ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
02 ސެޕްޓެމްބަރ 2025 - 07:13
ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.
މި ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.
އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ އެ ކުންފުނީގެ ރިސޯޓުތަކުން ހިދުމަތް ދެނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްގީ އަށް ވަރަށް ބޮޑަށް އަމާޒު ކޮށްގެން ކަމަށެވެ. މިހާރު ވެސް އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކުރާ ކަރަންޓުގެ 30-40 ޕަސެންޓަކީ ސޯލާ ޕެނަލްގެ އެހީގައި އަވިން އުފައްދާ ހަކަތަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ސީއީއޯ މުހައްމަދު ސޮލާހު ވާހަކަދައްކަވަނީ.-- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
ޓޫރިޒަމް ކުރިއަރާފައިވާއިރު، ރާއްޖޭގެ ޓޫރިޒަމަށް އެންމެ އަގުހުރި އެއް ވަސީލަތް ކަމަށްވާ ކަނޑާއި އެ ކަނޑުގެ ދިރުންތައް ހިމަޔާތް ކުރުމާއި އޭގެ އިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޖަވަކަރާގައި ހުޅުވި މި ރިސާޗު ސެންޓަރަކީ ވެސް ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް އެ ކުންފުނިން އިސްކަންދީ، އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުޅުވުނު ދޮރެއް ކަމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެށީގެ އިލްމާއި ދިރާސާތައް މުހިންމު ރޯލެއް އަދާކުރާތީ، މި ދާއިރާ އިން ރާއްޖެ އަށް ކުރިއެރުން ވަރަށް ބޮޑަށް ބޭނުންވާ އިރެއްގައި، ޖަވަކަރާއިން މި ރިސާޗު ސެންޓަރު ހުޅުވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުން އިސްނަގައިގެން މި ފަދަ ކަމެއް ކުރުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
ޅ. އަތޮޅަކީ ބަޔޮސްފިޔާ ރިޒާވަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވެސް މި ފަދަ ރިސާޗު ސެންޓަރެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
މި ރިސާޗު ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާ ކުރުމަށް ފަސް ލެބޯޓަރީއެއް ހަދާފައިވެ އެވެ. އަދި ކަރަންޓީން ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމްތައް ވެސް ހުރެ އެވެ.
ޖަވަކަރާގައި މެރިން ރިސާޗު ސެންޓަރެއް ހުޅުވީ، ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ "އެޓޯލް މޯލްޑިވްސް ވޯކްޝޮޕް" ނުވަތަ ކޮންފަރެންސާ ވެސް އެކުގަ އެވެ.
"އެޓޯލް މޯލްޑިވްސް ވޯކްޝޮޕް"ގައި މައިގަނޑު ގޮތެއްގައި ހުށަހަޅައި ދެނީ އަތޮޅުތައް އުފެދިފައި ހުންނަ ގޮތާއި އެ ތަންތަނުގެ ދިރުންތަކާ ގުޅޭ ދިރާސާތަކާއި ހޯދުންތަކެވެ. އަދި މިއީ، މި މައުލޫއު އަށް މި ގޮތަށް ބާއްވާ ފުރަތަމަ ކޮންފަރެންސް ކަމަށް މި ރިސޯޓުން ބުންޏެވެ.
ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 28 ސައިންސްވެރިން އަންނަނީ އެ މީހުންގެ ހޯދުންތަކާއި ދިރާސާތައް ހިއްސާ ކުރަމުންނެވެ. އޭގެ ތެރޭގައި މެރިން ބަޔޮލޮޖީ، އައިލެންޑް އިކޮލޮޖީ، އާތު ސައިންސް އަދި ސޯޝަލް ސައިންސްގެ ދާއިރާ އަށް ހާއްސަ، ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ސައިންސްވެރިން ވެސް ހިމެނެ އެވެ. އަދި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖޭގެ މަޝްހޫރު ބައެއް ޖަމިއްޔާތަކުގެ ސައިންސްވެރިން ވެސް ހިމެނެ އެވެ.
ސައިންސްވެރިންގެ ބައެއް ސެޝަންތައް އިއްޔެ ބާއްވާފައިވާއިރު، މިއަދު ވެސް ބައެއް ސެޝަންތައް ކުރިއަށް ގެންދާނެ އެވެ.
ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
ވެލާކަހަނބަށް ފަރުވާދިނުމަށް ހާއްސަ ކޮށްގެން، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓާ ގުޅިގެން "ޓާޓަލް ހެލްތު އިންސްޓިއުޓެއް" ވެސް މި ރިސާޗު ސެންޓަރުގައި އަންނަނީ ހަދަމުންނެވެ. އެ މަސައްކަތް އަންނަ މަހަށް ނިމޭނެ އެވެ.
ޖަވަކަރާ އިން ބުނި ގޮތުގައި، މި ޓާޓަލް ހެލްތު އިންސްޓިޓިއުޓް ހަދަމުން އަންނަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށާއި ސްޓެމް ސެލް ތެރަޕީ އާއި އެ ނޫން ވެސް އެންމެ އެޑްވާންސް ޓާޓަލް ޓްރީޓްމަންޓް މި އިންސްޓިޓިއުޓްގައި ހިންގޭނެ ވަސީލަތްތައް ގާއިމްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަ
02 September 2025
ޖަވަކަރާ ތޯ ނުވަތަ ޖާވާކަރަ ތޯ؟
އަބްޑޫޅް +
03 September 2025
އެމީހަކުގެ ރިޒޯޓާށް ދޭނެ ނަން އެގޭނީ އެމީހަކަށް. އެ ނަން އެ ރިޒޯޓަށް ދިނީމަ އެއީ އެ ރިޒޯޓުގެ ނަން. ކޮންމެހެން އެ ނަން އިންޑޮނޭސިޔާ ގަ އޮންނަ ޖާވާ ކަރައިގެ ނަމާ ދިމާ ނުވާތީ، މީސްތަކުން ތެޅިފޮޅޭކަށް ނުޖެހޭން.
މިހާލި
02 September 2025
އާންމު ފަރުދުންގެ ކަންކަމުގަ މިނިސްޓަރު ބައިވެރިވާކައް ނުޖެހޭ،ދެން ކިހިނެއް ފިޔަވަޅެއް އެޅޭނި
ހެހެ.
02 September 2025
ބަޔޮސްފިއަރ ހިއްކަމުން.. އަނެއް ފިޔަރ ހަދާވާހަކަތަ ހެހެހެ
ކަރަބުލާކި
02 September 2025
ތިތަނުގައި ހިނގާ ކަންކަން 24 ގަޑިއިރު ބެލޭނެހެން ކެމެރާޖަހައި އަދި ވަކިއަދަދަކަށް ތިތަނުގައި ސިފައިން އަބަދުވެސް ތިބެންޖެހޭ. ތިޔައީ ގައުމީ ސަލާމަތާ ގުޅިފަހުރި ކަންކަން.