މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން ނިންމާލެއްވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
21 ނޮވެމްބަރ 2023 - 12:55
އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ކަނޑާލި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން ހުށަހެޅީ ކުރީގެ ސަރުކާރުގައި ކަމަށާއި އެއްބަސްވެވަޑައިގެންނެވީ ކުންފުންޏަށް ގެއްލުން ކުޑަވާނެ ގޮތަށް ބަދަލުގެ ކުޑަ ޕަސެންޓަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންގެ މަގާމުން އަމީން ވަކިކުރި މައްސަލަ ހައި ކޯޓުގައި އޮއްވައި އައިލެންޑް އޭވިއޭޝަނުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް އަމީން އަށް ބަދަލުގެ ދެ މިލިއަން ރުފިޔާދީ، ވަޒީފާ އިޔާދަކޮށްދޭން ނިންމައިފަ އެވެ.
މިކަމަށް އަމީން އެއްބަސްވެވަޑައިގެންނެވުމުން އައިލެންޑް އޭވިއޭޝަނުން ވަނީ ހައި ކޯޓުގައި އޮތް މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. މިހާރު ހައި ކޯޓުން ވަނީ މައްސަލަ ބާތިލް ވެސް ކޮށްފަ އެވެ.
އަމީން "މިހާރު" އަށް މިއަދު ވިދާޅުވީ ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތް ގޮތުން، ބަދަލުގެ ގޮތުގައި އޭނާ އަށް ވަރަށް ބޮޑު އަދަދެއް އައިލެންޑް އޭވިއޭޝަނުން ދައްކަން ޖެހޭ ކަމަށެވެ. ކޯޓުން ބޭރު ހައްލެއް ހޯދީ ކުންފުންޏަށް ވެސް އެންމެ ގެއްލުން ކުޑަވާނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދިން މިންވަރުގެ 80 ޕަސެންޓް ދޫކޮށްލީ. ދެ މިލިއަން ރުފިޔާ އަކީ އޭގެ އެންމެ 20 ޕަސެންޓް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި އޭނާ ވަޒީފާގެ މައްސަލަ ކޯޓަށް ހުށަހެޅީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ހޯދާކަށް ނޫނެވެ. ނަމަވެސް، އޭނާ އަކީ ވަޒީފާ އިން ވަކި ކުރި މީހެއް ނޫން ކަމަށް ކަނޑައެޅުމަށް ކަމަށް ވިދާޅުވި އެވެ. ކޯޓުން ބޭރުގެ ހައްލާ އެކު އައިލެންޑް އޭވިއޭޝަނުން މިހާރު ވަނީ އަމީން އަށް ރިޓަޔަމެންޓް ވެސް ދީފަ އެވެ.
"އަޅުގަނޑު ބޭނުންވީ ވަޒީފާ އިން ވަކި ކުރި ކަމުގެ ރެކޯޑް ނުބާއްވަން،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން ކޯޓުން ބޭރު ހައްލެއް ހޯދުމަށް ނިންމީ އެއީ އެ ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ގާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށާއި އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިދިޔަ ސަރުކާރުގައި ކަމަށެވެ. އެހެންކަމުން، މިއީ އޭނާ މިނިސްޓަރު ކަމަށް އައުމާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންގެ މަގާމުން އަމީން ވަކިކުރީ 2019 ވަނަ އަހަރު ތެރޭގަ އެވެ. އޭނާ އަށް އެންގީ އެ މަގާމުން ވަކިކޮށް، އެއަށްވުރެ ދަށް މަގާމަކަށް ވަޒީފާ އަށް ނުކުތުމަށެވެ. ނަމަވެސް، އެގޮތަށް އަމަލުކުރީ އޭނާއާ އެކު ހަދާފައި އޮތް ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އަމީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.
އެ މައްސަލާގައި މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ އަމީން ވަޒީފާ އިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން 15 ދުވަހުގެ ތެރޭގައި އެ މަގާމު އިޔާދަކޮށްދީ ނޫން ނަމަ، އެ ފެންވަރުގެ އެހެން މަގާމެއް ދިނުމަށް ކޯޓުން އެންގި އެވެ.
މީގެއިތުރުން ބަދަލުގެ ގޮތުގައި ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އެލެވެންސް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އަމީން އަށް ވަޒީފާ ދިނުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަނުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޓް..
23 November 2023
ކެމްޕޭނު ކުރުމުގަ ބުރަކޮށް އުޅުމުގެ ނަތީޖާއެއްގެ ގޮތުން ވަޒީރު ކަމާ ނުވިތާކަށް ބަދަލްގެ ފައިސާވެސް އޮއްސާލީ އެކުއެކީ ހަމަ އެކެންޕޭނުގަ ބުރަކޮން އުޅުނު އެހެންމީހުންގެ ސާފު ސީދާ ލިސްޓެއް ހަދާލަންވެސް ނޭނގުނު
ޖެރާޑް.
22 November 2023
ފުރަތަމަވެސް ބަންޑާރަކަފަ ބާލީހަށް އެވައްދާލީ
ޠުހތޔ
22 November 2023
މިނިސްޓަރ ފުރަތަމަ ދުވަސް ވެސް ފެށީ މިލިއަނުން
ވާސަރީ
21 November 2023
ކުރީގެ ސަރުކާރު ގޯސް، އެކަމަކު މިލިޔަނުން ލިބުނަސް އޯކޭ
ގަދަ
21 November 2023
ހަފްތާއަކުން މިލިއަނަރަކަށް؟
ޗޮކުންކޮކު
21 November 2023
ހޫނ... ދެން ހައްލު ކުރީ މި ސަރުކާރުން ދޯ
ޓެކް
21 November 2023
ދެން އޮތީ ނިއުޕޯޓް
ސިލްމާ ޒާހިރު
21 November 2023
މާނައަކީ 10 މިލިޔަނޭ ދޭން ޖެހެނީ؟ އެއީ އަހަރަކަށް 2.5 މިލިޔަން ރުފިޔާ. މަހަކު 208،333 ރުފިޔާ. މަނިކުފާނަށް މުސާރައަށް ލިބުނީ ރައީސްގެ މުސާރައިގެ 2 ގުނަ ތޯ؟
ހގފ
21 November 2023
އޮގަނައިޒް ވެންޑަލިން.
ކްރޭޓޯސް
21 November 2023
އައިއޭސްގެ ހުރިހާ ޕައިލެޓުން ތިބެނީ ޕައިލެޓެއްގެ ކޮންޓްރެކްޓްގައި. މަގާމެއް ލިބިއްޖިއްޔާ އެ މަގާމު އަންނަނީ ވަކި ކޮންޓްރެއްޓެއްގެ ދަށުން. މަގާމުން ވަކިވާ ހިސާބުން ޕައިލެޓް ކޮންޓްރެކްޓް ބާތިލެއް ނުވާނެ. އެކަމަކު އަމީންގެ ކޮންޓްރެކްގައި އޮންނަނީ އޭނާއަކީ “ޑައިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް”ކަމަށް. އެހެންކަމުން އަމީން އެ ވަޒީފާއިން ކަނޑާލީމަ އައިއޭސްއިން ވަކިވީ. އައިއޭސްގެ ވަރަށް ބޮޑު ފެއިލިއާއެއްމިއީ. ކަންތަށް ރަނގަޅަށް ނުބަލާ ވަކިކުރުން.