ކ. ރަސްފަރި ފަރުގައި އިންދި މުރަކަތަކުގެ ބޮޑު ބައެއް، ގާ ހުދުވުމުގެ ހާދިސާގެ ސަބަބުން މަރުވި ކަމަށް ރަސްފަރީ ރިސްޓޮރޭޝަން ޕްރޮޖެކްޓުގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ. 

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އާންމުކޮށްފައިވާ "ރަސްފަރީ ރިސްޓޮރޭޝަން ޕްރޮޖެކްޓު"ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ 2024 ވަނަ އަހަރު ހިނގި ކޮރަލް ބްލީޗިންގް އިވެންޓް (ގާ ހުދުވުމުގެ ހާދިސާ)ގެ ސަބަބުން، އެ މަޝްރޫއުގެ ދަށުން އިންދާފައިވާ މުރަކަތަކުގެ ބޮޑު ބައެއް މަރުވެފައިވާ ކަމަށެވެ. 

އެހެންވެ، މިދިޔަ އަހަރު މައިގަނޑު ސަމާލުކަމެއް ދީފައި ވަނީ އާ މުރަކަ ފްރެގްމަންޓްތައް އިންދުމަށާއި ގެއްލުން ލިބިފައިވާ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓާކުރުމުގެ އިތުރުން ކޮރަލް ނާސަރީ ބެލެހެއްޓުމަށް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

  • މިދިޔަ އަހަރަކީ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ދެވަނަ އަހަރު
  • ކޮރަލް ނާސަރީގައި މިދިޔަ އަހަރު 2،800 މުރަކަ ފްރެގްމަންޓް މެޓަލް ޕްލޭޓްތަކުގައި ހަރުކޮށް ކޮންޑިޝަން ކުރުމަށް (އާލާކުރުމަށް) ބެހެއްޓި
  • ނާސަރީގައި ކޮންޑިޝަން ކުރުމަށް ޖުމްލަ 3،000 އަށް ވުރެ ގިނަ މުރަކަ ފްރެގްމަންޓް ބެހެއްޓި
  • 1،600 މުރަކަ ފްރެގްމަންޓް ބޭރުފަރުގައި އައުޓްޕްލާންޓް (އިންދި) ކަމަށް ވެސް އެ ރިޕޯޓުގައިވޭ  

އަހަރީ ރިޕޯޓުގައި ބުނީ ރަސްފަރި ފަރުގެ ގެއްލުން ލިބިފައިވާ ސަރަހައްދުތަކާއި އިޔާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި އާ މެތަޑޮލޮޖީތަކެއް ބޭނުންކޮށްގެން ދިގު މުއްދަތަށް މޮނިޓާކުރުމުގެ ސައިޓުތަކެއް މިދިޔަ އަހަރު ގާއިމުކޮށްފައިވާ ކަމަށެވެ. އެ ސައިޓުތަކުގެ މައިގަނޑު މަގުސަދަކީ އިންދާފައިވާ މުރަކަތަކުގެ ހާލަތު ބެލެހެއްޓުމާއި ފަރުގެ މާހައުލަށް އަންނަ ބަދަލުތައް ދިގު މުއްދަތަށް ދިރާސާކުރުމެވެ.

އީއާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި މުރަކަތައް ހެދޭ މިންވަރާއި ރޭޓު ދެނެގަތުމަށް ދެ ކޮންޓްރޯލް ސައިޓެއް ވެސް މިދިޔަ އަހަރު ގާއިމްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ އެ ކޮންޓްރޯލް ސައިޓުތަކުގެ ބޭނުމަކީ ގުދުރަތީ ގޮތުން ހަލާކުވެފައިވާ މުރަކަތައް ހެދި، އާލާވުމުގެ ބާރު ދެނެގަތުމާއި މަޝްރޫއުގެ ދަށުން ރަސްފަރި ފަރު އިއާދަކުރުމަށް ކުރެވޭ މަސައްކަތްތަކާ އަޅާކިޔުމުގެ ނިޒާމެއް ގާއިމްއިމުކުރުން ކަމަށެވެ. އަދި އެ ސައިޓުތަކުގެ މުރަކަތަކުގެ ސިއްހަތު މޮނިޓާކުރުމަށް ފިނިހޫނުމިން ދެނެގަތުމަށް ޓެމްޕަރޭޗާ ލޮގްތައް ހަރުކޮށް، އެ މައުލޫމާތު އެއްކުރަން ވެސް ފަށާއިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. 

ސަރުކާރުން ހިމާޔަތްކޮށްފައިވާ މާލެ އަތޮޅު ރަސްފަރި ފަރަށް އެރި އާގު ބޯޓެއްގެ ސަބަބުން ލިބުނު ގެއްލުން އިއާދަކުރުމަށް އެ ފަރުގައި މުރަކަ އިންދުމުގެ ފަސް އަހަރުގެ ބޮޑު މަޝްރޫއެއް އީއާރުއޭ އިން ފެށީ ނޮވެމްބަރު 3، 2023 ގަ އެވެ. 

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އެ ބޯޓު ރަސްފަރި ފަރަށް އެރީ އޮގަސްޓް 18، 2021 ގަ އެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށް އީއާރުއޭ އިން ހެދި އެސަސްމަންޓްތަކުން އެނގެ އެވެ. 

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން އެ ބޯޓުގެ ވެރިފަރާތަށް އީއާރުއޭގެ ސާވޭއަށް ފަހު އެންގި އެވެ. ނަމަވެސް، ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފަ އެވެ. ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީއާރުއޭއަށް ދައްކައިފަ އެވެ. ރަސްފަރި ފަރުގައި މުރަކަ އާލާކުރުމުގެ މަޝްރޫއެއް ފެށީ އެ ފައިސާއިންނެވެ. 

އެއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ހަމައެކަނި ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ހަރަދުކުރުމަށް ޝަރުތުކޮށް އެ ފައިސާ ދައުލަތަށް ހޯދުނު ވެސް ފުރަތަމަ ފަހަރެވެ.

ގާ ހުދުވުން ބޮޑު އަހަރުތަކެއް

ގާ ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ހާދިސާއެކެވެ. ދުނިޔެ ހޫނުވެ، އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން އާދެ އެވެ.

މިދިޔަ އަހަރާއި 2024 ވަނަ އަހަރު ވެސް ގާ ހުދުވުމުގެ ބޮޑެތި ހާދިސާތައް ހިނގި އެވެ. އެ ނުރައްކަލުގެ އިންޒާރު ވެސް ދުނިޔޭގެ ސައިންސްވެރިން ދީފައިވެ އެވެ. މީގެ ކުރިން ދުވަހަކު ވެސް ކަނޑުގެ ހޫނުމިން ނުދާހާ މައްޗަށް މިދިޔަ ދެ އަހަރު ގޮސްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. 

ރާއްޖޭގެ ފަރުތައް ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ. ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ ވެސް އެ ފަހަރެވެ. އެ ދިރާސާއަށް ފަހު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި ރާއްޖޭގެ ފަރުތަކުގެ 73 ޕަސެންޓް ހުދުވި އެވެ.

ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ. އަދި ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ގެއްލުން އިތުރަށް ބޮޑުވެ އެވެ.