މަޖިލިސް
20 ނޮވެމްބަރ 2023 - 14:04
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓަށް އިތުރުކުރަން އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލިހުގެ ތަޅުމުން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 10 މެންބަރަކު ދެއްވި އެވެ. އެއީ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
- ޖުމްލަ ރިކަރަންޓް ހަރަދު: 3.1 ބިލިއަން ރުފިޔާ - ކެޕިޓަލް ހަރަދު: 3.3 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީ އަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެ އެވެ. އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅައިފަ އެވެ. އާސަންދަ އަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދަ އަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ކެޕިޓަލް ހަރަދު އިތުރު ކޮށްފައި ވަނީ ޕީއެސްއައިޕީ އަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީގެ 12 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު ހޭދައެއް އޮތީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށެވެ. އެ މަޝްރޫއަށް 344 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ހދ. ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.
ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ވެސް ހިމަނާފައި އެބައޮތެވެ.
ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދު 31.7 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
20 November 2023
ބަލަ ޕޮލްކޯ ފްލެޓްތައް ނިންމާފަ ނޫންތަ އިބޫ ދިޔައީ؟ ޤައިމު އެތަން ދިއްލާފަވެސް ހުރި، މާދަން ޙަވާލުކުރަން ފަށަނީއޭވެސްކީ! މިހާރު އަނެއްކާ ނިމިފަ ހުރިތަނެއް ނިންމަން 150 މިލިޔަން ބަޖެޓްކުރީ! އަނެއްކާ އިންތިޚާބާ ދިމާކޮށް ދޮގެއްހަދާފަބާ މިއޮތީ؟ އިބޫ ވަރަށް ނުކުރާނެ އެކަހަލަ ކަންތައް!