ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ހަމްޕު އަށް ހަތަރު ގޯލު، ޔޫވީގައި ބަދަލު ކީޕަރެއް ނެތުމުން ގޯލަށް ކުޅުނީ ޑިފެންޑަރެއް

ޔޫވީގެ ކީޕަރު ފައިރޫޝް އަށް އަނިޔާވެގެން އަރާނެ ކީޕަރެއް ބެންޗުގައި ނެތުމުން ގޯލަށް އެރީ ވާތު ބެކް ފާރިޝް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

20 ނޮވެމްބަރ 2023 - 08:28

5 comments

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ 17 އަހަރުގެ ގޯލްކީޕަރު އިބްރާހިމް ފައިރޫޝް ފައިސަލް އަށް އަށް އަނިޔާވިއިރު، އޭނާގެ ބަދަލުގައި އަރުވާނެ ކީޕަރެއް ބެންޗުގައި ނެތުމުން އެެޓީމުގެ ޑިފެންޑަރަކަށް ގޯލަށް ކުޅެން ޖެހިއްޖެ އެވެ.

މާޒިޔާ އަތުން ޔޫވީ ރޭ ބަލިވީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި ސީޒަންގައި ވެސް ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އިން ހަ ގޯލު ޖަހާފައި ވާއިރު، ފަހު ހާފުގައި ފަސް ގޯލު ޖެހި އެވެ. ބިދޭސީ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް ފުރަތަމަ ހާފުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. އަދި މެޗުގެ ފަހު ބައި ގަޑިއިރަށް ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

ދެވަނަ ހާފު ފެށުނުތަނާހެން ޔޫވީގެ ކީޕަރު ފައިރޫޝް އަށް އަނިޔާވެގެން ދަނޑުމަތީގައި އޭނާ އަށް ވަނީ ފަރުވާ ދިނެވެ. މި ހާފުގެ ނުވަވަނަ މިނެޓުގައި މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ހުރަސް ކޮށްލި ބޯޅައެއް ކީޕަރު ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަށް ފަހު، އޭނާ އަށް މި ހާފުގައި ދެވަނަ ފަހަރަށް ފަރުވާ ދޭން ޖެހި އިތުރަށް ކުޅުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ހަމްޒާ އާއި ބަލަބަނޮވިޗް؛ ދެ ކުޅުންތެރިން ވެސް ވަނީ ހެޓްރިކް ހަދައިފަ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކީޕަރު ފައިރޫޝްގެ ބަދަލުގައި ޔޫވީގެ ގޯލަށް އެރީ ވާތްފަރާތުން ފަހަތަށް ކުޅުނު މުހައްމަދު ފާރިސް އެވެ. މި މެޗުގައި ވެސް ޔޫވީގެ ބެންޗުގައި ތިބި ހަތަރު އައުޓްފީލްޑް ކުޅުންތެރިންގެ ތެރޭގައި ކީޕަރެއް ނެތެވެ.

ކީޕަރު ފައިރޫޝްގެ ކަކުލަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިން އަދި ބުނެދޭން ނޭނގުނަސް، ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ހުރީ އަހުމަދު އަނަފް ޒަރިޔަންދު ދެން ކުޅޭ މެޗުގެ ކުރިން ޓީމާ ގުޅޭނެ ކަމުގެ އުންމީދުގަ އެވެ.

ގިނަ ބްރޭކްތަކެއް ނަގަން ޖެހި ލީގު ދިގުލައިގެން ދާ ދިއުމާ ގުޅިގެން ގިނަ ކްލަބްތަކަށް ކުޅުންތެރިންގެ ދަތިކަން ދިމާވެފައިވެ އެވެ.

އެކި އެކި ގޮތްގޮތުން ކުޅުންތެރިންގެ ދަތިކަން ދިމާވެގެން ބައެއް ކްލަބްތަކުން މެޗުތައް ދޫކުރުމާ ގުޅިގެން އެ ކްލަބްތަކަށް އެކި އަދަބުތައް ވެސް އައިސްފައި އެބަ ހުއްޓެވެ.

ޔޫވީގެ ޓީމުގައި މި ސީޒަންގައި ހަތަރު ކީޕަރުން ހިމެނެ އެވެ. އެންމެ ފުރަތަމަ އަލީ ނާޖިހު (ނާޖީ) ޔޫވީގެ ގޯލު ބެލެހެއްޓިއިރު، ލޯނު އުސޫލުން އޭނާ މާޒިޔާއަށް ބަދަލުވެފައި ވާތީ ދެން ގޯލު ބެލެހެއްޓީ 18 އަހަރުގެ މުހައްމަދު ޔާމީން އެވެ. އެންމެ ފަހުން ދެ މަހަށް ލީގު މެދުކަނޑާލައި އަލުން ލީގުގެ ކުޅުން ފެށި ފަހުން ޔަމާނާއި އަނަފް ވެސް އަދި ޓީމާ ނުގުޅެ އެވެ.

ފުރަތަމަ ހާފުގައި ޔޫވީ އިން ގޯލު ޖަހަން ފުރުސަތު ހޯދި

މެޗުގައި ގޯލު ޖަހަން އެންމެ ފުރަތަމަ ފުރުސަތު ހޯދީ ވެސް ޔޫވީ އެވެ. ކެޕްޓަން މުހައްމަދު ރީހާން ނަގައިދިން ބޯޅައެއް ޝަނާން ރަޝާދަށް މާ ރަނގަޅަށް ފޮނުވާ ނުލެވުނެވެ. އެއަށްފަހު މާޒިޔާގެ ކޯނަރެއްގައި އެޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ފައިރޫޝް ދިފާއުކުރި އެވެ.

ޔޫވީގެ ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

ބަލަބަނޮވިޗް ބޮލުން ގިނަ ހަމަލާތަކެއް ފޮނުވާލައި ނާކާމިޔާބުވިއިރު، 15 ވަނަ މިނިޓުގައި ނާއިޒް ހަސަން (ދާދު) ބޮލުން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޭނާ އޮފްސައިޑު ކަމަށެވެ. މާޒިޔާގެ ފުރަތަމަ ގޯލު 18 ވަނަ މިނިޓުގައި ދާދު ނަގައިދިން ހުރަހަކުން ކާމިޔާބު ކުރީ ޖަޕާނު މިޑްފީލްޑަރު ޓޮމާކީ ވަޑާ އެވެ.

މާޒިޔާ އިން ލީޑު ނެގިތާ މާ ގިނައިރެއް ނުވެ ޔޫވީން ވަނީ އަވަސް ކައުންޓާ އެއްގައި ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. އަހުމަދު ބައްސާމް މުހައްމަދު ނައީމް އަމިއްލަ އޭރިއާ ތެރެއިން ބޯޅަ ހޯދައިގެން މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަތް ނަމަވެސް ލަސް ކުރުމުން ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ޔޫވީގެ ކުޅުންތެރިން ކައިރިން ހުރަސް ނަގައިގެން ހަމަލާތައް އުފައްދަން މަސައްކަތް ކުރި މާޒިޔާ އިން ލީޑު ފުޅާ ކުރީ 32 ވަނަ މިނިޓުގަ އެވެ. މިއީ މާޒިޔާ އިން ހުރަސް ކޮށްލި ބޯޅައެއް ޔޫވީގެ ޑިފެންޑަރުންނަށް ރަނގަޅަށް ކްލިއާ ނުކޮށްލެވުމުން ބަލަބަނޮވިޗަށް ލިބުނު ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ. މިއަށް ފަހު މާޒިޔާ އިން ވަނީ ފުލުފުލުގައި ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.

މާޒިޔާގެ ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

މެޗުގެ 38 ވަނަ މިނިޓުގައި ހަލީލް ޖަމާލް ނަގައިދިން ހުރަހަކުން ބަލަބަނޮވިޗް އޭނާގެ ދެވަނަ ގޯލު ޖަހައިދިން އިރު، 42 ވަނަ މިނިޓުގައި ހަންނަ ގޯލު ޖެހީ އައިސަމް އިބްރާހިމް ދިން ޕާހަކުންނެވެ. ހަންނަ ގޯލު ޖެހުމުގެ ކުރިން ދާދު ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

މެޗުގެ 44 ވަނަ މިނިޓުގައި ބަލަބަނޮވިޗް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ވެސް ހަލީލް ނަގައިިން ހުރަހަކުންނެވެ. އަދި މިނިޓެއް ފަހުން ދާދު ވަނީ މި މެޗުގައި މާޒިޔާގެ ހަވަނަ ގޯލު ޖަހައިދީފަ އެވެ.

ހަމްޕު ޖެހީ ފަހު ހަތަރެއް

ކީޕަރު ފައިރޫޝް ބަދަލު ކުރަން ޖެހުމުން ބައި ގަޑިއިރު ޔޫވީގެ ގޯލު ބެލެހެއްޓި ފާރިސް ވަނީ ފުރަތަމަ ކޮޅު ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެގޮތުން ހަމްޕު އާއި ބަލަބަނޮވިޗް ފޮނުވާލި ބާރު ހަމަލާތަކެއް އޭނާ ދިފާއު ކުރި އެވެ.

އެހެން ނަމަވެސް 76 ވަނަ މިނިޓުގައި ފާރިސް އަތުން ދޫވި ބޯޅައެއް ހޯދައިގެން ހަމްޕު ވަނީ މެޗުގައި އޭނާގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އޭގެ ފަސް ވަރަކަށް މިނިޓު ފަހުން ހަމްޕުގެ ދެވަނަ ގޯލު ޖެހީ ހަންނަ ނަގައިދިން ހުރަހަކުންނެވެ.

ހަމްޕު ވަނީ މި މެޗުގައި ހަތަރު ގޯލު ޖަހައިފަ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާޒިޔާ އިން ހާފު ހާފުގައި އެރުވި ކުޅުންތެރިންނާ އެކު އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރި އެވެ. އެގޮތުން ދުރުން ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގިނަ ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅު ހަލީލް އާއި އަލީ ފާސިރު (ސެންޓޭ) އަދި ވަޑާ، ޔޫވީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް ފާރިސް ދިފާއު ކުރި އެވެ.

ހަމްޕު އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ގޯލާއި ހަތަރުވަނަ ގޯލު ވެސް ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އޭރިއާ ބޭރުން އައިސަމް ފޮނުވާލި ހަމަލާއެއް ފާރިސް ދިފާއު ކުރިއިރު ރީބައުންސްވި ބޯޅަ އަތަށް ނުނެގި އުޅެނިކޮށް ހަމްޕު އެ ބޯޅަ ގޯލަށް ފޮނުވާލައިގެން ހެޓްރިކް ފުރިހަމަ ކުރި އެވެ. އަދި މިނިޓެއް ފަހުން އޭނާ ވަނީ ހަތަރުވަނަ ގޯލު ޖަހައިފަ އެވެ.

މި މެޗަކީ އޮގަސްޓް 23 ވަނަ ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުމަށް ފަހު މާޒިޔާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ގާތްގަނޑަކަށް ތިން މަސް ފަހުން މާޒިޔާ ލީގުގައި މެޗެއް ކުޅެފައި ވާއިރު، މި މުއްދަތުގައި މާޒިޔާ ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ހަތަރު މެޗު ކުޅެފަ އެވެ.

ލީގު މެދުކަނޑާލަން ޖެހުމާއި ލީގުގެ ފެންވަރު ދަށްވުމާ ގުޅިގެން ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖޭގެ ކްލަބްތަަށް ކުރިއެރުމެއް އޮތީ ނުލިބިފަ އެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހްސާސް

21 November 2023

މާޒިޔާގެ އެކަޑެމީ ކުޅުންތެރިން އަރުވައިގެން ތިވަރުގެ ސްކޯއެއް ނުކުތްނަމަ މޮޅުކަމަކަށް ވީސް. އެކަމުދެން މިހާރު ތިޔައީ މޮޅުކަމެކޭ ބުނެވޭކަށްނެތް. ވާދަވެރި މެޗެއްނޫން ތިޔަ ކުޅުނީއެއް.

The name is already taken The name is available. Register?

ބުލޫޒް

21 November 2023

އެންމެ ހެޔޮކޮން ތިބުނީ

The name is already taken The name is available. Register?

ސާޓޭ

20 November 2023

ތިވަރުން ވެސް ވާނެ ތި ކުޅެން ކޮންމެހެންވެސް! މާޒިޔާ ކުދިން ކޮޅު ހިތްހަމަ ޖައްސަން …

The name is already taken The name is available. Register?

ފާރިސް

20 November 2023

ސީއާރް7 ގޯލަށް ރަގަޅީއޭ

The name is already taken The name is available. Register?

އައިން !!!!

20 November 2023

މިއީ މި މީހުން ކުޅޭ ފުޓްބޯޅައަކީ. ބައްސާމުގެ ވާހަކަ ނުހުއްޓި ދާއްކާނީ. ކޮންތާކު މި ޖެހެނީ ؟.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454