އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަންޓާ ޓްރަސްޓް އިން އެންމަޑީގެ މައުލޫމާތު އެއްކޮށް ދިރާސާކުރަން ބޭނުންކުރާ ހާއްސަ ޑޭޓާބޭސް "މަންޓާބޭސް" އަށް ކޮންމެ މީހަކަށް ވެސް ޑޭޓާ އަޕްލޯޑްކުރެވޭނެ ގޮތް ހަދައިފި އެވެ.
މަންޓާ ޓްރަސްޓް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ "މަންޓާބޭސް"ގައި އަމިއްލަ އެކައުންޓެއް ހުޅުވައި، ކޮންމެ މީހަކަށް ވެސް ސިޓިޒަން ސައިންޓިސްޓަކަށް ވުމުގެ ފުރުސަތު، އެ ޖަމިއްޔާގެ މައިގަނޑު ޕްރޮޖެކްޓު ކަމަށްވާ މޯލްޑިވްސް މަންޓާ ކޮންސަވޭޝަން ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
"މަންޓާބޭސް"އަކީ އާންމުކޮށް ފެންނަ މަންޓާ ރޭސް ނުވަތަ އެންމަޑީގެ ފެނުންތައް އިލްމީ މުހިންމު މައުލޫމާތަށް ބަދަލުކޮށްދޭ ބައިނަލްއަގުވާމީ ޑޭޓާބޭސްއެކެވެ.
މަންޓާ ޓްރަސްޓް އިން ބުނީ މިދިޔަ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެމްއެމްސީޕީން ވަނީ ދުނިޔޭގެ އެންމެ ފުރިހަމަ އެންމަޑީގެ ފޮޓޯ-އައިޑެންޓިފިކޭޝަން ޑޭޓާބޭސް ބިނާކޮށްފައި ކަމަށެވެ. އެ ޑޭޓާބޭސްގައި 100،000 އަށް ވުރެ ގިނަ ފޮޓޯ ސައިޓިންގްސް ހިމެނޭއިރު، އޭގެ ތެރޭގައި 7،000 އަށް ވުރެ ގިނަ ވަކިވަކި އެންމަޑި ފާހަގަކުރެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މި ޑޭޓާބޭސްއަކީ ދުނިޔޭގެ ކަނޑުގެ ދިރުންތަކާ ބެހޭ އެންމެ މުހިންމު، އަދި ދިގު މުއްދަތުގެ އެންމެ ގިނަ މައުލޫމާތު އެއްކުރެވިފައިވާ އެއް ޕްލެޓްފޯމް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މަންޓާބޭސް މަސައްކަތްކުރާ ގޮތް
- ކޮންމެ އިންސާނެއްގެ އިނގިލީގެ ނިޝާން ތަފާތުވާ ގޮތަށް، ކޮންމެ އެންމަޑިއެއްގެ ބަނޑުދަށުގައިވާ ތިކިތަކުގެ ނިޝާން ވެސް ތަފާތު. މަންޓާބޭސްގެ އޭއައި-ޕަވާޑް އައިޑެންޓިފިކޭޝަން ސިސްޓަމް "އައިޑީދަމަންޓާ" އަށް އެންމަޑީގެ ބަނޑުދަށުގެ ފޮޓޯއެއް އަޕްލޯޑް ކުރުމުން، އެއީ ކުރިން ފެނިފައިވާ އެންމަޑިއެއްތޯ ދެނެގަނެ، އަދި އެ އެންމަޑިއާ ގުޅޭ މައުލޫމާތު އަދާހަމަކުރެވޭނެ.
- އާންމުން ހުށަހަޅާ ކޮންމެ ފޮޓޯއަކުން، އެންމަޑި ދަތުރުކުރާ ގޮތާއި އޭގެ އާބާދީއަށް އަންނަ ބަދަލުތަކާއި އުޅޭ މާހައުލުތަކުގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެކު އެ ތަކެތީގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ދިރާސާކުރެވޭނެ.
- ޑައިވްކުރާ މީހުންނާއި ސްނޯކްލިން ކުރާ މީހުންނަށް ހިލޭ މަންޓާބޭސް އެކައުންޓެއް ހުޅުވައި، ފެނުނު އެންމަޑީގެ ފޮޓޯތައް އަޕްލޯޑްކޮށް، އެއާ ގުޅޭ މައުލޫމާތު ހޯދައި އަމިއްލަ ޑިޖިޓަލް ލޮގްބުކެއް ހެދޭނެ.
- ފެންނަ އެންމަޑިތަކާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް "ޕްރީމިއަމް މެމްބާޝިޕް" މެދުވެރިކޮށް އިތުރު ޓޫލްސްތައް ލިބޭނެ.
މަންޓާ ޓްރަސްޓްގެ ސީއީއޯ އަދި ކޯ-ފައުންޑާ ޑރ. ގާއި ސްޓީވަންސް ވިދާޅުވީ މި ޑޭޓާބޭސްއަށް އަޕްލޯޑްކުރާ އެންމަޑީގެ ކޮންމެ ފޮޓޯއަކުން ވެސް އާ މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ.
"ގިނަ އަދަދެއްގެ ޑައިވަރުންނާއި ގައިޑުންނާއި ފޮޓޯގްރާފަރުންގެ އިތުރުން ރިސޯޓުތަކުން އަހަރުތަކެއް ވަންދެން އެ މީހުންނަށް ފެންނަ ފެނުންތައް ހިއްސާކޮށްފައި ވާތީ، ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމަޑީގެ ދިރާސާތަކަށް އެންމެ މުހިންމު އެއް ގައުމަށް ވަނީ ވެފައި. މަންޓާބޭސްގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެންމަޑި ހިމާޔަތްކުރުމުގެ މަސައްކަތުގެ ބައިވެރިޔަކަށް ވެވޭނެ،" އޭނާ ވިދާޅުވި އެވެ.
މަންޓާ ޓްރަސްޓް އިން ބުނި ގޮތުގައި، "މަންޓާބޭސް"ގެ ކޮންމެ މެމްބާޝިޕަކުން އެ ޕްލެޓްފޯމް އިތުރަށް ތަރައްގީކުރަން ފަންޑު ލިބި، އެންމަޑި އާއި މަޑީގެ ދިރުންތައް ދިރާސާކޮށް ހިމާޔަތްކުރަން އެ ޖަމިއްޔާ އިން ކުރާ މަސައްކަތަށް ބޮޑު އެހީއަކަށް ވާނެ އެވެ.