އެންމަޑީގެ ޓޫރިޒަމުން ރާއްޖެއަށް އަހަރަކު 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
"ތިމާވެށި ހިމާޔަތްކުރުމާއި ތަބީއީ މުއްސަނދިކަމުގެ އަގުވަޒަންކުރުން: ރާއްޖޭގައި އެންމަޑި ބެލުމުގެ ނޫ އިގުތިސާދު"ގެ މައުޟޫއަށް އޮސްޓްރޭލިއާގެ ސަންޝައިން ކޯސްޓު ޔުނިވާސިޓީއާ ގުޅިގެން ހެދި ދިރާސާއިން ދެއްކީ 2021 ވަނަ އަހަރު ރާއްޖޭގެ މަޑީގެ ޓޫރިޒަމުން ގާތްގަނޑަކަށް 227.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށެވެ.
އޭގެ ތެރޭގައި މަޑި ބަލަން ކުރާ ޑައިވިނާއި ސްނޯކްލިން ދަތުރުތަކުން ލިބުނު 39 މިލިއަން ޑޮލަރާއި އެކަމާ ގުޅުން ހުރި އެހެނިހެން ހަރަދުތަކުގެ ތެރެއިން ޓޫރިޒަމަށް ހޭދަކުރި 188 މިލިއަން ޑޮލަރު ހިމެނެ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ 2.6 ޕަސެންޓެވެ.
މަންތާ ޓްރަސްޓާއި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް ވެސް ބައިވެރިވެގެން ހެދި ދިރާސާގައި ބުނީ މަޑީގެ ޓޫރިޒަމް 2008 ވަނަ އަހަރާ އަޅާބަލާއިރު 380 ޕަސެންޓު ކުރިއަރާފައިވާ ކަމަށެވެ. އަދި ޓޫރިޒަމްގެ ހިދުމަތްދޭ ފަރާތްތަކުގެ 80 ޕަސެންޓު، މިހާރު މަޑި ބެލުމުގެ ހިދުމަތްދޭ ކަމަށް ވެސް ބުންޏެވެ.
"މި ހޯދުންތަކުން އެނގޭ ގޮތުގައި މަޑިއަކީ މި މުޖުތަމައުގައި ގަދަރުވެރި އަދި ސަގާފީގޮތުން މުހިއްމު ދިރުމެއް. މީގެ އިތުރުން، މި ސިނާއަތުގެ ސަބަބުން ލިބޭ މަންފާ ހަމައެކަނި ޓޫރިޒަމްގެ ދާއިރާއަށް ހުއްޓިފައެއް ނޯންނާނެ. މިކަމުގެ ސީދާ އަދި ނުސީދާ ނަފާ ރަށުގައި ހިންގާ ވިޔަފާރިތަކާއި މުވައްޒަފުންނާއި ދައުލަތަށް ލިބޭއިރު މަޑީގެ ޓޫރިޒަމުން ލިބޭ ސީދާ އިގުތިސޯދީ މަންފާ އަހަރަކު 311 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭ،" މިދިޔަ ޖޫން މަހު އާއްމުކުރި ދިރާސާގައި ވެ އެވެ.
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 106 ފަރާތަކުން މައުލޫމާތު އަދި ޑޭޓާ މައިނިން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާ ދައްކާގޮތުން އއ. އަތޮޅުގެ ރަށްތައް އަދި އދ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް، މަޑީގެ ޓޫރިޒަމުން ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.
މަޑި ބެލުމުގެ ޓޫރިޒަމުން ލިބޭ އާމްދަނީގެ ފައިދާ އާއްމުންނަށް ވެސް ކުރެ އެވެ. ޓުއަ އޮޕަރޭޓަރުންގެ ސާވޭތަކުން ދައްކާ ގޮތުގައި، އެންމަޑި ބަލަން ކުރާ ދަތުރުތަކުގައި ގަވައިދުން މަސައްކަތްކުރާ 3,876 މުވައްޒަފުން، އެއީ 2,602 ދިވެހިން އަދި 1,262 ބިދޭސީން ބައިވެރިވެ އެވެ.
ބ. އަތޮޅު ބަޔޯސްފިޔާ ރިޒާވް ބަލަހައްޓަން 12 ދިވެހިން ވަޒީފާގައި ތިބެ އެވެ.
މަޑީގެ ވިޔަފާރީގައި މުވައްޒަފުންގެ އަހަރީ މުސާރައަކީ 8،544 ޑޮލަރު (ރަސްމީ ރޭޓުން ބަލާނަމަ އަހަރަކަށް 131،748ރ.) އަދި ބިދޭސީންނަށް އަހަރަކު 10،464 (ރަސްމީ ރޭޓުން ބަލާނަމަ އަހަރަކަށް 161،354ރ.) ކަމަށް އެ ދިރާސާގައި ވެ އެވެ. މުވައްޒަފުންގެ ސާވިސް ޗާޖުގެ ގޮތުގައި 22,729,838 ޑޮލަރު ދީފައިވެ އެވެ.
އެންމަޑި ބެލުމުގެ ޓޫރިޒަމާއި އެކަން ބެލެހެއްޓުމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ 67 ޕަސެންޓަކީ ދިވެހިންނެވެ. އެންމަޑި ބެލުމުގެ ސިނާއަތުން ލިބޭ އިތުރު މަންފާތައް، ޓެކްސްގެ ގޮތުގައި 34,094,757 ޑޮލަރު ސަރުކާރަށް ލިބެ އެވެ.
ދިރާސާގައިވާ ގޮތުން ރާއްޖެއަށް އަހަރަކު ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުވަމުން ދިއުމާއެކު ޓޫރިޒަމުން ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެެވެ. މީގެ ކުރިން ހެދި، 2009-2022 އަހަރުގެ ރޫޓިން ޑިޕާޗާ ސާވޭގައި ބައިވެރިވި 55 ޕަސެންޓު މީހުން ބުނީ ރާއްޖެއަށް ޒިޔާރަތްކުރި މައިގަނޑު ސަބަބަކީ ކަނޑުއަޑީގެ ރީތިކަން ކަމަށެވެ.
ބޭރު ޓޫރިސްޓުންގެ 26 ޕަސެންޓު ހާއްސަކޮށް ޝައުގުވެރިވަނީ ފީނުމާއި ސްނޯކްލިންނަށެވެ. މަޑި ހިމެނޭ ގޮތަށް ކަނޑުއަޑީގެ ބޮޑެތި ދިރުންތަކަށް 22 ޕަސެންޓު މީހުންގެ ޝައުގު ދަމައިގަނެފައިވެ އެވެ.
ޓުއަ އޮޕަރޭޓަރުން ރޭންކުކޮށްފައިވާ ގޮތުގައި، މަޑިއަކީ ފީނުމާއި ސްނޯކްލިންނަށް އަންނަ ޓޫރިސްޓުން އެންމެ ދެކެން ބޭނުންވާ ކަނޑުގެ ދިރުންތަކުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި އޭގެ ތެރެއިން 28 އިންސައްތަ މީހުން އެންމަޑި ބަލާފައިވަނީ އެންމެ މަގުބޫލު ކަންތައް ނުވަތަ މަންޒަރުގެ ގޮތުގަ އެވެ.
މީގެއިތުރުން، އެންމަޑިއަކީ މާކެޓިންގެ ޒަރީއާއިން ވިޔަފާރިތަކަށް މާލީ މަންފާ އިތުރުކޮށްދޭ އަދި އާ ކަސްޓަމަރުން ޝައުގުވެރިކުރުވުމަށް ވިޔަފާރިތަކުން ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.
ކުރާ ނޭދެވޭ އަސަރު
ޓޫރިޒަމް ރަނގަޅަށް ނުދެމެހެއްޓި ނުވަތަ ސަރަހައްދަކަށް ނުކަތާ ވަރަށް ޓޫރިސްޓުން ގެންދާ ނަމަ އެއީ ދެމެހެއްޓެނިވި ސިނާއަތަކަށް ނުވާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެކަން ތަންފީޒުކުރަން ގަވައިދުތައް ބޭނުންވާކަން ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި، ފުރާނައަށް ނުރައްކާނުވާ ވަރުގެ އަނިޔާތަކާއި ޓޫރިސްޓުންގެ އުޅުމުގެ ސަބަބުން މަޑިއަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށާއި އޭގެ ސަބަބުން އެ ތަކެތި އާލާވުމުގެ ގާބިލުކަން ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، މަޑި، ކެއުން ހޯދާ ސަރަހައްދުތަކާއި އެހެނިހެން މުހިންމު މާހައުލުތައް ރައްކާތެރިކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ދިރާސާގައިވެ އެވެ.
ރާއްޖޭގައި މަޑި ބެލުމުގެ ދަތުރުތައް ފުޅާދާއިރާއެއްގައި ގެންދިޔަ ނަމަވެސް އެ ސަރަހައްދުތަކަށް މީހުން ޒިޔާރަތްކުރާ މިންވަރު ވަޒަންކުރެވިފައިނުވުމަކީ، އެ ދާއިރާއަށް ކުރާ ނޭދެވޭ އަސަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
"މީހުން ޒިޔާރަތްކުރާ މިންވަރު ބެލުމަށް ކުރިއަށް އޮތް ތަނުގައި ދިރާސާކުރުމަކީ، ޓޫރިޒަމްގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތައް ރަނގަޅަށް ވަޒަންކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެހެން މުހިއްމު ކަމެއް،" ދިރާސާގައިވެ އެވެ.