29 ނޮވެމްބަރ 2023 - 12:46
މެންޗެސްޓާ (ނޮވެމްބަރު 29) - ރެޑްބުލް ލައިޕްޒިގާ ދެކޮޅަށް ފަހަތުން އަރައި މެންޗެސްޓާ ސިޓީ 3-2 ން މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް އާލިންގް ހާލަންޑް އަނެއްކާ ވެސް ގޯލް ޖެހުމުގެ ރެކޯޑެއް ހަދައިފި އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ލައިޕްޒިގް ކޮޅަށް ރޭ ޖެހި ލަނޑާ އެކު، ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި 40 ލަނޑު އެންމެ ކުރު މުއްދަތަކުން ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
މީގެ ތިން ދުވަސްކުރިން އޭނާ ވަނީ، ޕްރިމިއާ ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު 50 އަށް ގެންގޮސްފަ އެވެ. އެއާ އެކު އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގައި އެންމެ ކުރު މުއްދަތުގައި އެ އަދަދަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ފުލުފުލުގައި ހާލަންޑް ހަދަމުންދާ ރެކޯޑްތަކާ ބެހޭގޮތުން ގާޑިއޯލާ ބުނީ ހާލަންޑާ މެދު އޭނާ ގަޔާވާވަރު އެއް ބިލިއަން ފަހަރަށް މިހާރު ވާސިލުވެއްޖެ ކަމަށެވެ.
"އަނެއްކާ ވެސް، އަހަރެން ބުނަންޖެހޭނީ އަނެއްކާ ވެސް (ރެކޯޑެކޭ)،" ރޭ ގެ މެޗުގައި ހާލަންޑް ހެދި ރެކޯޑާ ބެހޭގޮތުން ސުވާލު ކުރުމުން ހެމުން ހެމުން ގާޑިއޯލާ ބުންޏެވެ.
"އެއްހާސް މިލިއަން [އެއް ބިލިއަން] ފަހަރަށް އަހަރެން އޭނާ އާ މެދު ގަޔާވެއްޖެ. އެ މީހުން [މެންޗެސްޓާ ސިޓީ ކުޅުންތެރިން] މިރޭ (ރޭ) މޮޅުވެއްޖެ. އަނެއްކާ ވެސް ރެކޯޑެއް. މަރްހަބާ. އޭނާ އަކީ ތަފާތު ކުޅުންތެރިޔެއް. އަހަރެން އެތައް ފަހަރަކު ކަލޭމެން [ނޫސްވެރިން] ގެ ގާތު ބުނިހެން އޭނާ އަކީ އާ މެދު އަހަރެން ވަރަށް އުފާވޭ. އަހަރެމެން އޭނާ ދެކެ ލޯބިވަނީ ހަމައެކަނި އޭނާ ޖެހި ގޯލުތަކަށް ނޫން، އެނޫން ވެސް އެތައް ސަބަބުތަކާ ހެދި."
ހާލަންޑަށް 40 ލަނޑު ހަމަކުރީ 35 މެޗުންނެވެ. ކުރިން އެ ރެކޯޑް އޮންނަނީ 45 މެޗުން 40 ލަނޑު ހަމަ ކުރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޫޑް ވެން ނިސްޓްރޯއީ އަތުގަ އެވެ. ހާލަންޑް ވަނީ އެންމެ ޒުވާން އުމުރުގައި 40 ލަނޑު ހަމަ ކުރި ކުޅުންތެރިޔާގެ ރެކޮޑް ވެސް ހަދައިފަ އެވެ. ރޭ އޭނާ ލަނޑު ޖެހި އިރު އުމުރަކީ 23 އަހަރާއި 130 ދުވަހެވެ. އެއާއެކު ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ މީގެ ކުރިން ހެދި ރެކޯޑް ވެސް ހާލަންޑް ވަނީ މުގުރާލައިފަ އެވެ.
ރޭގެ މެޗުގެ އެންމެ މުހިންމު ކަމަކީ، ލައިޕްޒިގްގެ ލޮއިސް އޮޕެންޑާ، ފުރަތަމަ ހާފުގައި އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައި ވަނިކޮށް، ދެވަނަ ހާފުގައި ހާލްނޑާއި ފިލް ފޯޑެން އަދި ހޫލިއަން އަލްވަރޭޒްގެ ލަނޑުތަކުން ސިޓީން ފަހަތުން އަރައި ނަތީޖާ ބަދަލު ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy