ކޮކޯގެ ރިސޯޓަކަށް ވެލައެއް ބިސް އަޅައި އުފަންވުމުން ކުދި ވެލާތައް ރައްކާތެރިކަމާއެކު މޫދަށް ދޫކޮށްލަނީ-- ފޮޓޯ/ ކޮކޯ ކަލެކްޝަން
10 ފެބުރުއަރީ 2017 - 08:41
މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ސަލާމަތްކޮށް، އެއަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރެއް ކޮކޯ ޕާމް ދުނިކޮޅުގައި ހުޅުވައިފި އެވެ.
މިއީ ވެޓެރެނަރީ ޑޮކްޓަރަކާ އެކު މި ފަދަ ސެންޓަރެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. އިންޑިއާ ކަނޑުގައި މަސްވެރިން ދޫކޮށްލާ ދަލުން ވެލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓާ ގުޅިގެން މި މަސައްކަތް ކޮކޯގެ ރިސޯޓުތަކުން ކުރަމުން އަންނަތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ.
އެކަމަކު އެކަމަށް ހާއްސަކޮށްގެން ހެދި "ޓާޓަލް ރެސްކިއު ސެންޓަރު" ހުޅުވީ މިދިޔަ ބުރާސްފަތިދުވަހުގަ އެވެ.
ކޮކޯ ޕާމުގެ ރެޒިޑެންޓް މެނޭޖަރު ނަސްރުﷲ އަލީ ވިދާޅުވީ މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަހަރަކު ސަތޭކައެއްހާ ވެލާ ކަހަނބު ރާއްޖެ އިން ފެންނަ ކަމަށެވެ. އަދި އޭގެ ތެރޭން ގިނަ ވެލާތައް ހުންނަނީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށާއި އެހެންވެ، އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ އެތަކެތި މަރުވާ ކަަމަށެވެ.
"ދަލުގައި ޖެހިގެން ބައެއް އެއްޗެހީގެ އަތްފައި ބަނދެވި ނުވަތަ ބުރިވެފައި ހުންނައިރު، ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހި ކައިގެން ވަރަށް ބޮޑަށް އިންޖަރީ ވެފައި ހުރޭ. އެހެންވެ، އަދި ދަލުން ސަލާމަތް ކުރި ނަމަވެސް އޭގެ ފުރާނަ ސަލާމަތެއް ނުކުރެވޭ." ނަސްރުﷲ ވިދާޅުވި އެވެ.
ކޮކޯގެ ރިސޯޓަކަށް އެރި ވެލައެއް ބިސް އަޅައި، ވެލާތައް އުފަންވުމުން ރައްކާތެރިކަމާއެކު މޫދަށް ދޫކޮށްލަނީ-- ފޮޓޯ/ ކޮކޯ ކަލެކްޝަން
އޭނާ ވިދާޅުވީ އެފަދަ އަނިޔާ ލިބިފައިވާ ވެލާކަހަނބަށް ފަރުވާ ދިނުމަށް ހުޅުވި ސެންޓަރުގައި ސާޖަރީ ރޫމެއް ހުންނައިރު، ވެލާތައް ބަލަހައްޓަނީ އެތަނުގައި ހުންނަ ވަކިވަކި ޓޭންކުތަކެއްގައި ކަަމަށެވެ. ކޮންމެ ޓޭކެއް ވެސް ހާއްސަ ކޮށްފައި ހުންނަނީ އެ ވެލައަކަށް ލިބިފައި އަނިޔާއަކަށް ބަލައިގެންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނަސްރުﷲ ވިދާޅުވީ އެ ސެންޓަރު ހުޅުވުމުގެ ކުރިން، 50 އަށް ވުރެ ވެލާކަހަނބު އެ ރިސޯޓުން ސަލާމަތްކޮށް، މޫދަށް ދޫކޮށްލާފައިވާއިރު، ސެންޓަރުގައި މިހާރު ވެސް ދެ ވެލަ އަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ދަލުގައި ޖެހި، އަނިޔާ ލިބިފައިވާ ވެލާ އާއްމުކޮށް ފެންނަނީ ކޮކޯގެ ރިސޯޓުތަކުން ކުރާ އެކްސްކާޝަން ދަތުރުތަކުގަ އެވެ. އެކަމަކު އެހެން ރިސޯޓުތަކަށް ވެސް ފެންނަ ވެލާކަހަނބަށް ފަރުވާ ދިނުމަށް ސެންޓަރަށް ގެންދިއުމަށް އެ ރިސޯޓުތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި ޓީއެމްއޭގެ އެހީތެރިކަން ވެސް ވަރަށް ބޮޑު. އެތަނުން އެއްބަސްވެފައިވޭ ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ މި ފަދަ ވެލާކަހަނބު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިނުމަށް،" ނަސްރުﷲ ވިދާޅުވި އެވެ.
ރަށްރަށުން ފެންނަ މި ފަދަ ވެލާކަހަނބު ވެސް އެ ސެންޓަރަށް ގެންދިޔުމަކީ ކޮކޯ ޕާމުގެ ވަރަށް ބޮޑު އެދުމެކެވެ.
ނަސްރުﷲ ވިދާޅުވީ ވެލާކަހަނބު ކެއުމަކީ ކުރިން ރާއްޖޭގައި އާއްމުކަމެއް ނަމަވެސް އެކަމާ ގުޅޭގޮތުން މިހާރު ހޭލުންތެރިކަން އިތުރު ކަމަށެވެ. ހާއްސަކޮށް އެ ރިސޯޓު އޮންނަ ބ. އަތޮޅުގައި އެކަން ކުރާލެއް މަދުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮކޯގެ ރިސޯޓަކުން ވެލައެއްގެ ފޮޓޯ ނަގަނީ: ވެލާ ކަހަނބު ރައްކާތެރިކުރުމަށް އެ ރިސޯޓުތަކުން ގިނަ މަސައްކަތެއް ކުރޭ-- ފޮޓޯ/ ކޮކޯ ކަލެކްޝަން
ވެލާ ކަހަނބު ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ކޮކޯގެ ރިސޯޓުތަކުން އަންނަނީ އެހެން ފެންނަ ވެލާ ކަހަނބުގެ ބޯމަތީގައި ހުންނަ ޕްރިންޓުގެ ފޮޓޯ ނަގަމުންނެވެ. ކޮންމެ ވެލައެއް ނުވަތަ ކަހަނބެއްގައި ވެސް ހުންނާނީ ތަފާތު ޕްރިންޓެކެވެ.
ނަސްރުﷲ ވިދާޅުވީ މިގޮތަށް ފޮޓޯ ނަގައި ރައްކާކުރުމުން، އެ ވެލާ ނުވަތަ ކަހަނބު ދެވަނަ ފަހަރަށް ފެނުމުން ފާހަގަ ކުރެވޭނެ ކަމަށާއި އެގޮތުގެ މަތިން އޭގެ ހަރަކާތްތައް މޮނީޓާ ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުން ފެންނަ ދާތައް ހޮވައި، އެއީ ކޮންކަހަލަ މަސްވެރިކަމެއްގައި ބޭނުން ކުރާ އަދި ކިހިނެތް ކަނޑަށް ދޫވާ ދަލެއްތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަމުހައްމަދު
13 February 2017
ޥަރައް ތާޢީދު
އެދެރަހަ
13 February 2017
އަހަރެންގެ ދަރިފުޅު 4ސީޒަނުގައި އުޅުނީ ވެލާކަހަނބު ޙިމާޔަތް ކުރުމުގެ މަސައްކަތުގައި. އެއީ އޭނާ އެކަމަށް ހުންނަ ޝައުޤުވެރި ކަމެއްގެވެސް ބޮޑު ކަމާއިއެކު. އެހެންނަމަވެސް އެތާގެ ހެޑަކަށް ހުރި ޔޫރަޕް މީހާ، މިކުއްޖާ އެތަނުން ބުރުވާލީ. މިކަހަލަ ކިތަންމެ ބޭރުގެ ބަޔަކު، ދިވެހި ޒުވާން ކުދިންގެ މުސްތަޤުބަލު އެބަ ނަގާލާ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. ދިވެހީން ދިވެހި ޤައުމުގައި މިދަނީ ބިކަވަމުން. ފަތުރުވެރިކަމުގެ ދާއިރާގެ ލަގަން ބޭރު މީހުންގެ އައްމަތީގައި.
ޕީއާރުގެ އިބިލީސް
12 February 2017
ދުނިޔޭގަ މިހާތަނަށް އެންމެ ގިނަ ދުވަހު ދިރި ހުރި ޖަނަވާރަކީ ކަހަނބު، އެކަމު އިންސާނުން މިކަހަލަ ކޮމެންޓް ކުރަންޔާ ކަހަނބު ތަށް ވެސް ދެރަ ވާނުން.
އަލީ އަހުމަދު
26 February 2019
ދުނިޔޭގަ އެންމެ ގިނަ ދުވަހު ދިރިހުރި ޖަނަވާރަކީ ކަހަނބުކަން އިނގެނީ ކިހިނެއްތޯ؟ ސައިސް ވެރިން ދައްކާ ކޮންމެ ވަހަކައެއް ގަބޫލު ނުކުރައްވާ. ނީލްއާމް ސްޓްރޯންގް ހަނދަކަށްވެސް ނުދޭ.
އައިމިން
12 February 2017
ކޮމެންޓު ތަކުންވެސް އެބަ އިންގޭ ރާއްޖޭގައި އަދިވެސް މީހުންގެ ހޭލުންތެރިކަން ނެތްވަރު. މިއީ ކޮކޯ ޕާމް އިން އިސްނަގައިގެން ކަނޑުތަށް ހިމާޔަތް ކުރުމަށް ނެގި މުހިންމު ފިޔަވަޅެއް!
ނައިފަރޭ
11 February 2017
ވެލައި ކަހަނބު ހިމާޔަތްކުރުުމުގެ ނަމުގައި ބޮޑަތި ރިސޯރޓްތަކުގައި ވިޔަފާރި ހިންގާއިރު، ރާއްޖޭގެ މަދަނީ ކުޑަކުޑަ ޖަމްޢިއްޔާއަކުން ތިކަންކުރާތާ މިހާރު 5 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ރާއްޖޭގެ ޓީވީ ޗެނެލްތަކާއި، ނޫސްތަކުން އެވާހަކަ ނުގޮވިއެއްކަމަކު ބޭރުގެ ނޫސްތަކާ ޗެނެލްތަކުން ދޭތެރެ ދޭތެރެއިން އެވާހަކަ ގޮވާތީ ައަހަރެމެން އަހަމެވެ. ނައިފަރުގައި އޮންނަ "ނައިފަރު ޖުވެނައިލް" ކިޔާ ޖަމާއަތަކުން އެކަންކުރާވާހަކަ ދިވެހި ނޫސްތަކުގައި ނުލިޔެވެނީ ކީއްވެ؟ އެއީ ގައިމުވެސް މިވަގުތުވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ހުރި ހަމައެކަނި ކޮންޒަރވޭޝަން ސެންޓަރު. އެތާންގައި ކަމަށްޤާބިލް ފަރަންޖީ މެރިންބަޔޮލޮޖިސްޓުން ތިބޭތާވެސް މިހާރުވެސް 5 އަހަރަށްވުރެ ގިނަވީ. ނިކަން މިހާރު ނޫހުން އެމީހުންގެވާހަކަ ގެނެސްދީބަލަ.
ކަހަނބު
11 February 2017
ތިޔަ ރިސޯރޓާއި އެއްމެ ކައިރީގައި އޮންނަ މީހުން އުޅޭ ރަށުގައި ސިއްހީ ހިދުމަތގެ ފެންވަރު އެގިލައްވާތޯ؟ ވެލާ ކަހަނބު ހިމާޔަތް ކުރުމަކީ މުހިއްމު އަދި ރަގަޅު ކަމަކައް ވާއިރު އިންސާނާ މަތިވެރިވެފައި ވާކަން ހަނދުމަޅު ކޮއްލުން ކިހިނެތްތޯ ވާނީ.
ައައިސާ
11 February 2017
ދިސް އިޒް ސޯ އޯސަމް
ސިޑޭ ނަތޫ
10 February 2017
ބ އަތޮޅަކީ އެންމެ ގިނައިން ވެލާ ފަޅާ އަތޮޅު. ދިސް އިޒް އޯލް ބުލްޝިޓް..
ކުރި
10 February 2017
ތިގޮތަށް ފަހަރަކު އެއްޗެއް ހިމާޔަތް ކުރަމުން ކުރަމުންގޮސް ކަޑުމަސް ހިމާޔަތް ނުކޮއްފިއްޔާ ކިތަންމެހާވެސް ރަގަޅު...... މިހާރު ވެލާފޮޅިއެއް ކާލާކަށް ނުލިބޭތާ ވެލާމަސް ކޮޅެއްވެސް ކާލާކަށް ނުލިބޭ
ސަބަސްޓިއަން
10 February 2017
ލަނޑާ ގިރާވަރުގަ ތިމަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް..ދޮގުނުހަދާ..
ނާ
12 February 2017
އެއޮތީނުންތަ ލިޔެފަ އެންމެ ފުރަތަމަ ފަހަރަށް ވެޓެރެނަރީ ޑޮކްޓަރަކާ އެކު މި ފަދަ ސެންޓަރެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ