17 ނޮވެމްބަރ 2023 - 19:03
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްތިއުފާ ދެއްވަން ފައްޓަވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު މަގާމުގެ ހުވާ ކުރައްވައި، އެ މަނިކުފާނު ވަޒީރުންގެ މަޖިލީހުގެ 22 މެމްބަރުން މިރޭ ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތެއްގައި މަގާމުގެ ހުވާ ކުރައްވާނެ އެވެ.
ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން މިރޭ އާ ރައީސްގެ ކެބިނެޓަށް އައްޔަނުކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މީގެއިތުރުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީއެންސީ ތަމްސީލު ކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ދައުލަތުގެ އާ ބަންޑާރަ ނައިބުގެ މަގާމަށް އައްޔަނު ކުރައްވާނެ ކަމަށް ބެލެވޭ އިރު، އޭނާ ވަނީ މެމްބަރު ކަމުން އިސްތިއުފާ ދެއްވި ސިޓީ މަޖިލީހުގެ ރައީސަށް ފޮނުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުން މިއަދު އަޅުގަނޑު އިސްތިއުފާ ދީފިން.
— Ahmed Usham (@a_usham) November 17, 2023
ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު ކަމުގައި މިހޭދަވި މުއްދަތުގައި ދާއިރާގެ ރައްޔިތުން ބެހެއްޓެވި ގާތްކަމާއި އެކުވެރިކަމަށް އަދި ދެއްވި ތާއީދާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.… pic.twitter.com/iohSrfro2Z
އުޝާމްގެ އިތުރުން، އާދަމް ޝަރީފް ވެސް ވަނީ މެމްބަރުން ކަމުން އިސްތިއުފާ ދެއްވި ކަން މަޖިލީހުގެ ރައީސަށް އަންގަވައިފަ އެވެ.
އެ ފަސް ބޭފުޅުންގެ އިތުރުން، މިއަދު ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވެސް މީގެ ކުރިން ވަނީ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
މަޖިލީހުގައި މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާނީ އެންމެ ހަތަރު މެމްބަރުންނެވެ. ނަމަވެސް، އޭގެ ތެރެއިން، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، އާބަންކޯގެ އެމްޑީ ކަމަށް އައްޔަނުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އާ ސަރުކާރާ އެކު މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދެއްވި ނަމަވެސް، އެ ދާއިރާތަކުގެ ބައި-އިލެކްޝަނެއް ނޯންނާނެ އެވެ.
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑި އަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.
ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވާ ތާރީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ހަ މަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރާކަށް ނުޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ކުރީކޮޅު ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯޖޫ
19 November 2023
ޤާނޫނެއް ފާސްކޮއްގެން ނަމަވެސް މަޖިލުސް މެމްބަރުން ދައުރު މެދުތެރެއިން ވެރިކަން ބަދަލްވެ ކެބިނެޓަށް ނުނެގޭގޮތް ހަދަން އެބަޖެހޭ އެހެނީ ރައްޔިތުމީހާ ވޯޓްދެނީ 5 އަހަރުގެ ދައުރަކަށް ޕާޓީގެ ސިޔާސަތުގެ އިތުރުން މީހާއަށްވެސް އިތުބާރުކޮއްފަ
ބަޖެޓް
17 November 2023
އެކަމު މި އެންމެނަށްވެސް މެމްބަރުކަމުގެ އެލަވެންސް ލިބޭނެ ދޯ؟ މި ބުނީ މި މީހުން އެކަންޏެއްނޫން، ކުރީ ބުރުގެ އެއްކަލަ މަހޭމެން ގުރޫޕުވެސް ލައިގެން.
މަރީ މުޝްތާގު
17 November 2023
ނޫން. ނުލިބޭނެ. 5 އަހަރުގެ ދައުރެއް ހަމަކޮށް އުމުރުން 55 އަހަރު ވާން ޖެހޭ. ގާނޫނު ބުނާ ގޮތުން.
ބަންކީމޫނު
17 November 2023
އެހެންވީމާ ބައިމަހުގެ މުސާރަ ލިބޭނެ ދެއްތޯ.