ފެހުރިއްސާއި މަޑި ފެންނަ އއ. އަތޮޅުގެ ހިމާޔަތް ކޮށްފައިވާ ކަނޑުގެ ސަރަހައްދު (ސަންޕާ) މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ރޭންޖަރުންނާ އެކު ފުލުހުން ބައިވެރިވާން އިއްޔެ ފަށައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ސަރުކާރު ވެބްސައިޓުގައި ބުނީ ފުލުހުން އެ ސަރަހައްދު ބަލަހައްޓަން ފެށުމާ އެކު، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

އެ ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އީއާރުއޭ އިން އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެ ސަރަހައްދު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް

  • ބޭނުންކުރާ އުޅަނދަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުން
  • އުޅަނދުގައި ރަޖިސްޓްރީކޮށްފައިވާ ގައިޑެއް ހުރުން
  • އެ ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވަގުތު "ލައިވް ލޮކޭޝަން" ހިއްސާކުރުން
  • އުޅަނދުތަކުގައި ދިދަ ބޭނުންކުރުން
  • މި މަހުގެ 30 ގެ ކުރިން އުޅަނދުތަކުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ނުވަތަ ޕްރޮޕެލާ ގާޑްސް ހަރުކުރުން

މީގެ 17 އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ އެ ސަރަހައްދަށް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޓޫރިސްޓުންނެއް ގޮވައިގެން އުޅަނދުތައް ދެ އެވެ.

އެކަމަކު އެ ސަރަހައްދުގައި ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގާފައިވެ އެވެ. މިދިޔަ އަހަރު ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެ މީހާ މަރުވި އިރު، އޭގެ ފަހުން ވަނީ އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކޮށްފަ އެވެ.