މަރުވެފައި އޮތް 30 ފޫޓުގެ ބޮޑުމަހެއް ހއ. ހޯރަފުއްޓަށް ލައްގައިފި އެވެ.
ހޯރަފުށީ ކައުންސިލުން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ބޮޑުމަސް ލައްގާފައި އޮތީ އެ ރަށުގެ ހުޅަނގު ފަރާތު ފަރުމައްޗަށް ކަމަށެވެ.
އެރަށުގެ ކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފް އަދި އެރަށުގައި ތިބޭ އެމްޓީސީސީގެ ސައިޓްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އެ ބޮޑުމަސް ގޮނޑުދޮށުން ނެގުމަށްފަހު މިހާރު ވަޅުލާފައިވާ ކަމަށް ވެސް ހޯރަފުށީ ކައުންސިލުން ބުންޏެވެ.
އެ ބޮޑުމަސް ފަރުމަތިން ނަގައިގެން އެއްގަމަށް އެރުވުމަށްފަހު ވަޅުލާ ފޮޓޯތައް ވެސް ހޯރަފުށީ ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ.
އެ ބޮޑުމަސް އެއްގަމަށް އެރުވީ ދެ ޑިންގީއެއްގައި ކަފު ޖަހައިގެންނެވެ. އަދި އެއަށްފަހު އެކްސްކަވޭޓަރަކުން އެ ބޮޑުމަސް ނަގައިގެން އެ ރަށުގެ ގޮނޑުދޮށުގައި ބޮޑު ވަޅުގަނޑެއްގައި ކޮނެފައި އެ ބޮޑުމަސް ވަޅުލާތަން ފޮޓޯތަކުން ފެނެ އެވެ. އަދި ބޮޑުމަސް މޫދުން ނެގި ވަގުތު ގިނަ އަދަދެއްގެ ލޭ ފައިބާތަން ވެސް ފެނެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެކި ރަށްރަށަށް މަރުވެގެން ބޮޑުމަސް ލައްގާފައިވެ އެވެ.