަރުކާރުން އިނާމު ފައިސާ އެ ކްލަބަށް ނުދިން ކަމަށެވެ. އެކަމަކު މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާ އިން ހޯދުމުން މާޒިޔާ އަށް ފައިސާގެ އިނާމު ސަރުކާރުން ދީފައިވާ ކަމަށް ވެލެންސިއާ އިން ތުހުމަތު ކުރެ އެވެ.
"އެކަމާ ގުޅިގެން (ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާ ނުދީގެން) މި ކްލަބުން ފޮނުވި އެއް ވެސް ސިޓީ އަކަށް [ސްޕޯޓްސް] މިނިސްޓްރީން ޖަވާބު ދީފައެއް ނުވެ އެވެ.،" ވެލެންސިއާގެ ބަޔާނުގައި ވެއެވެ.
"ނަމަވެސް 2023 ގެ ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ޗެމްޕިއަންކަން ހޯދި ޓީމަށް [މާޒިޔާ އަށް] އިތުރު ފައިސާއާ އެކު އެއް މިލިއަން ރުފިޔާ މިނިސްޓްރީން ދީފައި ވެއެވެ. މިހެންވެ ކްލަބްތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭކަމަށް މި ކްލަބަށް އެ މިނިސްޓްރީން ފޮނުވި ސިޓީން ވެސް ވަނީ ކަށަވަރުވެފަ އެވެ."
މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމަށް، ފައިސާގެ އިނާމެއް ދީފައި ވޭތޯ އާއި ދިންނަމަ އެއީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ހާމަކުރުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު ނަމަވެސް މައުލޫމާތުދޭން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަ އިރު ވެސް ސްޕޯޓްސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެ އެވެ.
ޕްރެޒިޑެންޓް ކަޕް ހޯދުމުން މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި އެއް ވެސް ފައިސާއެއް ލިބިފައިވޭތޯ، އެ ކްލަބްގެ އޮފިޝަލެއްގެ ގާތުގައި އެހުމުން، އޭނާ ބުނީ މި ވަގުތު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
"ޖޭހޭނީ ބަލާލަން. މިހެން އިނދެފަ ބުނާކަށް ނޭނގެ،" މާޒިޔާގެ އޮފިޝަލް ބުންޏެވެ.
މާޒިޔާ އިން ކުޅުނު އެގްޒިބިޝަން މެޗެއްގައި މަހްލޫފް (ކ) އެ ޓީމުގެ ޖޯޒީ ލައިގެން --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޔޫތު މިނިސްޓްރީގެ އޮފިޝަލް ވެސް ބުނީ "ޗެކްކޮށްލާފައި ޖަވާބެއް ދޭނެ" ކަމަށެވެ.
ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް، އެއް މިލިއަން ރުފިޔާ ސަރުކާރުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވީ ވައުދު ފުއްދުމުގައި މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކޮށްފައިވާ ކަމަށް ވެސް ވެލެންސިއާގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ވަނީ، މާޒިޔާ، އީގަލްސް ސަސް އަދި ބުރު ސްޕޯޓްސް އަށް ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދީފަ އެވެ. އެކަމަކު ވެލެންސިއާ، ޓީސީ، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އަށް މިނިސްޓްރީން ދިނީ ކޮންމެ ކްލަބަކަށް 250،000 ރުފިޔާ އެވެ.
ފައިސާގެ މައްސަލަތާކާ ހެދި ވެލެންސިއާ އިން ވަނީ ދިވެހި ޕްރިމިއާ ލީގުން ވަކި ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވާ
16 November 2023
މި އެންމެންވެސް ތިބެނީ މާޒިޔާ ދަށުވެފައި!
ތުނޑުހަސަނު
15 November 2023
ބައްސާމުގެ ވާހަކަ އެކަނި ޖައްސައިގެން ފަރުޖެއްސޭކަށް ނެތް. މަޙްލޫފުވެސް މިއޮތީ ބައްސާމުގެ ފޮތުން ފިލާވަޅު ދަސްކޮށްފައި.
ނަސިންޓޭ
15 November 2023
ލާރި ދިނަސް ނުދިނަސް ވާކަމެއް ހަރާމް ، ކުޅުންތެރިންނަށް ދެނީކީ ނޫން. ބައްސާމުގެ އަމިއްލަ ކަންކަމުގަ ބޭނުން ކުރަނީ! ސަވީދުއަށް ބައި އަޅާގެން!
އަބްދުު
15 November 2023
ކޮންމެ ގޮތަކަށް ބެލިޔަސް މާޒިޔާއަކީ ދިވެހި ފުޓްބޯޅަ މިހާލަތައް ވައްޓާލުމުގެ އެއްބައިވެރިޔާ
48343
15 November 2023
ފުޓުބޯޅައަކީ ގުޅިގެންހިންގާ ޖަރީމާއެއް.
އަރަތް
16 November 2023
އަރުތަ ޕްރަގްރާމް އަކީ ވެސް މަހޭ އާއި އެސޯސިއޭޝަން ތަކުގެ މީހުންނާއި ގުޅިގެން ހިންގާ ބޮޑު ޖަރީމާ އެއް އަރުތައިގައި ސޮއެކުރާ ކުޅުން ތެރިން ނަށް ޚަރަދު ނުކޮށް ފައިސާ ކާލަކީ!