އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓްގައި ފެހުރިއްސެއް ކައިރީގައި ބަޔަކު ފީނަނީ -- ފޮޓޯ: ނާޓިއާނެޓްވޯކް
01 މެއި 2025 - 12:27
"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ އުޅަނދުތައް ކޮންޓެކްޓް ޒޯނަށް ވަންނައިރު އުޅަނދުގައި ދިދަ ނަގަން ޖެހޭ ގޮތަށް ސަމްޕާ އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނު އިސްލާހުކޮށްފި އެވެ.
މީގެ 16 އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ މި ސަރަހައްދަށް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޓޫރިސްޓުންނެއް ގޮވައިގެން އުޅަނދުތައް ދެ އެވެ.
އެކަމަކު އެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ވެސް ހިނގާފައިވެ އެވެ. މި ފަހުން މީހެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެ މީހާ މަރުވެފައި ވާއިރު އޭގެ ފަހުން ވަނީ އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން ވެސް މަޖުބޫރުކޮށްފަ އެވެ.
ސަމްޕާ އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނަށް ގެނައި އިސްލާހުގައި ވަނީ އުޅަނދުތައް ކޮންޓެކްޓް ޒޯނުގައި ހަރަކާތްތެރިވާއިރު ބޭނުންކުރުމަށް ދިދައެއް ދޫކުރާނެ ކަމަށާއި އެ ތަނުގައި ހަރަކާތްތެރިވާއިރު އުޅަނދުގައި ދިދަ ނަގާފައި ބަހައްޓަން ޖެހޭނެ ކަމަށެވެ. ކުރިން އެ ޕްލޭންގައި އޮންނަނީ ފެހުރިއްސެއް ފެނިއްޖެ ނަމަ ރޭންޖާސް ހޮޓްލައިނަށް އަންގައި ދިދަ ނަގަން ޖެހޭ ގޮތަށެވެ.
އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ވަނުމުގެ ކުރިން ރޭންޖަރުންނަށް އަންގަން ޖެހެ އެވެ. އަދި ސްނޯކަލް ނުވަތަ ޑައިވް ކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ލައިވް ލޮކޭޝަން ވެސް ހިއްސާކުރަންޖެހެ އެވެ.
ޕްލޭނުގައި ބުނީ ކޮންޓެކްޓް ޒޯނުގެ ތެރޭގައި ހަރަކާތްތެރިވާއިރު، ފެހުރިހި ބެލުމަށް ޓޫރިސްޓުން މޫދަށް ބޭލުމަށް އުޅަނދު ކައިރި ކުރަން ވާނީ ފެހުރިހި ދަތުރުކުރާ މަގަށް ހުރަސް ނޭޅޭ ގޮތަށް ކަމަށެވެ. ފަރާވީ ފަޅިން ދޯނި ފެހުރިއްސާ ގާތްކުރުމާއި އެ ފަޅިން މީހުން ބޭލުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮންޓެކްޓު ޒޯނުގައި ހިމެނޭ 250 މީޓަރުގައި ފެހުރިހި ބެލުމަށް އެއްފަހަރާ ކައިރިވެވޭނީ ރޭންޖާ އުޅަނދު ހިމެނޭ ގޮތަށް ހަ އުޅަނދަކަށެވެ. އެ ތަނުގައި ހަރަކާތްތެރިވަމުންދަނިކޮށް ފެހުރިހި ފަދަ ދިރުމެއް ފެނިއްޖެ ނަމަ، ރޭންޖާސް ހޮޓްލައިނަށް އަންގަން ވާނެ ކަމާއި އުޅަނދުތައް އެ ތަނުގައި ތަރުތީބު ކުރުމުގައި ވެސް ބަލާނީ އެންމެ ފުރަތަމަ ރޭންޖާސް ހޮޓްލައިނަށް އެންގި އުޅަނދު ކަމަށް އިސްލާހުގައި ވެ އެވެ.
ސަމްޕާ ކްރޫގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ކެޕްޓަނާއި ފަޅުވެރިންގެ ލައިސަންސް އޮތް ފަރާތްތަކަށް އެކަންޏެވެ. މަދުވެގެން ރެސްކިއު ޑައިވް ލެވެލް ސެޓްފިކެޓެއް ނެތް ނަމަ ޕަޑީ ނުވަތަ އެސްއެސްއައި ނުވަތަ އެއާ އެއް ފެންވަރުގެ ސްނޯކްލިން ގައިޑް ސެޓިފައިޑް ފަރާތަކަށް ވާންޖެހެ އެވެ.
ސަންޕާ ގައިޑެއްގެ ގޮތުގައި އެޖެންސީގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުމާ އެކު، އެޖެންސީން ފޯރުކޮށްދޭ އިމްތިހާނުން މަދުވެގެން 90 ޕަސެންޓް ހޯދާފައިވާ ފަރާތަކަށް ވުމާއި އެ ސަރަހައްދަށް އާންމުކޮށް ޒިޔާރާތްކުރާ ފީލްޑްގައި ހަރަކާތްތެރިވުމާ އެކު އެ ޕްލޭނަށް އަހުލުވެރި މީހަކަށް ވާން ޖެހެ އެވެ.
މި ޕްލޭނަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 31 އިން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
02 May 2025
ދެން އަޅުގަނޑަށް ފެންނަނީ ފުލުހުން ފޮނުވައިގެން ފެހުރިހީގަ ދިދައެއްޖަހަން، އެއީ ތިތާ މޭޒުދޮށުގަ ތިއްބަވައިގެން ދޯނީގަ ދިދަނަގާ ދިދަނަގާ ގޮވިޔަކަސް އެކަން އިމްޕްލިމެންޓްކޮށް މޮނިޓަރކުރެވޭނެ ނިޒާމެއް ހަދަންނޭގުނީމަ ތިކަމެއްނުވާނެ.
މެނޭޖަރު
01 May 2025
ޓުވަރިޒަމް މިނިސްޓްރީ ހަދައިގެން މާލޭގައި ކޮންމެ މީހަކު ޑެސްކެއް ދޮށުގައި އިނދެގެން ތި ޤާނޫނެއް ތަންފީޒެއް ނުވާނެ. ޓުވަރިޒަމް މިނިސްޓްރީ އިން ވަޒީފާ ދީފައި ލައިފް ގާޑުން އެކުއަޓިކް ޓުވަރިސްޓް އެޓްރެކްޝަން ތަކަށް ފޮނުވާ މޮނީޓަރިން މެކޭނިޒަމްއެއް ހަދަން ޖެހޭ.
ފެހުރިހު
01 May 2025
ބަލަ، ކަލޭމެން މޮޅު ގާނޫނު ހަދާފަ ނިންމާލަނީ. ތިކިޔާކަންކަން ބަލަން ކޮންމެ ދުވަހަކު ޓީމެއް ބެހެއްޓުން ކިހިނެއްވަނީ؟
ބަބްސް
01 May 2025
" ބުރަފަތި ގާޑް " ގެ ހަބަރަކީ ކޮބާތޯ . ހަމަ އަހާލީ . ގާނޫނު ގަވާއިދު ހެދިދާނެ ، އަމަލު ނުކުރެވޭނެމަ އެވަނީ ބޭކާރު. ރާއްޖެއަކި ލާމަސީލް މިސާލެއް. ކަންމަތީގައި ދެރޮނގު ދެމިދާނެ . ޕާކް ކުރީމަ އަޅާލާނެ މީހަކު ނެތިއްޔާ ކީއްކުރަން ދަމާ ރޮނގެއް.
ދަގަނޑުއބީ
01 May 2025
ފެހުރިހި ހިމާޔަތް ކުރުމުގެ ނަމުގަ އެ ސަރަހައްދުތަކުގެ ބާރުު އެ ނަގަނީ ބަޔަކު އަަޑީގަ ތިބެގެން.